ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ.

ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅިގެން ރަށް ދޫކޮށް އެހެން ރަށަކަށް މީހުން ބަދަލުވެފައި އެބަހުއްޓެވެ. މިފަދަ ކަންތަކުގެ ބަޔާންތައް ތާރީޚީ ލިޔުން ތަކުންނާއި މިޒަމާނުގެ ބައެއް އިލްމުވެރީންގެ ލިޔުއްވުން ތަކުން ފެންނަން އެބަހުއްޓެވެ. އެވާހަކަތަކުގެ ގިނަކަމާ އެކު، އަޅުގަނޑު މި ރިޕޯޓުގައި އަލި އަޅުވާލަނީ މީހުން ބަދަލު ވުމުގެ އޮއިވަރުގެ އެއްބަޔަށެވެ. އެއީ ސަރުކާރުން އަންގަވައިގެން، ނުވަތަ ސަރުކާރުން އެކަމަށް ބާރު އަޅުއްވައިގެން އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ މައްޗަށެވެ. ހަމައެކަނި މިހިނގާ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި އެކަންޏެވެ.

Ad
rt

ފަހެ، ފަހަކަށް އައިސް އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ އޮއިވަރު ވަނީ، މުޅިރާއްޖޭގައި ވެސް ހިނގާފައެވެ. އެހެންކަމުން ބަލާލަން ފަސޭހަވާނީ ކޮންމެވެސް ތަރުތީބަކުން ފެށިއްޔާކަމަށް ފެންނާތީ، އަޅުގަނޑު ތަރުތީބު ކޮށްފައި މިވަނީ، އުތުރުން ދެކުނަށް ރަށްރަށް ވަކިވަކީން ނެވެ.

ހޮނޑައިދޫ

ހދ. އަތޮޅު: (ފުރަތަމަ މަރްހަލާ)

ސަރުކާރުން މިމަސައްކަތް ރަސްމީ ސިފައެއްގައި ކުރިޔަށް ގެންދެވުމަށް ޓަކައި، 1968 ވަނަ އަހަރުގައި ފާސް ކުރެއްވި ގާނޫނެއްގައި ވަނީ މިހެންނެވެ.

ބިލް ނަންބަރު: 6/68

ތާރީޚު: 1968 – 02 – 10.

އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުން ނެތް ކޮންމެރަށެއް ފަޅުރަށެއް ކަމުގައި ހަމަޖެއްސެމުމުގެ ބިލް.

އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުންނެތް ކޮންމެ ރަށަކީ، ފަޅުރަށެއްކަމުގައި ހަމަޖެއްސުން:

މިބިލަށް އަމަލު ކުރާނީ، 1 މާޗު 1968 މިދުވަހުން ފެށިގެންނެވެ.

ހޮނޑައިދޫ

1، ހޮނޑައިދޫ: ހޮނޑައިދޫ މީހުން ހަނިމާދުވަށް ބަދަލުކުރީ، 13 އޯގަސްޓް 1968 ވަނަ ދުވަހުގެ ހަވީރު، 3:00 ގައެވެ. އޭރު ހޮނޑައިދޫގެ އާބާދީއަކީ، 96 މީހުންނެވެ. ހޮނޑައިދޫ މީހުން އެނބުރި ހޮނޑައިދުވަށް ބަދަލުވީ، 17 މާޗް 1975 ގައެވެ.

2، ފަރިދޫ: ފަރިދޫ މީހުން ހަނިމާދުވަށް ބަދަލުކުރީ، 7 ޖޫން 1969 ގައެވެ. ފަރިދޫ މީހުން ހަނިމާދުވަށް ދިޔައިރު އާބާދީއަކީ، 127 މީހުންނެވެ. ފަރިދޫ މީހުން އެނބުރި ފަރިދުވަށް ބަދަލުވީ، 17 މާޗް 1975 ގައެވެ.

