ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި މާތްﷲއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނޭކަން ބަޔާންކޮށް، އެދުވަހަށް ތައްޔާރުވުމުގެ މަތިވެރި ފިލާވަޅުތަކެއް މިއަދުގެ ހުކުރު ޚުޠުބާގައި ގެނެސްދީފިއެވެ.
މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ''ޤިޔާމަތްދުވަސް'' އެވެ.
މިއަދުގެ ޚުތުބާއިން ނަކަލުކޮށްފައިވާ މުހިންމު ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ.
އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަސް
އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަހެވެ. މި ދުވަސް އަންނާނެ ވަގުތެއް اللهُ سُبْحَانَهُ وَتَعَالَى ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެންނުވެތެވެ. އެ ދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެން ދާނެތެވެ. އަދި އެއްވެސް ތަރުޖަމާނަކާ ނުލައި اللهُ سُبْحَانَهُ وَتَعَالَى ކޮންމެ މީހަކާމެ ބަސް ވަޙީކުރައްވާނެތެވެ. އެއީ، ފަންސާސް ހާސް އަހަރާ އެއްވަރުގެ ދިގު ދުވަހެކެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (ސޫރަތުލް ޙަޝްރް 18 ވަނަ އާޔަތް)، މާނައީ: ''އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.''
އާޚިރަތަށް ޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހޭ
ދުންޔަވީ ޙަޔާތުގައިވާ އެންމެ ބޮޑު ޙަޤީޤަތަކީ، ތިބާ ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހޭނެކަމެވެ. އެ ކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެތެވެ. އާޚިރަތަށް ޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހެއެވެ. ނަމަވެސް އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބަޔެކެވެ. މިއާ ޚިލާފަށް މާއްދިއްޔަތަށް ގޮސް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެ ބަޔެއްގެ އަޖަލާ ބައްދަލުކުރަނީ ކިތައް މީހުންހެއްޔެވެ؟ މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލާންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرةއަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ."
اللهُ سُبْحَانَهُ وَتَعَالَىގެ ޤުދުރަތްތެރިކަން އެކަލާނގެ އަޅުތަކުންގެ މައްޗަށް ޝާމިލުވެގެންވެއެވެ. ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް އެކަލާނގެ އެމީހަކު މަޙްޝަރުކުރައްވާނެތެވެ. ޖައްވުގައި ވިޔަސް، ފުން ބިންގަރާހެއްގެ އެންމެ އަޑީގައި ވިޔަސް، ވަލުޖަނަވާރެއްގެ ބަނޑުގައި ވިޔަސް، އަދި މި ނޫން ގޮތަކަށް ވިޔަސް، ޤިޔާމަތްދުވަހު އެންމެން އެއްތަންކުރެއްވުމަކީ އެކަލާނގެއަށް ދާދި ފަސޭހަކަމެކެވެ. އެ ދުވަހުން އުފާވެރިކަންހުރީ ހެޔޮ ޢަމަލުކޮށްއުޅުނު މީހާއަށެވެ. މާތް ﷲގެ މަގުން މޫނު އަނބުރައިލި މީހާ އެދުވަހުން ހިތާމަކުރާނެތެވެ. މާތް ﷲއަށާއި، އާޚިރަތް ދުވަހަށް ފުރިހަމަ ގޮތުގައި އީމާންވާ ނަމަ، ތިމާ ކުރާ ކޮންމެ ކަމެއްގައިމެ އެކަލާނގެއަށް އިޚްލާޞްތެރިވާށެވެ!
ޤިޔާމަތް ދުވަހަކީ، ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް
ޤިޔާމަތް ދުވަހަކީ، ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއް ފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (މަޙުޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ."
ރަޙިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ. އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރީންނާއި، އެއްބަނޑު އެއްބަފާ މީހުން، ގޮތް ހުސްވެފައިވާ ޙާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. މި ކަން ބަޔާންކޮށްދެއްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "(އެއީ) މީހާ އޭނާގެ އާޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެ ދުވަހުން ވެއެވެ."
އިސްވެދިޔަ އުންމަތްތަކުގެ މީހުންނާއި ފަހުގެ އުންމަތްތަކުގެ މީހުން މަޙްޝަރު ބިމަށް ޖަމާވެފައި ތިބޭ ހިނދު، އިރު ހުންނާނީ އެ މީހުންނާ މޭލަކަށް ކައިރިކުރެވިފައިކަމަށް رسول الله صلى الله عليه وسلم ގެ އަރިހުން ޞައްޙަ ގޮތުގައި ސާބިތުވެގެންވެއެވެ. (مَيْلُ) ގެ ޝަރަޙައިގައި އެޙަދީޘްގެ ރާވީ اَلْمِقْدَادُ بْنُ الْأَسْوَدُ رَضِيَ اللهُ عَنْهُ ގެ އަރިހުން އެ ޙަދީޘް ރިވާކުރެއްވި سُلَيْمُ بْنُ عَامِر ވިދާޅުވިއެވެ. اللهُ سُبْحَانَهُ وَتَعَالَى ގަންދީ ބުނަމެވެ. އެ މައިލަކީ، ބިމުގެ މަސާފަތެއްގެ ގޮތުގައި ބޭނުންކުރާ މޭލުކަމެއް، ނުވަތަ އަނދުންދަޅުގައި އަނދުންއެޅުމަށް ބޭނުންކުރާ ކަށި ކަމެއް ތިމަންނައަކަށް އެނގިގެން ނުވެއެވެ. އެހެން އެ ވިދާޅުވީ އަނދުންއެޅުމަށް ބޭނުންކުރާ ކަށްޓަށް އަރަބި ބަހުގައި (مَيْلُ) ކިޔާތީއެވެ.
