ކުރީގެ އަދަދާއި ގުޅޭ،

ޒައިނާ މިހާރު ރާއްޖޭގައި ނުހުންނާނެކަން ވެސް ނަދީމްއަށް އެނގެއެވެ. ނަމަވެސް އޭނާއަށް އަދިވެސް ޒައިނާގެ ހިޔާލުތަކުން ދުރަށް ދެވޭ ގޮތެއް ނުވެއެވެ. މާލެ އައި ގޮތަށް ވެސް ޒައިނާގެ ގެ ހުންނަ މަގަށް ދެ ފަހަރަކު ދެވުނެވެ. ފަހަރެއްގައި ވެސް ޒައިނާ އުޅެދާނެ ކަމަށެވެ. ފެނޭތޯއެވެ.

Ad
rt

ދެ ތިން ދުވަހުގެ ޗުއްޓީއަކަށް ފަހު އަރޫޝާ އޮފީހަށް ނިކުތެވެ. ފުރަތަމަ ވެސް އޭނާއާ ބައްދަލްވީ އާ މޫނަކާއެވެ. އެއީ އާސިފްގެ މަގާމު ހުސް ވުމުން އަލަށް އޮފީހަށް ވަތް ނީޒާއެވެ. އަރޫޝާއަށް އޭނާއާ ދިމާލަށް ބަލައިލެވުނީ ބީރައްޓެހި ނަޒަރަކުންނެވެ. ނަމަވެސް ނީޒާ ހުރީ އަރޫޝާގެ އިންތިޒާރުގައެވެ.

" އައިމް ނީޒާ. އަދި އަލަށް ދޯ މި ބައްދަލްވީ؟ އެކަމަކު އަހަރެންގެ މަންމަ ބުނި އަރޫ ވަރަށް ހިތްހެޔޮ ވާނެޔޭ. " ފުރަތަމަ ވާހަކަ ދެއްކީ ނީޒާއެވެ. ނީޒާ އެހެން ބުނުމުން ހައިރާންކަމާއެކު އަރޫޝާއަށް ބަލައިލެވުނެވެ.

" މަންމަ؟ ނީޒާގެ މަންމަ ބައްދަލް ވި ބާ؟" ހަނދާންކޮށްލަމުން އަރޫޝާ ބުންޏެވެ.

" ފެން ބިލް ދައްކަން އަންނައިރު ހެވިފައި އިންނާތީ އެނގެޔޯ ވަރަށް ހިތްހެޔޮ ކުއްޖެއްކަން. " ނީޒާ ބުންޏެވެ.

އެވަގުތު އަރޫޝާއަށް ހިނިތުންވެލެވުނެވެ. އިސާހިތަކު ދެ މީހުންގެ ވާހަކަ ފެށުނެވެ.

" ނަސީބެއް އަންހެން ކުއްޖަކު ޖޮއިން ކުރިކަން. އާސިފްއާއެކު މިތާ އިންނައިރު ވެސް ވަރަށް ޖެހިލުންވޭ. " އަރޫޝާ ބުނެލިއެވެ.

" ކައިވެނި ކުރީމަ އަދި މާ ޖެހިލުންވާނެ ދޯ. " ނީޒާ ބުންޏެވެ.

އެއާއެކު އަރޫޝާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާއަކީ މީހެއްގެ އަނތްބެއްކަން ހަނދާންވީ ވެސް އެ ވަގުތެވެ. ފިރިޔަކު ހުންނަން ކަން ވެސް ހަނދާންވީ ދެނެވެ. ނަދީމް މާލެ ދިޔަ ގޮތަށް އޭނާއަށް އެއްވެސް ހަބަރެއް ނުވެއެވެ. ހާލު ވެސް ބަލައި ނުލައެވެ. އެކަމާ އޭނާ ދެރަވާން ބޭނުން ނުވި ނަމަވެސް، ދިރިއުޅުމުގައި ކަސްތޮޅު އެޅި، މިނިވަންކަން ގެއްލުނީތީ އޭނާ ނުހަނު ހިތާމަ ކުރެއެވެ.

ނީޒާގެ ވާހަކައަށް އެއްވެސް ރައްދެއް ނުދީ، އަރޫޝާ ގޮސް ކޮމްޕިޔުޓަރ މޭޒު ކައިރީގައި އިށީނެވެ.

