ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ރަމީލާ މަޤާމުން އިސްތިއުފާދެއްވުމުން، އެކަމަނާގެ އިސްތިއުފާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރަށްވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ވަޒީރު ރަމީލާ އިސްތިއުފާދެއްވާފައި ވަނީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުންނެވެ.
ރަމީލާ އިސްތިއުފާ ހުށަހެޅުއްވުމުން އެކަން އެކަން އަޅުގަނޑު ޤަބޫލުކުރަށްވައި ނެރުއްވި ނޫސްބަޔާނެއްގައި ރައީސް ވިދާޅުވެފައި ވަނީ ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރުގެ ހައިސިއްޔަތުން، މަސައްކަތްކޮށްދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން ކަމަށެވެ. އަދި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވެ، ރަމީލާ ދެއްވި އެއްބާރުލެއްވުން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ވަނީ ވަޒީރެއްގެ ހައިސިއްޔަތުން ރަމީލާ ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކެއްކަމަށް ވިދާޅުވެ، ރަމީލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަށްވާފައެވެ.
''ޑޮކްޓަރ ޢާއިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތްތާނގައިވެސް ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން އަޅުގަނޑު ޔަޤީންކުރަމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރުގެ މަޤާމަށް ޑރ. އައިޝަތު ރަމީލާ ޢައްޔަނުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް އެކުލަވާލި ދުވަހު 17 ނޮވެމްބަރު 2023 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!