ފަރިދޫ

ދެވަނަ މަރްހަލާ

ތިލަދުންމަތީ ދެކުނުބުރީ ފަރިދުއާއި ހޮނޑައިދޫގެ މީހުން އެހެން ރަށަކަށް ބަދަލުވާން އެދޭކަމަށް މިނިސްޓަރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުން އޭރުގެ މިނިސްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމް، 14 ފެބްރުއަރީ 1993 ގައި ހޮނޑައިދުވަށާއި ފަރިދުވަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެދެރަށުން މީހުން ބަދަލު ވުމުގައި ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް އޮޅުން ފިލުއްވައި ދެއްވުމަށް ފަހު، އެ ދެރަށުން ކުރެ ކޮންމެ ރަށެއްގެ ވެސް ގޭގެ ވެރިންނާއި ވަކިވަކިން ބައްދަލު ކުރައްވައި އެމީހުން ގަސްދު ކުރާގޮތް އޮޅުން ފިލުއްވައި، އެމީސްމީހުން ބުނާ ބުނުމުގައި ސޮއި ވެސް ވަނީ ކުރުވާފަ އެވެ. ދާންއެދޭ ރަށްރަށް އަމިއްލައަށް ބުނެ އެމީހުން ބަޔާންދީފައި އެބަހުއްޓެވެ. ވަރަށް މަދު ގެއެއްގެ ވެރީން ރަށުގައި ނެތުމުގެ ސަބަބުން އެމީހުންގެ ޚިޔާލު ހޯދިފައެއް ނުވެއެވެ.

ހޮނޑައިދޫގައި ހުރި، 31 ގޭގެ ވެރިންގެ ތެރެއިން މިނިސްޓަރު ބައްދަލު ކުރެއްވި، 29 މީހުންކުރެ، 26 މީހުން އެދިފައި ވަނީ، ހދ. ހަނިމާދުވަށް ބަދަލުވާށެވެ. ދެންތިބި، 3 މީހުންގެ ތެރެއިން ދެމީހުން އެދެނީ، ހދ. ފިނޭއަށް ބަދަލުވާށެވެ. އަނެކަކު ބުނެފައި ވަނީ ގިނަމީހުންދާ ރަށަކަށް ދާންއެދޭ ކަމަށެވެ.

ފަރިދޫގައި، 36 ގޭގެ ވެރިންގެ ތެރެއިން މިނިސްޓަރު ބައްދަލު ކުރެއްވި، 30 މީހުންކުރެ، 13 މީހުން އެދެނީ، ހދ. ހަނިމާދުވަށް ބަދަލުވާށެވެ. ދެންތިބި، 17 މީހުންގެ ތެރެއިން، 13 މީހުން އެދެނީ، ހދ. ނޮޅިވަރަންފަރަށް ބަދަލުވާށެވެ. އަނެއް، 4 މީހުންގެ ތެރެއިން އެކަކު އެދެނީ، ހދ. ފިނޭއަށް ބަދަލުވާށެވެ. އަނެކަކު އެދެނީ، ހދ. ނެއްލައިދުވަށް ބަދަލުވާށެވެ. ދެންތިބި، 2 މީހުން ބުނެފައި ވަނީ ކަތީބު ސާހިބު ބަދަލުވާ ރަށަކަށް ބަދަލުވާން އެދޭކަމަށެވެ.

ފަހެ، މިދެރަށުގެ ތެރެއިން ހޮނޑައިދޫގެ ގޯތިގެދޮރު ވަނީ އެދުވަސްވަރު އަގުމަގުކޮށް ނިންމައި، އަދި ފަހުން ގެހަދައި މަރާމާތު ކުރުމުގެ ހުއްދަ ދެއްވާފައެވެ. އެހެނަސް އަމިއްލަ މީސްމީހުންގެ ރުއްގަހުގެ އަގުކޮށް ހަދާފައެއް ނުވެއެވެ. މިދެރަށުގެ މީހުން ބަދަލުކުރާނެ ވަކިޚާއްސަ ރަށެއް އޭރު ހަމަޖައްސާފައެއް ނުވެއެވެ. އޮތްގޮތަކީ އެމީހަކު ބޭނުން ރަށަކަށް ބަދަލު ކުރާގޮތަށެވެ. މި ދެރަށުގެ މީހުން ބަދަލު ކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށިފައެއް ނުވެއެވެ.

