ކުރީގެ އަދަދާއި ގުޅޭ،

" އަހަރެން މާލެ ދާން ޖެހިއްޖެ. " ނަދީމް ބުންޏެވެ.

Ad
rt

ކުއްލިއަކަށް ނަދީމްގެ އަޑު އިވުމާއެކު އަރޫޝާއަށް ތެދުވެވުނެވެ. އެ ވަގުތު ދެ މީހުންގެ ހަތަރުކަޅި ބައްދަލްވެ ތޫނު ނަޒަރަކުން ބަލަން ފެށުނެވެ.

މާ ގިނައިރު ނަދީމްގެ މޫނަށް ބަލާކަށް އަރޫޝާއަކަށް ނުކެރުނެވެ. ކުރިމަތީގައި އެ ހުރީ ފިރިމީހާ ކަމުގައި ވިޔަސް އެކަން ގަބޫލު ކުރާކަށް އަރޫޝާގެ ހިތެއް ނޭދެއެވެ.

އެއްވެސް ސުވާލެއް ނުކޮށް އަރޫޝާ ނަދީމްއަށް ފުރަގަސް ދިނުމުން ނަދީމްއަށް ލިބުނީ ހައިރާންކަމެވެ. އޭނާ މާލެ ދާން ޖެހުނު ސަބަބެއް ވެސް އަރޫޝާއެއް ނޭހިއެވެ.

" ކީއްވެ އެއްޗެއް ނުބުނީ؟" ނަދީމް އެހިއެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަރޫޝާ ނަދީމްއަށް ބަލައިލިއެވެ.

" ކީކޭ ބުނަންވީ؟ އަނތްބަކަށް ވިޔަސް، އަހަންނަކީ ނަދީމްގެ ހިތުގެ ވެރިއެއް ނޫނެއްނު. އަހަރެންދެކެ ނަދީމް ލޯބި ނުވާހާ ހިނދަކު، ނަދީމްގެ އެއްވެސް މިނިވަން ކަމަކަށް އަހަންނެއް ނުބެހޭނަން." އަރޫޝާ ބުންޏެވެ.

" މި ކައިވެންޏަކީ، އަރޫޝާއަށް ދެވުނު ދެރައަކަށް ވާ ނަމަ އަހަންނަށް މަޢާފް ކުރޭ. " ދެ ޖީބަށް އަތް ޖަހާލަމުން ނަދީމް ބުނެލިއެވެ.

" ކައިވެންޏަށް އެދުނީ އަހަންނެއް ނޫން ދޯ؟ ކީއްވެ އެ މީހުން ކައިރީ ފާޅުގައި އިންކާރު ނުކުރީ؟ އެހާ ލޯބިވާ މީހަކު ހުންނަ ވާހަކަ ނުބުނީ ކީއްވެ؟ އެއީ ނަދީމްގެ މައިންބަފައިން. ނަދީމް ބޭނުންވާ ގޮތް އެ މީހުން ކައިރީ ބުނެވެން ޖެހޭނެ. އަހަންނަކީ ބީރައްޓެއްސެއް. އަދި މުޅި އުމުރަށް އަހަރެން މި ހުންނަނީ ނަދީމްގެ މައިންބަފައިންނަށް ދަރަނިވެރިވެފައި. އަހަރެން ކިހިނެއް ދެކޮޅު ހަދާނީ؟" މާޔޫސްވެފައި ހުރެ އަރޫޝާ ވާހަކަ ދެއްކިއެވެ.

ހިތްދަތި ވެފައިވާ އަރޫޝާގެ އަޑުން ނަދީމްއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ހުދު އޭނާއަށް އިހުސާސްވާން ފެށިއެވެ.