މިސްކިތުން ފޭބުމަށްފަހު ނަދީމް ފޯނު ބަލައިލި އިރު ހައެއްކަ މިސްކޯލް އައިސް އޮތެވެ. ފޯނު ސްކްރީނަށް ބަލަން ހުރި އިރު ނަދީމްގެ މޫނުމަތީގައިވަނީ ހާސްކަމުގެ އަސަރުތަކެވެ. އޭނާ އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖަހާލިއެވެ.

" ޒައި އަދިވެސް ރާއްޖޭގައިތަ؟ " ނަދީމްއަށް ބުނެވުނެވެ.

މިހާރު ޒައިނާގެ ފޯނަކަށް ނުގުޅެއެވެ. އެކަމަކު މީގެ ވިއްސަކަށް މިނިޓް ކުރިން އޭނާ މިސްކިތުގައި ހުރި އިރު ޒައިނާ ނަދީމްއަށް ވަރަށް ގިނަ ފަހަރު ގުޅާފައި އޮތެވެ.

" މެސެޖެއް ވެސް ކޮށް ނުލައި އަނެއްކާ ބްލޮކް ކޮށްލީތަ؟" އަނެއްކާ ވެސް ނަދީމްއަށް ބުނެވުނެވެ.

މަގުމަތިން ކާރެއް ހުއްޓުވައި ނަދީމް މިސްރާބު ޖެހީ ސީދާ ޒައިނާގެ ގެއަށް ދާށެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. ޒައިނާ އެމެރިކާއަށް ނުދާކަން އެނގުމުން ނަދީމް ހުރީ ޒައިނާއާ ބައްދަލް ކުރާ ހިތުން ކެތްމަދު ވެފައެވެ. އޭނާގެ އަނތްބަކު ހުރިކަން ހަނދާން ވެސް ނެތް ކަހަލައެވެ. ކާރުގައި އިން އިރު ވެސް ނަދީމް އިރުއިރުކޮޅުން ޒައިނާއަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

އެ ގެއަށް ވަންނަން ދިޔުމާއެކު ނަދީމްއަށް ފެނުނީ ލިފްޓް ކައިރީގައި، އެ އިމާރާތުގެ ސެކިޔުރިޓީ ގާޑެވެ. އެއީ އަބަދުވެސް ފެންނަ މީހަކަށް ވާތީ ބީރައްޓެހި ކަމެއް ނަދީމަކަށް އިހުސާސެއް ނުކުރެވެއެވެ. އެހެންވެ ނަދީމް ފުރަތަމަ ބޭނުންވީ ޒައިނާއާ ބެހޭ ގޮތުން އޭނާ ގާތު އަހާށެވެ.

" އެ މީހުން މިއަދު ހެނދުނު ފުރަން ދިޔައީ. " އޭނާ ބުންޏެވެ.

އެއާއެކު ނަދީމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެހެންވެ، ޒައިނާ ފުރަން ދިޔުމުގެ ކުރިން ނަދީމްއަށް ގުޅާލީ ކަމުގައި ނަދީމްގެ ހިތް ބުންޏެވެ.

" ޒައިނާ އެނގެއެއްނު. އޭނަ ވެސް ދިޔަތަ؟" ނަދީމް ސުވާލު ކުރީ މަޑުމަޑުންނެވެ.

" ލައްބަ. އެ ތިން މީހުން ދިޔައީ. އަޅުގަނޑަށް ވެސް އެ މީހުން ވަރަށް ހަދިޔާ ދިން. ލާރި ވެސް ދިން. އެމެރިކާއަށް ދަނީއޭ ބުނީ." އޭނާ ހެވިފައި ހުރެ ބުންޏެވެ.

ނަދީމް އާދައިގެ ގޮތަކަށް ހީލަމުން އޭނާއަށް ފުރަގަސް ދިނެވެ.

ހިތުގައި އަލުން ރޯ ކުރި އުއްމީދުގެ ހުޅުކޮޅު ވަގުތުން ނިވިއްޖެއެވެ. ޒައިނާއާއި ނަދީމް ދެން ދުވަހަކު ވެސް ބައްދަލްވުން ރޭވިފައި ނެތީކަމަށް ވެދާނެޔޭ އޭނާގެ ހިތަށް އެރިއެވެ.