އަހަރެމެން ދިރިއުޅޭ ދުނިޔެއާއި، އިރާ ދެމެދު ނުވަދިހަ ތިން މިލިއަނެއްހާ މޭލު ހުންނައިރު، ހޫނުގަދަ ދުވަސްތަކުގައި އެހާމެ ހޫނުގަދަވެއެވެ. ހޫނުގެ ސަބަބުން ކޮންމެ އަހަރަކުހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މަރުވެއެވެ. ދުނިޔޭގެ ގަދަ ހޫނުގައި މީސްތަކުންގެ ޙާލަކީ މިއީކަމުގައިވާ އިރު، ޤިޔާމަތް ދުވަހުގެ ގަދަ ހޫނުގައި ތިބޭ އިރު، މީސްތަކުންގެ ޙާލު ހުންނާނީ ކިހިނެއްތޯއެވެ! އެ ދުވަހުން، މީސްތަކުންގެ ޢަމަލުތައް ހުންނަ ގޮތުން، އެއްބަޔަކު ތިބޭނީ އެ މީހުންގެ ގައިން އޮހޮރޭ ދާގެ ތެރޭގައި ތަނބިކަށްޓާ ހަމައަށެވެ. އަނެއް ބަޔަކު އެ ބަޔެއްގެ ކަކުލާ ހަމައަށެވެ. އަނެއްބަޔަކު އެބައެއްގެ އުނަގަނޑާ ހަމައަށެވެ. އަނެއް ބަޔަކު ތިބޭނީ އެ ބަޔެއްގެ އަނގައާ ހަމައަށް ގެނބިފައެވެ. ނަމަވެސް އެ ދުވަހުގެ ބިރުވެރިކަމާއި، ނާމާންކަމުން ނަޖާކުރައްވައި اللهُ سُبْحَانَهُ وَتَعَالَىގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި އެކަލާނގެއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނެއެވެ."
ޒުވާން ޢުމުރުގައި ހެޔޮކަންތައް ކުރުމަށް އަވަސްވެގަންނާށެވެ!
اللهُ سُبْحَانَهُ وَتَعَالَىވަނީ ތިޔަބައިމީހުން ޚާއްސަ ކުރައްވައިފައެވެ. އެއީ، ހެޔޮ ޢަމަލެއްކުރުންކަމުގައި ވިޔަސް، ނުވަތަ ހަވާނަފުސު އެދި ގޮވާ ކަމެއް ކުރުންކަމުގައި ވިޔަސް، އެ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޒުވާން ޢުމުރުގައިކަމަށްވާތީއެވެ. އެހެންކަމުން ހެޔޮކަންތައް ކުރުމަށް އަވަސްވެގަންނާށެވެ! އަދި ނުބައި ފާޙިޝް ކަންކަމާ ދުރުހެލިވާށެވެ! ހަވާނަފުސުގެ މަގު ދޫކޮށް، މާތް ﷲގެ މަގަށް އަވަސްވެގަންނާށެވެ! ސަލާމަތުގެ މަގަކީ އެއީއެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތީ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި ހުއްޓި ހުންނާންޖެހޭ ހުރުމަށް ބިރުވެތިވެ ހަވާނަފުސުގެ އެދުންތަކުން ދުރުވެގަތް މީހާއަށެވެ.
ޤިޔާމަތް ދުވަސް ދިގުލައިގެން ދިޔުމުގެ ސަބަބުން މީސްތަކުންގެ ޙާލު ބޮޑުވެ، ކަރުހިއްކުން އިންތިހާއަށް އިތުރުވެފައި ވަނިކޮށް اللهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތުން އެކަލާނގެ رسول الله صلى الله عليه وسلم އަށް ޙައުޟުކޮޅު ދެއްވާނެއެވެ. އޭގެ ފެން ކިރަށް ވުރެ ހުދުވާނެއެވެ. އަދި މާމުޔަށް ވުރެ ފޮނިވާނެއެވެ. އެއިން ފެންބުއިމުގެ ނަސީބު ލިބިގެންދާނީ اللهُ سُبْحَانَهُ وَتَعَالَىއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެއަށް އިޚްލާޞްތެރިކަމާ އެކު އަޅުކަންކޮށް، رسول الله صلى الله عليه وسلم އަށް ތަބާވާ މީހުންނަށެވެ. ނަމަވެސް ހިތާމައަކީ، މަދުން ނަމަވެސް މި ލޮބުވެތި މުޖުތަމަޢުގައި رسول الله صلى الله عليه وسلم އަށް ފުރައްސާރަކޮށް، އެކަލޭގެފާނު ދެއްކެވި މަގުން ހިނގާ މީހުންނަށް މަލާމާތްކުރާ މީހުން ތިބިކަމެވެ. އެ ފަދަ މީހުން ވަގުތު ފާއިތުވުމުގެ ކުރީން اللهُ سُبْحَانَهُ وَتَعَالَىއަށް ތައުބާވެ، އެކަލާނގެ މަގަށް ރުޖޫޢަވުމަށް ގޮވައިލަމެވެ!