" މާލެއިން ރަށަށް މިއައީ ހިތްހަމަ ޖައްސާލަން ވެގެން. އަދި އެންމެ ލޯބިން އެކުގައި އެހާ ގިނަ ދުވަހު އުޅުނު ކުއްޖާއާ ވަކިވާން ޖެހުމުގެ ސްޓްރެސްގައި އުޅެއުޅެފައި ހިތަށް ހަމަ ޖެހުމެއް ލިބޭތޯ. މަންމަމެން ކައިވެނީގެ ވާހަކަ ދެއްކީމަ ދެކޮޅު ހަދަން ނުކެރި، ވަގުތުން އެއްބަސް ވެވުނީ ވެސް ހަމަ އެ ޖަޒްބާތުގައި ހުރެ. " ނަދީމް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

ގޮތް ހުސްވެފައި ހުރެ އަރޫޝާއަށް އެނދުގައި އިށީނދެލެވުނެވެ.

" މިރޭ ފަތިހު ފުރާ ބޯޓުން އަހަރެން ފުރާނަން. " ނަދީމް ބުންޏެވެ.

ނަދީމްގެ ޖުމްލަ އަޑު އިވުމާއެކު އަރޫޝާއަށް އިސްއުފުލައި އޭނާގެ މޫނަށް ބަލައިލެވުނެވެ. ނަމަވެސް އިތުރަށް ސުވާލެއް ކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

އަރޫޝާގެ ފަރާތުން އެއްވެސް ބަހެއް ނުލިބުމުން އަނެއްކާވެސް ވާހަކަ ދެއްކީ ނަދީމެވެ.

" މާދަމާ އަހަރެންގެ ގްރެޖުއޭޝަން އޮވޭ. ކޮންމެހެންވެސް އަހަރެން އެތަނަށް ދާންޖެހޭނެ. އިރާދަކުރެއްވިއްޔާ އެކަން ނިމިގެން އަންނާނަން. " ނަދީމް ބުންޏެވެ.

އެހެން ބުނެލުމަށްފަހު ނަދީމް އަރޫޝާއަށް ބަލައިލިއެވެ. އޭނާ އޭރު ވެސް އިނީ އިސްޖަހައިގެން އެ އިން ގޮތަށެވެ. ނަދީމްއާ އިތުރަށް ވާހަކަ ދައްކަން ބޭނުން ވާ ހެން ހިއެއް ނުވެއެވެ. އެހެންވެ، އަރޫޝާއަށް ބަލަން ހުރެ، ނަދީމް މަޑުމަޑުން ދޮރާ ދިމާއަށް ހިނގައިގަތެވެ.

ދާއިން ލޮބީއަށް ދިޔައިރު، އަފާ އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ދާއިން ފެނުމާއެކު ދާއިންއަށް ވުރެ ކުރިން އޭނާ ހިނގައިގަތެވެ.

ސަލާމްކޮށްލަން އޭނާ އަތް އުފުލައިލީ ރީތި ހިނިތުންވުމަކާ އެކުއެވެ. އަމިއްލައަށް ތައާރަފް ވެލުމަށްފަހު އޭނާއާ އެކުގައި އައުމަށް އެދުނެވެ. އަނގައިން ބަހެއް ބުނުމެއް ނެތި ދާއިން އަފާގެ ފަހަތުން ހިނގައިގަތީ ޖެހިލުންވެ ހުރެއެވެ.

ދާއިން ކުރަން ޖެހޭ މަސައްކަތްތައް އޭނާއަށް އަފާ ކިޔައިދެމުން ދިޔައެވެ.

" ދެން... އެއްވެސް ކަމެއް ބޭނުން ވަންޏާ އަފާއަށް ގުޅާލާ! އޮފީހުން ދިން ފޯނުގައި ނަންބަރު ވެސް އޮންނާނެ. " ހެވިފައި ހުރެ އަފާ ބުނެލިއެވެ.

ހިނިތުންވެލަމުން ދާއިން އޯކޭ އޭ ބުންޏެވެ. މޫނުމަތިން ހިނިތުންވުން ފެންނަން ހުރި ނަމަވެސް އޭނާގެ ހިތް އޮތީ މަރުވެފައެވެ. ދުވަހަކީ އޭނާއަށް ކިތަންމެ އުފާވެރި ދުވަހަކަށް ވާން ޖެހުނަސް، އެއީ ހަޔާތަށް އައީ އެންމެ ހިތްދަތި ދުވަސްކަމުގައި ވިއެވެ. އެ ހިތްދަތިކަމުން ސަލާމަތްވާން އޭނާ ކިތަންމެހާ ވެސް ބޭނުންވެއެވެ.

" އެއީ އެންމެން ވެސް ކަޅިއަޅަމުން ދާ މަންޖެއެއް. އެކަކަށް ވެސް ސެޓެއް ނުވެ." ޖައިލަމް ބުންޏެވެ.

އޭނާ އިނީ ރޫމް ބޭރުގައި ކޮފީއެއް ހިފައިގެންނެވެ. ދާއިން އައިސް އިށީނުމާއެކު އަނެއްކާ ވެސް އޭނާ ދެއްކީ އަފާގެ ވާހަކައެވެ.

" ކާކު؟ އަފާ؟" ދާއިން އަހާލިއެވެ.

ޖައިލަމް ހޫމް އަޅުވާލިއެވެ. ދާއިން ކުރު ހިނިގަނޑެއް ޖަހާލަމުން ގޮނޑީގައި ރަނގަޅަށް ލެނގިލިއެވެ.

" ސެޓު ވޭތޯ އުޅެލަބަލަ. " އަނެއްކާވެސް ޖައިލަމް ބުންޏެވެ.

" ކީއްކުރަން؟ ނެތް ޝައުގެއް." ދާއިން ބުންޏެވެ.

އެ ވަގުތު ޖައިލަމް ޖަހާލީ ބޮޑު ހިނިގަނޑެކެވެ.

" ތިހެން ބުނާނެ މިހާރު. ކަލެޔަށް އޭނަ ހަޑީތަ؟" ޖައިލަމް އެހިއެވެ.

" އެއްވެސް މީހަކީ ހަޑި މީހެއް ނޫނެއްނު. އެކަމަކު ރީތިހާ ކޮންމެ މީހަކު ދެކެ ލޯތްބެއް ނުވެވޭނެ އެއްނު. ކަލެއަށް އޭނަ ސެޓު ނުވީތަ ހަމަ މަގޭ އަންނައިރަށް އަފާގެ ވާހަކަ ތި ދައްކަނީ؟" ދާއިން ބުނެލީ ސަމާސާ ރާގަަކަށެވެ.

" ނުވިއޭ! އަންހެން ކުދިންނަށް ރީތި ވަނީ ދިގު ފިރެހެނުން. ކަލޭ ކަހަލަ. ދިގު ހައިޓެއް ލިބިފައި ނެތީމަ ކަންނޭނގެ މަށަށް ބިޓެއް ނުވަނީ." ޖައިލަމް ބުންޏެވެ. ހެމުންނެވެ.

ކައިވެނީގެ ހުދު ހެދުމުގައި އަރޫޝާ ހުރީ ކޮޓަރި ތެރޭގައެވެ. އޭނާ ތައްޔާރު ކުރި މީހުން ދިޔަ އިރު ވެސް އޭނާ ހުރީ ނިކުންނަން ބޭނުން ނުވެފައެވެ. ހިތުގައި ހުރި ޝަކުވާތައް ބޭރު ކުރަން ބޭނުންވި ނަމަވެސް އޭނާ ކެތްތެރިވިއެވެ. ރޮވިއްޖެ ނަމަ މޭކަޕް ހަޑިވާނެތީއެވެ. މީހާގެ މޫޑު ހުރި ގޮތުން އެންމެން ސުވާލު ކުރާނެތީއެވެ.

" މާޝާﷲ. މަންމަގެ ދަރިފުޅު ހާދަ ލޯތްބޭ! " އުފާވެރިކަމާއެކު މަދީހާ ބުނެލިއެވެ.

އެ އަޑަށް އަރޫޝާއަށް ދޮރާ ދިމާލަށް އެނބުރެވުނެވެ. އޭރު އެތެރެއަށް ވަދެގެން މަދީހާ އާދެއެވެ.

" ހަމަ ހީވަނީ ބޭރު ކުއްޖެއްހެން. " އޭނާ ބުންޏެވެ.

އަރޫޝާގެ ދަތްދޮޅީގައި އަތް ޖައްސާލުމަށްފަހު އަރޫޝާގެ މޫނަށް އޭނާ ބަލަން ފެށިއެވެ.

" ބިރުންތަ ތި ހުރީ؟ " އޭނާ އެހިއެވެ.

އަރޫޝާ ދެ ފަރާތަށް ބޯ ހޫރާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. އެ ވަގުތު ނަދީމް އައިސް ކޮޓަރި ދޮރުމަތީ ހުއްޓުނެވެ. އެ ވަގުތު އަރޫޝާ ފެނި، އެހެން ދިމާލަކަށް ބަލައިލާކަށް ނަދީމްގެ ހިތެއް ނޭދުނެވެ. އަރޫޝާގެ ރީތިކަމާމެދު ފުރަތަމަ ފަހަރަށް ނަދީމަށް ޝައުގުވެރި ވެވުނެވެ. ނަމަވެސް ހަމަ އެވަގުތު އޭނާގެ ހިތަށް އާދަޔާ ހިލާފް ބިރުވެރިކަމެއް ވެރިވުމުން އޭނާ އަވަހަށް މޫނު އަނބުރާލިއެވެ. އޭރު އަރޫޝާގެ ގައިގައި ހިފަހައްޓައިލައިގެން މަދީހާ ދޮރާ ދިމާލަށް އާދެއެވެ.

ނަދީމް ހުރީ ކުކުޅު ބިސް ކުލައިގެ ކޯޓަކާއި ފަޓްލޫނެއް ލައިގެންނެވެ. އެ ހެދުމުގައި ހުންނައިރު އޭނާގެ ފިރެހެންވަންތަކަން މާ ބޮޑަށް ވެސް ހާމަވެއެެވެ. ނަދީމް ފެނުމާއެކު ދާއިން މަތިން އަރޫޝާ އިތުރަށް ހަނދާންވިއެވެ.

" މީހުން އަންނަން ފަށައިފި. އަވަހަށް ހިނގާ." މަދީހާ އެދުނެވެ.

ބޯމަތީގައި އަތް ބާއްވާލައިގެން ދާއިން އޮތީ ފުން ވިސްނުމެއްގައެވެ. އަރޫޝާގެ ހިޔާލުތަކުން އޭނާއަކަށް އަދިވެސް ދުރަކަށް ނުދެވެއެވެ. އަރޫޝާގެ ހަރަކާތްތައް ކުރިމަތިން ފެންނަމުންދާ ކަހަލައެވެ.

މޭމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނު ވައިބްރޭޓް ވުމާއެކު ދާއިން މަޑުމަޑުން ފޯނު ނަގައި ބަލައިލިއެވެ.

ކުއްލިއަކަށް އޭނާއަށް ތެދުވާން މަޖުބޫރު ކުރުވި ކަހަލައެވެ. ފުންމައިގެން ތެދުވެ ފާރުގައި ލެނގިލެވުނީ ފޯނަށް ލިބުނު މެސެޖަކުންނެވެ. އާބިދު ފޮނުވާފައި އޮތީ އަރޫޝާގެ ފޮޓޯއެކެވެ. ކައިވެނި ހެދުމުގައި ހުރި ފޮޓޯއެވެ. އެ ފޮޓޯ ފެނި ދާއިން ފެންކަޅި ވެއްޖެއެވެ. އެ ރީތިކަމަކީ އޭނާގެ ހައްގެކޭ ހިތް ބުނަން ފެށިއެވެ. އަރޫޝާގެ މޫނުމަތީގައި އުފާވެރިކަމެއް ނެތްކަން ދާއިންއަށް ފާހަގަ ކުރެވުމާއެކު ދާއިން އިތުރަށް ދެރަވެއްޖެއެވެ.