1996 ވަނަ އަހަރުގެ ނިޔަލަށް ހޮނޑައިދޫގެ އާބާދީއަކީ، 164 މީހުންނެވެ. އަދި، 1996 ގެ ނިޔަލަށް ފަރިދޫގެ އާބާދީއަކީ، 209 މީހުންނެވެ.

ހދ. ހޮނޑައިދޫ:

މިހާރު ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު، މުޅިރަށް އެކުގައި ބަދަލުކޮށް ދިނުމަށް އެދި ހދ. އަތޮޅުން އެދިފައި ވަނީ، ހޮނޑައިދޫ އެކަންޏެވެ.

އާދެ! ޖޫން 1996 ގައި ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލުކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ރޭވެންފެށުމާ ގުޅިގެން ހޮނޑައިދޫން ހަނިމާދުވަށް ބަދަލުކޮށް ދިނުމަށް އެދި ސިޑުގައި އެރަށުގެ، 3 އާއިލާ އަކުން، 15 އެޕްރީލް 1996 ގައި އެދިފައިވެއެވެ. މިތިން ގޭގެ މީހުން ހަނިމާދުވަށް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދެއްވީ، 07 އޮކްޓޯބަރ 1996 ގައެވެ.

ފަހެ، މިތިން ގޭގެ މަސައްކަތް ހަނިމާދޫގައި ފަށައިގަތުމާ އެކު ހޮނޑައިދޫ ގައި، 30 ގެއެއްގައި ދިރިއުޅެމުންދާ އެންމެންވެސް ހަނިމާދުވަށް ބަދަކުކޮށް ދެއްވުމަށް އެދި ސިޑަށް ހުށަހަޅައިފި އެވެ. މިކަން މިހާ ފަސޭހަކޮށް އެރަށުގެ ހުރިހާ ރައްޔިތުން ގަބޫލުކުރީ ފުނަދޫގައި އަދި މިލަންދޫގައި ސިޑުން އަޅައިދޭނެ ގެތަކުގެ ތަފްސީލްތައް ހާމަކޮށް އެކަން ރައްޔިތުންނަށް ކިޔައިދޭން ފެށުމުންނެވެ. މިކަންކުރުމަށް އަޅުގަނޑު ކުޑަފޮތެއް ސިޑުގެ ނަމުގައި ލިޔެ ޗާޕުކޮށްގެން ތައްޔާރުކޮށް އޮޅުން ފިލުވައިދީ ބަހަންފެށުމުން މިކަމަށް ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ.

ބަނޑޭރިގަނޑު

ބަނޑޭރިގަނޑު

ފަހެ، މިކަމާ ގުޅިގެން، 4 މެއި 1997 ދުވަހު ވަޒީރުންގެ މަޖިލީހަށް ހދ. ހޮނޑައިދޫ ރައްޔިތުން އެއަތޮޅު ހަނިމާދުވަށް ބަދަލު ކުރުމުގެ މައްސަލަ ހުށަހެޅި އެމައްސަލައާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު، މީހުން ދިރިއުޅޭ ބިމުގެ ގޮތުން ތަނަވަސް، ދިރިއުޅެން ފަސޭހަ ރަށްރަށަށް މީސްކޮޅު މަދު ދިރިއުޅެން ދަތި ރަށްރަށުގެ މީހުން ބަދަލުވުމަކީ، ސަރުކާރުން ތަރުހީބު ދެއްވާ ކަމަކަށް ވާތީއާއި ހޮނޑައިދޫ އަކީ އެފަދަ ރަށަކަށް ވާތީ، ހޮނޑައިދޫ ރައްޔިތުން އެދޭ ގޮތުގެމަތިން އެރަށު މީހުން ތިލަދުނަމަތީ ދެކުނުބުރީ ހަނިމާދުވަށް ބަދަލުކޮށް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

