ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް "ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް" ނަމުގައި ރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން ބޭނުންވާ ނަތީޖާތައް ނެރުމަށް ދަތިތަކެއް ހުރިކަމުގައިވިޔަސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ކަންތައްތަކެއް ރައްޔިތު މީހާއާ ހަމައަށް ގެނެސްދެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މިގޮތުން އެއަރ އެމްބިއުލްނާސްގެ ޚިދުމަތް ތަޢާރަފުކޮށް، 540 ބަލި މީހުން ފަރުވާއަށް ގެންގޮސްދީފައިވާކަމާއި، އައި.ވީ.އެފް އާއި ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި މުހިންމު ޚިދުމަތްތަކެއް އާސަންދައިގެ ދަށުން ފަހިކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދެއްވުމުގެ އަމާޒުގައި މެންޓަލް ހެލްތު ހެލްޕްލައިން ޤާއިމުކުރައްވާާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުއްލި ޙާލަތްތަކުގައި އެހީ ހޯދުމަށް ގިނަ ނަންބަރުތަކަށް ގުޅުމުގެ ބަދަލުގައި އެއް ނަންބަރުން ޚިދުމަތް ލިބޭނޭ އެމަރޖެންސީ ސަރވިސް ނަންބަރު، 911 ތަޢާރުފް ކުރެވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން، ވަގުތު ފާއިތުނުވަނީސް ދިނުންމެވެ.

ރާއްޖޭގެ ޤައުމީ މައްސަލައެއް ކަމުގައިވާ ތެލެސީމިއާ ބަލީގެ މައްސަލައިގައި ވޭތުވެ ދިޔަ 52 ހަފުތާގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް 14 ކުދިން ފޮނުވާފައިވާކަންފާހަގަކުރަށްވައި ސަރުކާރުން ބޭނުންވަނީ ނަތީޖާ ނެރުންކަން ރައީސް ވަނީ ތަކުރާރުކުރަށްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ވޭތުވި 52 ހަފުތާގެ ތެރޭގައި ތަޢުލީމީ، އިގްތިސާދީ، އުމްރާނީ މަސައްކަތްތަކާއި، ޝަރުޢީ ދާއިރާ އާއި މީޑިއާގެ ކުރިއެރުމަށް ކުރެވުނު މަސައްކަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ ލާބަޔަށް ކުރެވުނު އެކިއެކި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.