ހަމަ އެވަގުތެވެ. އަތުގައި އޮތް ފޯން ރިންގް ވާން ފެށިއެވެ. ގުޅަނީ މަންމައެވެ. ނަގަން ބޭނުން ނުވި ނަމަވެސް މާލެ އައި ފަހުން މަންމަ މެންނަށް ގުޅައިނުލެވޭތީ އޭނާ އެ ފޯނަށް ޖަވާބު ދިނެވެ.

" ކޮން ދުވަހަކުން އަންނަނީ؟" މަދީހާ އަހާލިއެވެ.

" އަދި ނޭނގެ." ހާލަތުގެ ގޮތުން ނަދީމްއަށް ބުނެވުނީ ރުންކުރު ގޮތަކަށެވެ.

" އެކަމަކު ގުރެޖްއޭޝަނަށޭ ދިޔައީ ބުނި. އަރޫޝާ ގޮވައިގެން ދިޔަ ނަމަ." މަދީހާ ބުނެލިއެވެ.

" އެކަން ނިމިއްޖެ. " ނަދީމް އަނެއްކާ ވެސް ދިނީ ކުރު ޖަވާބެކެވެ.

އޭނާގެ އަޑުން ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން މަދީހާއަށް އެނގުނެވެ. އެހެންވެ އަރޫޝާއާ ދެ މީހުންގެ މެދުގައި ހިތްހަމަ ނުޖެހުމެއް ހިނގީކަމުގައި އޭނާ ކަށަވަރު ކުރިއެވެ.

" ގައިމު ޓީވީ ވެސް ބަލައިލެވުނީސް ދޯ މަންމަމެން ގާތު ބުނެލި ނަމަ. އެކަން ނިމިއްޖެއްޔާ ދެން ރަށަށް އަންނަން ވީއެއްނު. ކައިވެނި ކުރި ގޮތަށް ފުރައިގެން ތި ދާން ޖެހުނީ " މަދީހާ ބުންޏެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ.

" އަހަރެން މާލެ އައި ރޭ ޖަލްސާ އޮތީ. ބޯޓެއް ފުރާ އިރަށް ދާނަމޭ. " ނަދީމް ބުންޏެވެ.

މަންމަގެ އިތުރު ސުވާލެއް އައުމުގެ ކުރިން ނަދީމް އަވަހަށް ފޯނު ބޭއްވިއެވެ.

ނަދީމް ފޯނު ކަނޑާލި އިރު މަދީހާ ހުރީ ވަރަށް ބޮޑަށް މާޔޫސް ވެފައެވެ. ނަދީމް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން މަދީހާއަށް އެނގުނެވެ. ކައިވެންޏަށްފަހު އަރޫޝާ ވެސް އޮފީހުން އައިސް ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ބަސްމަދުވެފައި އޭނާގެ އުޅުމަށް ވެސް ބަދަލުތަކެއް އަތުވެއްޖެކަން މަދީހާއަށް ފާހަގަ ކުރެވުނެވެ.

މަދީހާ ކޮޓަރިން ނިކުމެ، އަރޫޝާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އިސާހިތަކު އަރޫޝާ ދޮރު ހުޅުވިއެވެ.

" ދަރިފުޅު އަދިވެސް މި ކޮޓަރީގައިތަ އުޅެނީ؟ ދެން ނަދީމް އަންނަން ވާއިރަށް ނަދީމްގެ ކޮޓަރިއަށް ބަދަލުވާން ވީ އޭ." މަދީހާ ބުންޏެވެ.

އެނދުގައި އިށީނދެލަމުން މަދީހާ އަރޫޝާގެ މޫނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އޭނާ ވަގުތުން ހީލިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި އެތައް ކަމެއް ސިއްރު ކުރެވިފައިވާހެން މަދީހާއަށް ހީވިއެވެ.

" ނަދީމްއަށް ސެޓްފިކެޓް ލިބިއްޖެތަ؟ " އެނގި ހުރެ މަދީހާ އެ ސުވާލު ކުރީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ ބަލަން ބޭނުންވީ ނަދީމް، އަރޫޝާއަށް ގުޅާތޯއެވެ. އެހެންވެ އަރޫޝާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާ އިނެވެ.

ދޭނެ ޖަވާބެއް އަރޫޝާއަކަށް ނޭނގުނެވެ. ނަދީމްއާ އަރޫޝާގެ ގުޅުން ރަނގަޅު ނޫންކަން މަންމަމެންނަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ.

" މީހަކު ބުނި އަދި އެ ޖަލްސާ ނުބާއްވަޔޯ." މަދީހާ އިތުރު ކޮށްލިއެވެ.

" އެެހެންތަ؟ އާނ! އާނ.. އަދި ..ނުބާއްވާ. ޖަލްސާ ނިންމާ ގޮތަށް އަންނާނަމޯ ނަދީމް ބުނި. " ގަދަކަމުން ހެވިފައި ހުރެ އަރޫޝާ ބުންޏެވެ.

އަރޫޝާ އެ ހެދީ ކަނޑައެޅިގެން ދޮގެއް ކަން މަދީހާއަށް އެނގުނެވެ. ނަދީމް އަރޫޝާއަށް ނުގުޅާކަން އެވަގުތު އޭނާއަށް ޔަގީން ކުރެވުނެވެ. ހެވިފައި ހުރެ މަދީހާގެ މޫނަށް ބަލަމުން ދިޔަ އަރޫޝާގެ ބޮލުގައި ފިރުމާލަމުން އޭނާ ހިނިތުންވެލިއެވެ.

މަދީހާ ގޮސް ކޮޓަރިއަށް ވަދެ، ކަންތައްތައް ހިނގަމުން ދާ ގޮތް ރިޒާއާ ހިއްސާ ކުރިއެވެ.

" ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ޖެހޭނެ އެ ކައިވެނި ދެމެހެއްޓުމަށްޓަކައި ފުރިހަމައަށް އެހީވެދޭން." ރިޒާ ބުންޏެވެ.

މަދީހާ އިނީ ވަރަށް ކަންބޮޑުވެފައެވެ.

" އަރޫޝާ އަމިއްލައަކަށް ނަދީމްގެ ކޮޓަރިއަކަށް ނުދާނެ. މަދީހާ ގޮސް އަރޫޝާގެ އެއްޗެހި ވައްދާ! " އެހެން ބުނުމަށްފަހު ދެ އަތް ފުރަގަހަށް ލަމުން ރިޒާ ހިނގައިގަތެވެ.

ދާއިން އިނީ އަރޫޝާގެ ފޮޓޯގަނޑަށް ބަލާށެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އޭނާ އެ ފޮޓޯ ބަލައެވެ. އެ ފޮޓޯ ފެންނަ ކޮންމެ ފަހަރަކު ދާއިންއަށް ކުށްވެރި ކުރެވެނީ އޭނާއެވެ. އަމިއްލަ ނަފްސުގެ ފަރުވާކުޑަކަމާމެދު މިހާރު އޭނާއަށް ނަފްރަތު ކުރެވެއެވެ. އޭނާގެ ޟަމީރަށް އިތުބާރު ކުރުން ހުއްޓާލެވުނެވެ. އޭނާ ދެކެނީ އެއީ ޟަމީރު ބުނާ ގޮތަށް ކަންތައް ކުރުމުން ބީވި ލޯތްބެއްގެ ގޮތުގައެވެ. ލިބޭނެކަމަށް މާ ބޮޑަށް އުއްމީދު ވެސް ކުރެވުނީއެވެ.

ފޯނު ސްކްރީނަށް ބަލަހައްޓައިގެން އިންދާ އަފާ ގެ ކޯލެއް އައެވެ. އިރުކޮޅަކު ނުނަގާ މަޑުކޮށްލުމަށްފަހު އޭނާ ފޯނު ނެގިއެވެ.

" ދަޅެއް ބޯލަން ނާންނަންތަ؟ " އަފާ ބުންޏެވެ.

އަފާގެ ދައުވަތު ގަބޫލު ކުރާ ހިތެއް ނެތެވެ. ނަމަވެސް މާދަމާ ވެސް ޑިޔުޓީއަށް ދާން ޖެހޭނީ އޭނާގެ ކުރިމައްޗަށެވެ. މަސައްކަތް ކުރަން ޖެހެނީ އެކުގައެވެ. ކޮންމެ ފަހަރަކު އިންކާރު ކުރުމަކީ ދާއިންއަށް ކުރަން އުނދަގޫ ކަމަކަށް ވިއެވެ.