ފޮޓޯއަށް ބަލަން އެތައް އިރަކު ދާއިން އިނެވެ.

ދާއިންގެ ހަބަރެއް ނުވުމުން އާބިދު ގުޅިއެވެ.

" ކާކު ފޮނުވީ؟" ފޯނު ނެގުމަށްފަހު ދާއިން ބުންޏެވެ.

" އަރޫ ރެޑީ ކުރަން ދިޔައީ މަގޭ ބިޓޭ. " އާބިދު ބުންޏެވެ.

" އަސްލުތަ؟ އަޅެ ފާތުން ކައިރީ އަހާބަލަ، އަރޫ އެއްވެސް އެއްޗެއް ނުބުނޭތަ؟ " ދާއިން ހުރީ ކެތްމަދުވެފައެވެ.

" އޭނައަކަށް ފާތުންއެއް ނޭނގޭނެ އެއްނު. ފާތުން ބުނީ އަރޫ ހުންނަނީ ވަރަށް ދެރަވެފައޭ. އޭނަ ރެޑީ ކުރަން ދެ ގަޑި އިރު ވީ އިރު ވެސް އަނގައިން ބަހެއް ނުބުނިތާ ހިނިތުންވެސް ވެ ނުލައޭ. ދާއިންއަށް ފޮނުވާށޯ ކިޔާފައޭ މަށަށް ތި ފޮޓޯ ފޮނުވީ. " އާބިދު ބުންޏެވެ.

އެ ވާހަކަތަކުން ދާއިން އިތުރަށް ދެރަވެއްޖެއެވެ. ފޯނު ބާއްވާފައި އަނެއްކާ ވެސް ބަލައިލެވުނީ އަރޫޝާގެ ފޮޓޯއަށެވެ. ކޮޓަރީގައި އޮންނަ ހިތް ނުވެގެން ދާއިން އެނދުން ފޭބިއެވެ. ގަޔަށް ޓީޝާޓް މަހާލަމުން އޭނާ ބޭރަށް ނިކުތެވެ. އޭރު ރޫމް ބޭރުގައި މީހުން ތިބި ތަން ފެނި، އެތާ މަޑުކުރާ ހިތެއް ނުވިއެވެ. އޭނާ ބޭނުންވީ އެކަނި ވެލާށެވެ.

ބާރުބާރަށް ގޮސް އޭނާ ނިކުތީ ސްޓާފް ބީޗަށެވެ. ހަމަހިމޭން އެ ސަރަހައްދުގައި މަޑުކޮށްލަމުން އޭނާ ވަށައިގެން ބަލައިލިއެވެ. ތާޒާ ވައިގެ ތެރޭގައި މީހާ ވެސް ތާޒާ ވިއެވެ. ނަމަވެސް ފިހެމުން ދާ އޭނާގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. އަރޫޝާގެ ފޮޓޯ ފެނުނީއްސުރެ އޭނާއަށް ވެފައި ހުންނަނީ ހުދު އޭނާއަށް ވެސް ބުނެދޭން ނޭނގޭ ކަހަލަ އުނދަގުލެކެވެ. އިތުރަށް ލޯބިވެވުނު ހެން ވެސް ހީވިއެވެ.

" މިތާ ކީއްކުރަނީ؟" އަޑު އައީ ފަހަތުންނެވެ.

ސިހިފައި ދާއިން ފަހަތް ބަލައިލި އިރު ހުރީ އަފާއެވެ. އަތުގައި ކޯކް ދަޅެއް އޮތެވެ. އަފާ ފެނުމުން އިހްތިރާމް ކުރުމުގެ ގޮތުން ދާއިން ހީލިއެވެ.

" ޝޮޕަށް އަންނަނިކޮށް ދާއިން މާ ބާރަކަށް މި ދިމާލަށް އަންނާތީ މި ބަލައިލީ." އަފާ ބުނެލިއެވެ.

" ފިނި ކޮށްލަން. " ދާއިން ދިނީ ކުރު ޖަވާބެކެވެ.