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެ
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެއެވެ. ޢަމަލުތައް ވަޒަން ކުރެވޭނެއެވެ. ރެވިއޮށްޓަރެއްގެ މިންވަރުގެ ހެޔޮ ކަމެއް ވިޔަސް އަދި ނުބައި ކަމެއް ވިޔަސް އެ ދުވަހުން ގެނެވޭނެއެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ކަމަކުން اللهُ سُبْحَانَهُ وَتَعَالَى ބޭއިންސާފެއް ނުކުރައްވާނެއެވެ. އެ ދުވަހުން ކަނާތަށް ފަތް ލިބޭނީ ހެޔޮ ޢަމަލުކޮށް އުޅުނު މީހުންނަށެވެ. އަދި އުރެދުނު މީހުންނަށް ފަތް ލިބޭނީ އެމީހެއްގެ ވާތަށެވެ. ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް އަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ، ހަވާނަފުސަށް ތަބާވެ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން ފޮނި އުންމީދުކުރާ މީހާއެވެ.
އަހަރެމެންގެ މި ލޮބުވެތި މުޖުތަމަޢުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައެވެ. މިއަދު ފެންނަނީ، އިސްލާމްދީން، އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރެވެ. މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، اللهُ سُبْحَانَهُ وَتَعَالَى ޙަރާމްކުރެއްވި މި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭ އިރު، އެމީހުންނަށް މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަހަލައެވެ. اللهُ سُبْحَانَهُ وَتَعَالَىއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ ނަމަ، މި ފަދަ ކަންކަމުން ދުރުހެލިވެ، ރައްކާތެރިވާންޖެހެއެވެ.
رسول الله صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނާ ސުވާލުކުރެއްވިއެވެ. "މުފްލިސަކީ، ކާކުކަން ތިޔަބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟" އެބޭކަލުން ދެންނެވޫއެވެ. ތިމަންމެންގެ ތެރޭގައި މުފްލިސަކީ، އެމީހެއްގެ އަތުގައި ދިރިއުޅުމަށް ބޭނުންވާ ފައިސާއެއް އަދި މުދަލެއް ނެތް މީހާއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންކުރެ މުފްލިސަކީ، ނަމާދާއި، ރޯދައާއި، އަދި ޒަކާތާއިގެން ޤިޔާމަތް ދުވަހު އަންނަ މީހާއެވެ. އޭނާ މަޙްޝަރު ކުރެވޭއިރު އޭނާވަނީ އެވެނި މިވެނި މީހަކަށް އެއްޗެހި ކިޔާފައެވެ. އެވެނި މިވެނި މީހަކަށް ޤަޒުފު ކޮށްފައެވެ. އެވެނި މިވެނި މީހެއްގެ މުދާ ކައިފައެވެ. އެވެނި މިވެނި މީހެއްގެ ލޭ އޮހޮރުވައިފައެވެ. އެވެނި މިވެނި މީހެއްގެ ގައިގައި ޖަހައިފައެވެ. އެހިނދު އޭނާގެ ހެޔޮ ޢަމަލުތަކުން އެވެނި މިވެނި މީހަކަށް ދެވޭނެތެވެ. އަނިޔާލިބުނު މީހުންގެ ޙައްޤު އަދާވުމުގެ ކުރީން އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެއްޖެ ނަމަ، އަނިޔާ ލިބުނު މީހުންގެ ފާފަތައް އަނިޔާވެރިވި މީހާއާއި ލައިޖެއްސޭނެތެވެ. އެއަށް ފަހު، އޭނާ ނަރަކައަށް އެއްލައިލެވޭނެތެވެ." މިޙަދީޘް ބަސްފުޅުން އެނގޭ ގޮތުގައި އިންސާނާ ކިތަންމެ ގިނަ ހެޔޮކަމަކާއިގެން اللهُ سُبْحَانَهُ وَتَعَالَىއާއި ބައްދަލުކުރިޔަސް، މީސްތަކުންގެ ޙައްޤުތަކަށް އޭނާ ރައްކާތެރި ނުވެއްޖެ ނަމަ، އެ ހެޔޮ ޢަމަލަކުން އޭނާއަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެއެވެ.