ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މިހާތަނަށް ޞައްޙަ 97 ހާސް މެމްބަރޝިޕް ފޯމް ލިބިފައިވާކަމަށާއި، އެ ޕާޓީގެ މެމްބަރޝިޕްގެ އަދަދު ކުރިއަށް އޮތްތާގައި 1 ލައްކަ އަށް އަރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އަބުދުއްރަޙީމް މިހެން ވިދާޅުވީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާ ސަރަހައްދުގައި ހުންނަވައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެެވެ.

Ad
rt

އަބުދުއްރަޙީމް ވިދާޅުވީ، މިހާތަނަށް ޕީއެންސީ އަށް 97 ހާސް މެމްބަރޝިޕް ފޯމު ލިބިފައިވާ ކަމަށެވެ. އަދި ޕާޓީގެ ދަފުތަރުގައި މިހާރު 75 ހާހަށްވުރެ ގިނަ މެމްބަރުން ދަފުތަރު ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

''އެކަމަކު އިލެކްޝަން ކޮމިޝަންގައި އޮންނަ ގަވާއިދެއްގެ ސަބަބުން އެބޭފުޅުން އެއަށް އިންޓަރ ކުރެވެނީ ހަފުތާއަކު އެއް ފަހަރު، އެއީ އަޅުގަނޑުމެން އެކޮޅަށް ފޯމުތައް ފޮނުވީމަ އެބޭފުޅުން ޖެހޭ ޝަކުވާއަށް ހުޅުވާލަން، ހުޅުވާލާފައި 7 ދުވަސް ދީފައި އިންޓަރ ކުރެވެނީ، އެއަށް އިތުރުވަމުން އެދަނީ ހަފުތާއަކުން ހަފުތާއަކުން، އެހެންވިޔަސް އަޅުގަނޑުމެން އަތުގައި ސައްޙަ ފޯމު އެބަހުއްޓޭ 97 ހާސް ފޯމު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެން ދާނީ އެއް ލައްކަ މެމްބަރުންނާއެކު ފުރަތަމަ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީގެ ގޮތުގައި'' އަބުދުއްރަޙީމް ވިދާޅުވެފައެވެ.

ޕީއެންސީއަށް ކުރުމުއްދަތެއްގެ ތެރޭގައި ގިނަ ޢަދަދެއްގެ މެންބަރުން ސޮއިކޮށްފައިވުމަކީ ޕާޓިއަށް ލިބޭ ކުރިއެރުމެއްކަމަށް އަބްދުއްރަހީމް ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެ ޕާޓީ ހިންގުން ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަދު ކުރިއަށްދާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ދެހާހަށްވުރެ ގިނަ މަޤާމަށް މެންބަރުން އިންތިޚާބުކުރާނެއެވެ.