ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ އަދި އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙްގެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެ ބިލު ތަސްދީގުކުރަށްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ، ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރ، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) އެވެ. ޝާޑްގެ މި ބިލަށް ތާއީދުކުރެއްވީ ޕީއެންސީ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙް އެވެ.
މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ވަނީ އެ ބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
ބިލުގެ މަސައްކަތް ނިންމީ މުޅި މަޖިލީހުގެ ކޮމެޓީއަކުންނެވެ. އެއަށްފަހު 5:30 ގައި އިތުރު ޖަލްސާއެއް ބާއްވައި އެ ބިލު ވަނީ ފާސްކޮށްފައެވެ.
މި ބިލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ގޮތުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
މި ބިލުން ދެން ގެނެސްފައިވާ އަނެއް އިސްލާހަކީ، ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންކަމަށް ބަޔާންކުރުމެވެ. މި އިޞްލާޙުގައި ރާއްޖޭގެ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.
މި ބިލުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކޮށްފައެވެ. މިގޮތުން، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަޞައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި ބިލުގެ ދަށުން ލިބިދެއެވެ.
މީގެ އިތުރުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންކަމަށް މި ބިލުގައި ހިމަނާފައިވާއިރު، އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މިކަމުން އިސްތިސްނާވެއެވެ.
މި ބިލުގައިވާގޮތުން ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ވާނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.
މި ބިލު، ރައީސް މިރޭ ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށްވާތީ މި އިސްލާޙްތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!