ވީމާ ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން ހޮނޑައިދޫ މީހުން ހަނިމާދުވަށް ބަދަލު ކުރުމުގެ މަސައްކަތް މިގެންދަނީ ސިޑުން ވަރަށް ބާރަށް ކުރިޔަށެވެ. މިހާތަނަށް އެޕްރޮޖެކްޓަށް ޚަރަދު ކުރެވިފައި ވަނީ، 69,013.50 (ފަސްދޮޅަސް ނުވަހާސް ތޭރަ ރުފިޔާ ފަންސާސް ލާރި) އެވެ. ﷲގެ އިރާދަފުޅާ އެކު ކުރިޔަށް އޮތް، 2 މަސް ދުވަހުގެ ތެރޭގައި ހަލުއިގޮތަކަށް މި ޕްރޮޖެކްޓުގެ މަސައްކަތް ހިންގާގޮތަށް މިހާރު ވަނީ ސިޑުން ރާވާއި ހަމަޖައްސާފަ އެވެ. މިރަށް އެކުގައި ވީހާ އަވަހަށް ހުސްކޮށް ލުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ވަރުގަދަ އަޒުމެކެވެ. 1996 ވަނަ އަހަރުގެ ނިޔަލަށް ހޮނޑައިދޫގެ އާބާދީއަކީ، 165 މީހުންނެވެ.

އާދެ! ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކުގައި މީހުން ބަދަލުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށި ހިންގަމުން ދަނީ މަތީގައި މިދެންނެވުނު ތިން ރަށް ކަމުގައިވާ ށ. ފިރުނބައިދޫ މީހުން އެއަތޮޅު ފުނަދުވަށް ބަދަލުކުރުމުގެ މަސައްކަތާއި، ށ. މާކަނޑޫދޫ މީހުންގެ ތެރެއިން އެއަތޮޅު މިލަންދުވަށް ބަދަލުވާން އެދޭ މީހުން މިލަންދުވަށް، އަދި ފުނަދުވަށް ބަދަލުވާން އެދޭ މީހުން ފުނަދުވަށް ބަދަލުކުރުމުގެ މަސައްކަތާއި، ހދ. ހޮނަޑައިދޫ މީހުން އެއަތޮޅު ހަނިމާދުވަށް ބަދަލުކުރުމުގެ މަސައްކަތެވެ. ފަހެ، މިއީ މިނިސްޓަރ ޢަބްދުއް ރަޝީދު ޙުސައިން އިސްނަންވައި އަޅުގަނޑުލައްވާ ކުރުވި ވަރަށް ފުރިހަމަ އެހާމެ އަވަހަށް ކުރެވުނު މަސައްކަތެވެ. މިމަސައްކަތުގެ ނަތީޖާއިން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ދިރިއުޅެން އުނދަގޫ ތިންރަށެއް ފަޅުކުރެވުނެވެ. އެއީ ހޮނޑައިދޫ، ފިރުނބައިދޫ އަދި މާކަނޑޫދުއެވެ. އެހެނަސް މިހުސްވި ރަށްރަށުގެ ބޭނުން ސަރުކާރުން ކުރެއްވީ، މިމަޝްރޫއު ރޭވުނު އިރު އަޅުގަނޑުމެން ވިސްނިގޮތާއި ޚިލާފަށް އެކިއެކި ސިޔާސީ ބޭނުންތައް ހޯދުމަށެވެ. ހޮނޑައިދޫ ދެއްވީ، އެމްޕީ ޖާބިރު (ލޮލީ) އަށެވެ. މާކަނޑޫދޫ ދެއްވީ އެމްޕީ އަހްމަދު ނާޒިމް (ޖަނގިޔާ) އަށެވެ. އަދި ވެސް މިރަށްރަށުން އެރަށްތައް ހުސްކުރަން ދިޔަ ޚަރަދު ދައުލަތަށް ވަން ކަމެއް އަޅުގަނޑަށް ބެލިފައެއް ނެތެވެ. އަޅުގަނޑުމެން ރޭވީ ފަސް އަހަރު ތެރޭގައި އެކަމަށް ހިނގި ޚަރަދު ލިބޭގޮތަށް މިރަށްރަށް މިނިވަން ބިޑަށް ހުޅުވާލުމަށް އެދޭ ގޮތަށެވެ.

އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންނަށް އިމާރާތް ކޮށްދޭ ގެތަކަށް ހިނގާނެ ކަމަށް ލަފާކުރާ ޚަރަދު:

ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންނަށް ގެ އަޅައ ިދިނުމުގެ ގޮތުން ފުރަތަމަ ފަހަރު އިއުލާނު ކުރުމުން އެކި ކުންފުނިތަކުން އެގެތައް އަޅައިދޭން ހުށަހެޅި އަގުތައް ތިރީގައި އެވަނީއެވެ. ފުރަތަމަ ފިޔަވަހީގެ ގެ ތައް ބަހާލެވުނީ، 1 ކޮޓަރީގެ ގެ އާއި، 2 ކޮޓަރީގެ ގެ އާއި، 3 ކޮޓަރީގެ ގެ އާއި، 4 ކޮޓަރީގެ ގެ އައި، އަދި، 5 ކޮޓަރީގެ ގެ އަށެވެ.

ގެތައް

ގެތައް

ފަހެ، އެފިޔަވަހީގެ ގެ ތައް އިމާރަތްކޮށް ދިނުމަށް އެދި ޓެންޑަރަށް އިއުލާނު ކުރުމުން އެމަސައްކަތްކޮށް ދިނުމަށް އަންދާސީ ހިސާބު ހުށަހެޅި ކުންފުނިތަކާއި އެފަރާތްތަކުން އެކި ސައިޒުގެ ގެ ތައް އިމާރާޔްކޮށް ދިނުމަށް ހުށަހެޅި އަގު ތަކަކީ މިއެވެ.

ފަހެ، ތިރީގައި މިގެގެސްދެނީ އެ ކުންފުނިތަކާއި އެކި ސައިޒުގެ ގެތަކަށް އެކިކުންފުނިން ހުށަހެޅީ އަގުތަކުގެ ތަފްސީލެވެ:

1، ވިމްލާ ކޮންސްޓްރްކްޝަން ކުންފުނި

*އެއް ކޮޓަރީގެ ގެއަކަށް: 236,254.12

*ދެ ކޮޓަރީގެ ގެއަކަށް: 276,970.49

*ތިން ކޮޓަރީގެ ގެއަކަށް: 324,500.53

*ހަތަރު ކޮޓަރީގެ ގެއަކަށް: 380,655,53

*ފަސް ކޮޓަރީގެ ގެއަކަށް: 345,760.53

2، އަލީ ވަހީދު ގ. ވަށްފުށި / މާލެ. އަމިއްލަ ގޮތުން

*އެއް ކޮޓަރީގެ ގެއަކަށް: 108,012.86

*ދެ ކޮޓަރީގެ ގެއަކަށް: 123,009.61

*ތިން ކޮޓަރީގެ ގެއަކަށް: 136,399.61

*ހަތަރު ކޮޓަރީގެ ގެއަކަށް: 130,509.41

*ފަސް ކޮޓަރީގެ ގެއަކަށް: 147,972.79

3.ފެޝަން ވުޑް ވޯކްސް ކުންފުނި

*އެއް ކޮޓަރީގެ ގެއަކަށް: 244,827.40

*ދެ ކޮޓަރީގެ ގެއަކަށް: 123,009.61

*ތިން ކޮޓަރީގެ ގެއަކަށް: 329,848.25

*ހަތަރު ކޮޓަރީގެ ގެއަކަށް: 354,498.53

*ފަސް ކޮޓަރީގެ ގެއަކަށް: 404,862.30

4، ހަވާ ވުޑް ވޯކްސް ކޮންޓަރެކްޓާސް ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް: 247,764.76