މިދަނީ އޭ ބުނެ ދާއިން ފޯނު ބޭއްވިއެވެ. ނަމަވެސް އޭނާ ތެދުވީ އިރުކޮޅެއް ފަހުންނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ސްޓާފް ބީޗް ސަރަހައްދުގައި އޭނާ ހުއްޓުނެވެ. އޭރު ޖޯލިފަތީގައި އިނދެ އަފާ އޭނާއަށް ހަނާ އަޅަމުން ދިޔައެވެ.

" ދާއިންއަށް ކަމުދަނީ ކޮން ވައްތަރެއް ކަމެއް ނޭނގޭތީ އަހަރެން ގެނައިން ދެ ތިން ވައްތަރެއް. ކޯކެއް ވެސް އޮންނާނެ ތީގަ." އަފާ ބުންޏެވެ.

އަތުގައި އޮތް ކޮތަޅު އޭނާ ދާއިންއަށް ދިއްކޮށްލީ ހެވިފައި އިނދެއެވެ. ޖޯލިފަތީގައި އިށީންނަމުން ދާއިން އެކި ވަށައިގެން ހޯދާލިއެވެ. އެ ދެ މީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކު ބީޗަކު ނެތެވެ. އެހެންވެ ދާއިން ހުރީ ހިތް ނުތަނަވަސްވާ ގޮތް ވެފައެވެ.

" އަހަންނަށް ފެންނަނީ ރޫމް އޭރިއާއަށް ދާން. އަހަރެމެން ދެ މީހުން އެކަނި ތިއްބާ މީހަކަށް ފެނިއްޖެއްޔާ ނޭނގެ ދޯ ދައްކާނެ ވާހަކައެއް ވެސް. " ދާއިން ބުންޏެވެ.

އެވަގުތު އަފާ ތަންކޮޅެއް ބާރަށް ހީލިއެވެ.

" ހާދަ ބިރެއް ގަތީ؟ އަލަށް ރިސޯޓަކަށް އައީމަ ފަހަރެއްގައި ތިހެން ވެދާނެ. އެކަމަކު އެކުގައި މަސައްކަތް ކުރާ މީހުން ޑިޔުޓީ ނިމިގެން މިހެން ސްޓްރެސް ފްރީކޮށްލުމަކީ މައްސަލައެއް ނޫނެއްނު. " އަފާ ބުންޏެވެ.

" އެކަމަކު... މީހުން ވާހަކަ ދައްކަފާނެ އަހަރެން މިތާ އިނީމަ. " އަނެއްކާ ވެސް ވާހަކަ ދެއްކީ އަފާއެވެ.

" އެއީ؟ ތިބުނީ؟" ދާއިން ސުވާލު ކުރިއެވެ.

" މިބުނީ އަހަންނަކީ މީގެ ކުރިން އެއްވެސް މީހަކާ އެކު މިހެން ނިކުމެ ހަދާ ކުއްޖެއް ނޫން. އަދި ޑިޔުޓީ ނިމިގެން ރޫމަށް ދިޔުމަށްފަހު އަހަރެން ނުނިކުންނަން. ކާން ވެސް ދަނީ ބައެއް ފަހަރު." އަފާ ވާހަކަ ދެއްކީ ސީދާ ދާއިންގެ މޫނަށް ބަލަން އިނދެއެވެ.

" ދެން؟ މީގެ ކުރިން ނުނިކުންނަ މީހަކު މިހާރު ކީއްވެ ތި ނިކުންނަނީ؟" ދާއިން އެހިއެވެ.

" ބުނެދޭން ނޭނގޭ ކަހަލަ ސަބަބެއް ވެސް އޮވެދާނެ އެއްނު.. ދެން ތެދުވޭ ދާން. ވަރަށް ބިރުންނެއްނު ތި އިންނަނީ." އަފާ ތެދުވީ ހެމުންނެވެ.

" ނުދާނަންތަ؟ އަހަރެން ބޭނުމެއް ނޫނޭ އަހަރެންގެ ސަބަބުން ދާއިންގެ ވާހަކަ މި ރިސޯޓަށް ފެތުރޭކަށް. އެހެން ވެދާނެތީ ބިރުންނެއްނު ތި އިންނަނީ." އަފާ ބުންޏެވެ.