" ބޭނުން؟" އަތުގައި އޮތް ކޯކް ދަޅު ދިއްކޮށްލަމުން އަފާ އެހިއެވެ.

ދާއިން ދެ ފަރާތަށް ބޯ ހޫރާލިއެވެ. ރޭގަނޑުގެ އެ އަނދިރީގައި މާ ބޮޑަކަށް އެކަކު އަނެކަކުގެ މޫނުމަތީގެ ކުލަވަރު ސާފުކޮށެއް ނުފެނެއެވެ. އެއީ ވެސް ނަސީބެކޭ ދާއިންގެ ހިތަށް އެރިއެވެ.

" އޯކޭ. ގުޑްނައިޓް. " އަފާ ބުންޏެވެ.

ރައްދުގައި އަނެއްކާވެސް ހީލަމުން ދާއިން ވެސް އޭނާއަށް ގުޑްނައިޓް ކިޔެވެ.

އަފާ ދިޔުމާއެކު ދާއިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދިވެސް އޭނާގެ ހިޔާލު ހުރީ އެތާ މަޑުކުރާ ގޮތަށެވެ.

ކައިވެނި ޕާޓީ ނިމުމާއެކު އަރޫޝާއާއި ނަދީމް ދިޔައީ ގެސްޓްހައުސްއަށެވެ. އެއީ ރިޒާ އެ މީހުންނަށް ދިން ހަދިޔާއެވެ. އެއީ ރަށުގައި ހުރި އެންމެ ރީތި އަދި އެންމެ އަގުބޮޑު ގެސްޓްހައުސްއެވެ. ދެ ދުވަހު އެ ތަނުގައި އެ މީހުން މަޑުކުރާ ގޮތަށް ރިޒާ އޮތީ ފައިސާ ވެސް ދައްކާފައެވެ.

އަރޫޝާގެ ފަހަތުން ނަދީމް އެ ކޮޓަރިއަށް ވަނެވެ. އޭރު 11 ޖަހައިފިއެވެ.

" މިހާރު ހުންނާނީ ވަރަށް ބޮޑަށް ވަރުބަލި ވެފައެއްނު. ފެންވަރަން ދެން އަހަރެން... ބޭރު... ބޭރުގައި މަޑުކޮށްލާނަން. " ނަދީމް ބުންޏެވެ.

އޭނާ ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. އަރޫޝާގެ ރީތިކަން ފެނި، ހިތް ލެނިދާނެތީ ބިރުގަނެފައެވެ. ޒައިނާ ފިޔަވައި އެ ހިތުގައި އެއްވެސް މީހަކު ރަނިކަން ކުރާކަށް ނަދީމް ބޭނުމެއް ނުވެއެވެ.

ނަދީމް ދިޔުމާއެކު އަރޫޝާ ގޮސް ކޮޓަރި ތަޅުލިއެވެ. އަދި ދޮރުފަތުގައި ލެނގިލައިގެން އިރުކޮޅަކު އޭނާއަށް ހުރެވުނެވެ.

ގަޑިން 12 ޖަހައިފިއެވެ. އަރޫޝާ އިނީ އެނދުމަތީ އިށީނދެލައިގެންނެވެ. ޓަކި ޖަހާލުމާއެކު ދޮރާ ދިމާލަށް އޭނާއަށް ބަލައިލެވުނީ ސިހިފައެވެ. ހާސްވެފައި ހުރެ އޭނާ ހިނގައިގަތެވެ. ނަދީމްއާއެކު އެއް ކޮޓަރިއެއްގައި ހުންނަން ވެސް އޭނާ ޖެހިލުންވެއެވެ.

ދޮރު ހުޅުވުމާއެކު ނަދީމްއަށް އަރޫޝާގެ މޫނަށް ބަލައިލެވުނެވެ. އެ ވަގުތު އަރޫޝާ އިސްޖަހާލީ ނަދީމްގެ މޫނަށް ބަލައިލަން ވެސް ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ. ދޮރުމަތީގައި ނަދީމް ހުއްޓާ، އަރޫޝާ ގޮސް އިށީނީ ކޮޓަރި ތެރޭގައި ހުރި ބޮޑު ގޮނޑިއެއްގައެވެ.