*ދެ ކޮޓަރީގެ ގެއަކަށް: 292,330.73

*ތިން ކޮޓަރީގެ ގެއަކަށް: 355,078.13

*ހަތަރު ކޮޓަރީގެ ގެއަކަށް: 386,509.41

*ފަސް ކޮޓަރީގެ ގެއަކަށް: 434,105.90

5، އެމް އެމް އެމް ކޮންޓްރެކްޓިން އެންޑް ޓްރޭޑް ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް: 261,289.54

*ދެ ކޮޓަރީގެ ގެއަކަށް: 331,797.96

*ތިން ކޮޓަރީގެ ގެއަކަށް: 329,062.10

*ހަތަރު ކޮޓަރީގެ ގެއަކަށް: 436,268.67

*ފަސް ކޮޓަރީގެ ގެއަކަށް: 475,336.12

6، ލަކީހިޔާ ކޮންޓްރެކްޓިން އެންޑް ޓްރޭޑް ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް: 261,289.54

*ދެ ކޮޓަރީގެ ގެއަކަށް: 331,797.96

*ތިން ކޮޓަރީގެ ގެއަކަށް: 329,062.10

*ހަތަރު ކޮޓަރީގެ ގެއަކަށް: 410,675.97

*ފަސް ކޮޓަރީގެ ގެއަކަށް: 449,355.42

7، ރަޝީދު ކާޕެންޓްރީ ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް: 193,062.00

*ދެ ކޮޓަރީގެ ގެއަކަށް: 228,063.00

*ތިން ކޮޓަރީގެ ގެއަކަށް: 180,000.00

*ހަތަރު ކޮޓަރީގެ ގެއަކަށް: 219,995.97

*ފަސް ކޮޓަރީގެ ގެއަކަށް: 306,794.00

8، ޕޮއިންޓް ޓްރޭޑިން ކޮންޕެނީ ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް: 292,600.00

*ދެ ކޮޓަރީގެ ގެއަކަށް: 313,600.00

*ތިން ކޮޓަރީގެ ގެއަކަށް: 414,400.00

*ހަތަރު ކޮޓަރީގެ ގެއަކަށް: 435,480.00

*ފަސް ކޮޓަރީގެ ގެއަކަށް: 504,000.00

9، ކޮންޓިނެންޓަލް ކޮންސްޓްރަކްޝަން ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް: 222,034.00

*ދެ ކޮޓަރީގެ ގެއަކަށް: 224,034.00

*ތިން ކޮޓަރީގެ ގެއަކަށް: 266,440.00

*ހަތަރު ކޮޓަރީގެ ގެއަކަށް: 310,846.00

*ފަސް ކޮޓަރީގެ ގެއަކަށް: 355,254.00

10، ޖައުޝާ ކޮންޓްރެކްޓިން މޯލްޑިވްސް ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް: 180,965.00

*ދެ ކޮޓަރީގެ ގެއަކަށް: 229,809.00

*ތިން ކޮޓަރީގެ ގެއަކަށް: 281,540.00

*ހަތަރު ކޮޓަރީގެ ގެއަކަށް: 297,962.00

*ފަސް ކޮޓަރީގެ ގެއަކަށް: 345,963.00

ފަހެ، މިއަގުތަކަށް ބަލާއިރު ތަފާތު ބޮޑުވެފައި އަގުތައް މަތިކަމުން އެފަހަރު މަސައްކަތް ހަވާލުކުރީ އެންމެދަށް އަގު ހުށަހެޅި ފަރާތް ކަމުގައިވާ އަލްފާޟިލް އަލީ ވަހީދު ގ. ވަށްފުށި/މާލެ އާއެވެ. އަލީ ވަހީދުގެ އަގުތަކަށް ބަލާއި ދިރާސާ ކުރިއިރު އެއީ ވަރަށް ދަށް އަގެކެވެ. އެހެނަސް މިފެންވަރުގެ މަސައްކަތެއް ކުރެވޭނެކަމަށް ސިޑަށް ފެނިގެންނާއި އަދި އަލީވަހީދު ވެސް އެކަމަށް އެއްބަސް ވާތީ، މިއަގުތައް ރަނގަޅުކަމަށް ނިންމައި ހަވާލުކުރީއެވެ. މިއަގުތަކަކީ ހަމަ އެކަނިގެއާއި ބަދިގޭގެ އިމާރަތްތައް ކޮށް ދިނުމުގެ އަގުތަކެވެ. ވަށާފާރާއި އިންފާރުތައް، އަދި ފާޚާނާހޮޅި ލައިން ނުހިމަނައެވެ.