އަތުގައި އޮތް ދަޅު، ކައިރީގައި ހުރި ޑަސްބިނަށް ވައްޓާލުމަށްފަހު އަފާ ހިނގައިގަތެވެ. އަފާ ދިޔުމުން ޖޯލީގައި ދާއިން ހަމަޖެހިލިއެވެ.

ޖެހިގެން އައި ދުވަހު ޑިޔުޓީއަށް ދިޔައިރު ދާއިންއާ ބައްދަލްވި އަފާ މުޅިން ތަފާތެވެ. ދާއިން ފެނުމުން އޭނާގެ މޫނުމައްޗަށް ވެރިވާ އުފާވެރިކަމެއް މިއަދަކު ނެތެވެ. ބްރީފިންގައި ދާއިންއާ ވާހަކަ ދެއްކި ގޮތަށް އޭނާ މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ. ރިސެޕްޝަނުގައި ހުރި އިރު ވެސް ދާއިންއަށް ނުބަލަން އުޅޭހެން ދާއިންއަށް ހީވެއެވެ. އެހެންވެ އާދަޔާ ހިލާފަށް ދާއިންއަށް އަފާގެ ހަރަކާތްތަކަށް ބެލެން ފެށުނެވެ. އޭނާއަށް ކުއްލި ތަފާތުކަމެއް އައުމުން ސަބަބު އެނގެން ވެސް ދާއިން ބޭނުން ވިއެވެ.

" ބަލީތަ؟ " ދާއިން އަހާލިއެވެ.

އޭރު ރިސެޕްޝަނުގައި ތިބީ އެ ދެ މީހުން އެކަންޏެވެ.

" ނޫން. ކިހިނެއްވީ؟ ބަލިއްޔާ އަހަރެން އޮންނާނީ ރޫމްގައެއްނު." އަފާ ވާހަކަ ދެއްކި ރާގު ތަފާތެވެ.

" ކޮންމެވެސް ކަމެއް ވެއްޖެ! ބުނެބަލަ ދެން. ރޭގަ ރުޅި އައިސްގެންތަ އެހާ އަވަހަށް ދިޔައީ؟" ދާއިން އެހިއެވެ.

ފައިލެއްގައި ހުރި ކަރުދާސްތަކެއް ނަގައި ޗެކް ކުރަން ހުރި އަފާގެ ހަރަކާތްތައް އަވަހެވެ. ދާއިންއަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ޖަވާބު ދެނީ ރުންކުރު ގޮތަކަށެވެ.

" އަހަރެން ކީއްކުރަން ރުޅި އަންނަންވީ؟ އަހަރެންގެ ސަބަބުން އެއްވެސް މީހަކު ބިރުގަނެ، ލަދުގަންނާކަށް ނުޖެހޭނެ." އަފާ ބުންޏެވެ.

ކަންތައް ވީ ގޮތް އެނގުމުން ދާއިން ގާތަށް އައީ ހިންޏެވެ. ބީޗުގައި ތިބެފައި ރޫމް އޭރިއާއަށް އަންނަން ބުނުމުން އަފާ ހިތްހަމަ ނުޖެހުނީއެވެ. ގޮނޑީގައި އިށީނދެލުމަށްފަހު ދާއިން އަފާއަށް ބަލައިލިއެވެ. އޭރުވެސް އަފާގެ އަތްމަތި ވަރަށް ހަލުވިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ކާނިވާ ސަަރަހައްދުގެ ކަޑައަކުން ސައިބޮއިގެން ނަދީމް ނިކުތެވެ. އެވަގުތު އޭނާއަށް ފެނުނީ ހުޅުމާލެ ދާން ތާއްޔާރުގައި އޮތް ބަހަކަށް މީހުން އަރާތަނެވެ. ހުޅުމާލޭގައި ޒައިނާއާ އެކު ބައްދަލްކުރާ ބީޗް މަތިން އޭނާ އެ ވަގުތު ހަނދާންވިއެވެ.

ނަދީމް ގޮސް ބަހަށް އެރިއެވެ. މާލޭގައި ހޭދަ ވާ ކޮންމެ ދުވަހަކީ އޭނާ ޒައިނާ މަތިން އިތުރަށް ހަނދާންވާ ދުވަސްތަކެވެ. އެކަމުން ނަދީމްއަށް އުނދަގޫ ވިޔަސް ބައެއް ފަހަރު ހިތްހަމަ ޖެހުން ވެސް ލިބެއެވެ.

