ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ޑީޕް ޓްރެކަރއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި ބޭނުންކުރާ ޑްރޯނެއް މިއަދު ހަދިޔާކޮށްފި އެވެ.
މި ވަސީލަތްތައް ހަދިޔާކޮށްފައިވަނީ މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެ ވަސީލަތްތައް އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ، ޙުސައިން ފަޙުމީއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ ޑްރޯނަކީ ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. އަދި ޑީޕް ޓްރެކަރަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބޮޓިކް އާރމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ވަސީލަތެކެވެ.
މި ވަސީލަތްތައް ހަދިޔާކުރުމުން އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިޔު އަދި އަލިފާން ނިއްވުމުގެ ޤާބިލުކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިފަދަ މުހިންމު ވަސީލަތްތައް ހަދިޔާކުރުމަކީ ސްޓެލްކޯއިން ދިވެހި މުޖުތަމަޢުއަށް އަދާކުރާ އިޖުތިމާޢީ ޒިންމާގެ ބައެއް ކަމުގައި ފާހަގަކުރެވެއެވެ.