ހޮނޑައިދޫ

ބިންސާފު ކުރުމާއި ވަށަފާރުލާއި މަގުމަތީ ދޮރާއްޓާއި ދޮރުފަތްލައިދީ ފާރުގައި ކުލަލާ ދޮރުގައި ދަވާދުލާ ފާޚާނާހޮޅި ލައިނުގެ އަގާއެކު މިއިން ގެ އަކަށް، 50 ހާސް ރުފިޔާ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންވުމާ އެކު، ސިޑުން ނިންމާފައި ވަނީ، ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންނަށް އަޅައިދޭ ކޮންމެ، 30 ގެ އަކަށް، 10.5 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަގު އަންދާޒާ ކޮށްފައި އެވަނީ ހުރިހާ މަސައްކަތެއް އެކުލެވޭ ގޮތަށް ހުރިހާކަމެއް ހިމަނާފަ އެވެ. 30 ގެ އިމާރާތްކޮށް ދިނުމުގެ މުއްދަތަކީ، 12 މަސް ދުވަހެވެ. މިމުއްދަތަށް އަލީ ވަހީދު ގ. ވަށްފުށި މިމަސައްކަތް ކޮށް ނިންމައި ދެއްވިއެވެ.

މި މަޝްރޫއު މިގޮތަށް ފެށުމާ ގުޅިގެން އެއްރަށުން އަނެއްރަށަށް ބަދަލުވުމަށް ގިނަބަޔަކު ވަރަށް ޝައުގުވެރި ވާކަން ފާހަގަ ކުރިއެވެ. އަދި ބަދަލުކޮށް ދިނުމަށް އެދި ހުށަހަޅަމުންދާ މީހުންވެސް ދަނީ ގިނަވަމުންނެވެ. އެހެނަސް މިނިސްޓްރީ އޮފް ޕްލޭނިންގެ ބޭފުޅުން މިގޮތަށް މިމަޝްރޫއު އިތުރަށް ކުރިޔަށް ގެންދިއުމާ މެދު ވަރަށް އިދިކޮޅު ހައްދަވައެވެ. އެބޭފުޅުން ބޭނުންވަނީ، ހައުސިން ސްކީމަކަށް ގެންގޮސް ފްލެޓާއި ރޯހައުސް ފަދަ ގޮތަކަށް ހިލޭ ނޫންގޮތަކަށް ގެ އަޅައިދިނުން ބަދަލު ކޮށްލާށެވެ. ކޮންމެހެން ރަށެއް ހުސްކުރުމަކީ އެބޭފުޅުންގެ ނަޒަރުގައި ބޭނުންތެރި ކަމެއް ނޫނެވެ. މިވަރުވެސް މިވީ އަޅުގަނޑު އެބައްދަލުވުން ތަކުގައި އިނދެގެން ގަދަޔަށް ބަހުސްކޮށް އެތައް ވާހަކަތަކެއް ދައްކައި ޖަދަލުކޮށް ހަދައި ގެންނެވެ. އަދި އެޓޮލްސް މިނިސްޓަރުގެ އެއްބާރު ލެއްވުން މިރަށްތައް ހުސްކޮށް ލުމުގައި ދެއްވައި ގެންނެވެ. ޝުކުރިއްޔާ!