ބަހުގައި އިނދެ އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ބިއްލޫރި ގަނޑުގައި ބޯ ޖައްސާލައިގެން އިން އަންހެން ކުއްޖެކެވެ. އޭނާ އިން ގޮތުން ނަދީމްއަށް ފެންނަނީ މޫނުގެ އެއްފަޅިއެވެ. އިސްތަށިތަކުން ކޮންމެވެސް ވަރަކަށް މޫނު ފޮރުވިފައި ހުރި ނަމަވެސް އެއީ ކާކުކަން ނަދީމަކަށް ނޯޅުނެވެ. ދެ ލޯ ބޮޑުކޮށްގެން އެ ދިމާލަށް ބަލަން އިންދާ ބަސް ހުއްޓައިފިއެވެ. އެއާއެކު އޭނާ ވެސް ތެދުވެއްޖެއެވެ. އިސްޖަަހައިގެން ހުރެ އެ ކުއްޖާ ބަހުން ފޭބި އިރު ވެސް ނަދީމްއަށް ބަލަން އިނދެވުނީއެވެ.

އެ ސްޓޮޕަށް އެންމެ ފަހު މީހަކަށް ނަދީމް ފައިބައިފިއެވެ. އޭރު އެ ކުއްޖާ ދުވާރުމަތިން ހިނގާފައި ދެއެވެ. އެ ހަރަކާތްތައް ނަދީމްގެ ހިތުން އަދިވެސް ފިލައިގެންނެއް ނުދެއެވެ. ފަހަތުން ދުވެފައި ގޮސް އޭނާގެ އަތުގައި ހިފީ ނުތަނަވަސް ވެފައި ހުރި ހިތަކައިގެންނެވެ. އެއާއެކު ޒައިނާ ފަހަތަށް އެނބުރުނީ ކަންބޮޑުވެ ހުރެއެވެ.

ދެ މީހުންގެ ނަޒަރު ސީދާވި ވަގުތު އެކަކު އަނެކަކުގެ ލޮލުން ވެސް ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ހައިރާންކަމާއި ކަންބޮޑުވުމެވެ. އަދި ރުޅި އާއި ހިތްދަތިކަމެވެ.

" އަހަންނަށް ފިލައިގެން ތިއުޅެނީ ކީއްވެ؟ އެއީ، އަހަންނާ ދުރުވާނެ ގޮތެއް ނޭނގިގެން އެންމެން ވެގެން ޖެއްސި ގޭމެއް ދޯ؟ " ނަދީމް ވާހަކަ ދެއްކީ ބާރަށެވެ.

ނަދީމްގެ އަތް ފޮޅުވާލަމުން ޒައިނާ ފަރާތް ފަރާތަށް ބަލައިލިއެވެ.

" ނަދީމް ކީއްވެ ތި ރުޅި އަންނަނީ؟ ޕްލީޒް އަޑުމަޑުކޮށްބަލަ މީހުން އެ ބަލަނީ އަހަރެމެންނަށޭ." ޒައިނާ ބުނެލީ އާދޭހުގެ ރާގަކަށެވެ.

" ހެވޭ މީހުން ބެލިޔަސް. އެމެރިކާއަށޭ ކިޔާފަ ހުސް ދޮގު ހެދީ. ކައިރި ހިސާބެއްވެސް ނޫނޭ. ދާން ޓްރައި ކުރިޔަސް އަހަންނަށް ނުވެސް ދެވޭ ކަހަލަ ގައުމެއްގެ ވާހަކަ ދެއްކީ. އަހަރެން ތި ގޭ ދޮށަށް ގޮސް ސެކިޔުރިޓީގާޑް ގާތު ކަލޭމެންގެ ވާހަކަ އަހާފާނެތީ އޭނަ ލައްވާވެސް މަ ކުރިމަތީ ފިލްމު ކުޅުވީ." ނަދީމް ވާހަކަ ދެއްކީ މަލާމާތުގެ ރާގަށެވެ.

ނަދީމްއަށް ބަލަހައްޓައިގެން ޒައިނާ ހުރި އިރު އޭނާގެ ދެ ލޯ ދިޔައީ ކަރުނައިން ފުރެމުންނެެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ. އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)