ހދ.ހޮނޑައިދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރިތާ 25 އަހަރު (ރިހިޔޫބިލް) ފުރުން ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމް ގެންގުޅުއްވި އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުކޮށްފައިވަނީ 1999 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅެވެ. ހަނިމާދޫއަށް ބަދަލުވި ފުރަތަމަ މީހުން އައިސްފައި ވަނީ 26 ނޮވެމްބަރ ގައެވެ. އެންމެ ފަހު މީހުން އައިސްފައި ވަނީ 29 ނޮވެމްބަރ ގައެވެ. ރަސްމީގޮތެއްގައި އެ ރަށަކީ ފަޅުރަށެއްކަމުގައި ސަރުކާރުން ހަމަޖައްސާފައިވަނީ 2000 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުވިތާ 25 އަހަރުފުރުން ފާހަގަ ކުރުމަށް އެ އަވަށަށް ނިސްބަތްވާ އެންމެން ޝާމިލްވާހެން ރޭ ވަނީ ޑިނާ ނައިޓެއް ބާއްވާފައެވެ.
ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (4): ހދ. ހޮނޑައިދޫ އާއި ފަރިދޫ
މި ހަރަކާތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން، ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހަނިމާދޫ ކައުންސިލްގެ ރައީސްކަން ދެ ދައުރު ކުރަށްވާފައިވާ، އަބްދުއްސަލާމް އަލީ ބުނީ ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުވިތާ 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، އަވަށު އެންމެން އެއްތަން ކުރުވަނިވި ހަރަކާތެއް ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ ހީނަރުވެފައިވާ ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.
ހޮނޑައިދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރިތާ ރިހިޔޫބީލް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން
"މުޖުތަމައަށް އައި ބަދަލުތަކާއިއެކު އާއިލާތަކުގެ ގުޅުމާއި އަވައްޓެރިކަމުގެ ގުޅުންތައް ވެސް މިވަނީ ކުޑަވެފަ، ސިޔާސީ ބައިބައިވުންތައް މިވަނީ އިތުރުވެފަ، އެންމެ ބޮޑު ބޭނުމަކީ ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުން، މިއީ ފެށުމެއްގެ ގޮތުގައި އަޅުގަނޑުމެން މި ދެކެނީ" ސަލާމް ބުނެފައިވެއެވެ.
ސަލާމް އިތުރަށް ބުނީ މި ހަރަކާތް އިންތިޒާމް ކުރުމަށް މަޝްވަރާކޮށް ހިޔާލު ހޯދުމަށް އަވަށުގެ ހުރިހާ ގެއަކަށް ހިނގި ކަމަށާއި، ފާހަގަކުރެވުނީ އެންމެން ވެސް، ގުޅުން ބަދަހިކުރުވަނިވި ހަރަކާތެއް ބާއްވަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަން ކަމަށެވެ. ޑިނާ ނައިޓެއް ބާއްވަން ނިންމައި އެކަމަށް ބޭނުންވާ ކެއުންތައް ތައްޔާރު ކުރުމުގައި އަވަށުގެ އަންހެން ވެރިންނަށް ހަވާލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެތައް ޒަމާނެއް ވަންދެން ބައްދަލުވެ ވާހަކަ ދައްކާލައި ހީ މަޖާކޮށްލަން ނުލިބި އޮތް ފުރުސަތު އެ މީހުންނަށް ވެސް ހޯދައި ދިނުން ކަމަށާއި އެކަން ވަރަށް ފުރިހަމައަށް ހާސިލްވެގެން ގޮސްފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ރޭ ބޭއްވި ހަރަކާތުގައި ކުދިބޮޑު އެންމެން ހިމެނޭހެން އަވަށު އެންމެން ބައިވެރިވެފައިވާކަން ފާހަގަ ކުރަމުން ސަލާމް ބުނީ މިގޮތަށް އަވަށު އެންމެން އެއްތާކުން ގިނަ ދުވަސްތަކަކަށް ފަހު ދިމާވުމުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިހުސާސަތަކެއް ކުރެވިގެން ދިޔަކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަކަމަށެވެ.
އެންމެން އެއްތަން ކުރުވައި ގުޅުންތައް ބަދަހިވާފަދަ ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ބޭއްވުމަކީ އަވަށުގެ އެންމެން ވެސް ބޭނުންވާ ގޮތް ކަމަށާއި ވުމާއިއެކު ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމުގައި ސަލާމް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!