ހޮނޑައިދޫ

_________________________

ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ ބަސްކޮޅެއް

މިރިޕޯޓު ލިޔުނީ، 1 ޖެނުއަރީ 1999 ގައި، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމް، ޖަވާހިރުވާދީ މާލެ އެވެ. މި ރިޕޯޓަށް މައުލޫމާތު އެއްކުރެވިފައި ވަނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ނާއި ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުންނާއި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅު އޮފީސް ތަކުންނާއި ރަށުއޮފީސް ތަކުންނެވެ. ފަހެ، މިއީ، އޮނަރަބްލް އަބްދުއްރަޝިދު ހުސައިން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން ހުންނަވައި، އަޅުގަނޑަށް އަމުރުކުރެއްވި ހިނދު، އަޅުގަނޑު ކުރި ބުރަ މަސައްކަތެއްގެ ނަތީޖާއެވެ. މިތާނގައި އަޅުގަނޑު މިގެނެސްދެނީ، ފަހުތިބީންނަށް މި މަސައްކަތަކީ ހެޔޮދަރުމަ ހުރި ކަމަކަށް ވާނެތީއެވެ. އަދި ރާއްޖޭގައި އެއްފަސް ކުރުމުގެ ކަންކަން ހިނގަމުން އައިގޮތުގެ ފެށުން، ހިނގާދިޔަ ގޮތުގެ ތާރީޚީ ފައިދާތަކެއް ހޯދަން ބޭނުންވާ ބަޔަކަށް ފައިދާކުރާނެ އަގުހުރި މަސައްކަތަކަށް ވާތީއެވެ. އަޅުގަނޑުގެ އަމިއްލަ ސައިޓްގައި މިރިޕޯޓު މިގެނެސް ދެނީ ފަހެ، އެމަގްސަދުގަ އެވެ.

_________________________

އިދާރީ ނޯޓެއް: މ.ޖަވާހިރުވާދީ، އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަކީ، މަޖީދިއްޔާ ސްކޫލާއި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއާއި މަދީނާ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރައްވާފައި ބޭފުޅެކެވެ. ރާއްޖޭގެ އިސްލާމީ މަރުކަޒު ހުޅުވުމާ ގުޅިގެން އެ މަރުކަޒުގެ އިސްލާމިކް ލައިބްރަރީގައި މުސާޢިދު އަމީނުލް މަކްތަބާގެ މަގާމު ގިނަ ދުވަސްތަކެއްވަންދެން ފުރުއްވިއެވެ. އެއަށްފަހު ސިޔާސީ ބައެއް އޮއިވަރުގައި އެތައްފަހަކު ބަންދުވާން ޖެހިވަޑައިގަތެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ލީގަލް ސެކްޝަނާއި ރީސެޓްލްމަންޓް ސެކްޝަންގެ އިސްވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެންބަރުކަން ވެސް ކުރެއްވިއެވެ. އޭގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންކަމުގެ މަޤާމު ވެސް ފުރުއްވާފައި ވެއެވެ.

ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމް ވަނީ، [މަންތިރި] ނަމުގައި ސިޔާސީ މަޖައްލާއެއް ރަޖިސްޓްރީ ކުރައްވައި ޗާޕްކުރައްވައި ނެރުއްވަން މަސައްކަތް ކުރެއްވިއެވެ.

ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ މިލިޔުން، ނަކަލުކޮށްފައި މިވަނީ، އޭނާގެ ވެބްސައިޓުންނެވެ. "ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން" މިސިލްސިލާގެ ދަށުން މިގެނެސްދެނީ "އެއްފަސްކުރުން" މިސުރުޙީގެ ދަށުން ލިޔެފައިވާ ލިއުމުގައި ތިލަދުންމައްޗައް ނިސްބަތްވާ ރަށްރަށާއި ބެހޭގޮތުން ހިމަނާފައިވާ މަޢުލޫމާތެވެ. އެގޮތުން މި ލިއުމުގައި މިވަނީ "ހދ. ހޮނޑައިދޫ އާއި ފަރިދޫ" އާއި ބެހޭގޮތުން ހިމަނާފައިވާ މަޢުލޫމާތެވެ.