ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ހިމަނައި ޤާނޫނުއަސާސީއަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) އެވެ.

Ad
rt

މި ބިލުގައި މި ނޫންވެސް ކަންތައްތައް ހިމަނާފައިވާއިރު، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ އަށް ގެންނަ އިސްލާޙެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތަކުން ފާސްކުރާ ޤާނޫނަކުން ކަމަށް ހިމަނާފަވެއެވެ.

މި ބިލުގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް (ބ)ގެ ގޮތުގައި އަކުރެއް އިތުރުކޮށް މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ ހާލަތްތައް ހިމަނާފަވެއެވެ.

މި އަކުރުގައި ހިމަނާފައިވާ ތިން ނަންބަރުން ކުރެ ފުރަތަމަ ނަންބަރުގައި ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެފަވެއެވެ.

ދެވަނަ ނަންބަރުގައި މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށް ބުނެފަވެއެވެ.

ތިން ވަނަ ނަންބަރުގައި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.