އަނގައިން ބަހެއް ބުނުމެއް ނެތި ނަދީމް ގޮސް ވަނީ ފާހާނާއަށެވެ. އެ ވަގުތު އަރޫޝާއަށް ވަރުބަލިކަމާއެކު ގޮނޑީގައި ރަނގަޅަށް ލެނގިލެވުނެވެ. ލޯ މަތިން ނަދީމް ގެއްލުމާއެކު ހިތުގައިވާ ބިރުވެރިކަން ވެސް ފިލާ ދިޔަ ކަހަލައެވެ.

" އަރޫ..." ނަދީމް ގޮވާލިއެވެ.

ސިހިފައި އަރޫޝާއަށް ހޭލެވުނީ ދާއިންގެ އަޑު ކަމަށް ހީކޮށެވެ.

އެވަގުތު ކުރިމަތީގައި ހުރި ނަދީމް ފެނި އޭނާއަށް ތެޅިގަނެވުނެވެ.

" އެނދަށް ދާން ވީ އެއްނު... ނިދަން. " ނަދީމް ބުނެލިއެވެ.

އަރޫޝާ ވަގުތުން ތެދުވެއްޖެއެވެ. އޭނާ ގޮސް އެނދުގައި އިށީންނަމުން ނަދީމްއަށް ބަލައިލިއެވެ. އޭރު ނަދީމް ވެސް ހުރީ އަރޫޝާއަށް ބަލަހައްޓައިގެންނެވެ.

ގައިމަތީގައި ބްލޭންކެޓް އަޅައިގެން އޭނާ އޮތީ މުޅި ހަށިގަނޑު ފޮރުވައިގެންނެވެ. ނިދަން ބޭނުން ނުވި ނަމަވެސް އޮށޯތުމާއެކު އަރޫޝާގެ ދެ ލޮލަށް ނިދި ސަވާރުވާން ފެށިއެވެ.

އަރޫޝާއަށް ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. އޭރު ނަދީމްއެއް ނެތެވެ. އަރޫޝާއަށް ވަގުތުން ބަލައިލެވުނީ މޭޒުމަތީގައި އޭނާގެ ދަބަސް ހުރިތޯއެވެ. ދަބަސް ނެތުމުން އޭނާ ދިޔައީކަން އަރޫޝާއަށް ޔަގީން ކުރެވުނެވެ. އެއާއެކު އެނދުގެ ހެޑްބޯޑުގައި ލެނގިލެވުނީ ފުން ނޭވާއެއް ދޫ ކޮށްލަމުންނެވެ.

އިރު އެރުމާއެކު އަރޫޝާ ގެއަށް ދިޔައެވެ. އޭރު މަދީހާ އޮތީ ކުނިކަހާށެވެ. އަރޫޝާ ފެނުމުން، އިލޮށިފަތި ބާއްވާފައި އޭނާ އައީ ހެވިފައި ހުރެއެވެ.

" ހާދަ ހެނދުނަކާ ތިއައީ؟ ކޮބާ ނަދީމް؟" މަދީހާ އެހިއެވެ.

އޭރު މަދީހާ ހުރީ ނަދީމް ވަދޭތޯ ދޮރާއްޓާ ދިމާލަށް ބަލާށެވެ.

" އަދި ނުހޭލަނީތަ؟" އަރޫޝާގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން އަނެއްކާ ވެސް މަދީހާ އެހިއެވެ.

" ނަދީ..މް. މާލެ ދިޔައީ. " އަރޫޝާ ބުނެލީ އިސްޖަހާލަމުންނެވެ.

" އޭނ؟ މާލެއޭ! ކީއްކުރަން މާލެ ދިޔައީ؟" މަދީހާ އެހިއެވެ.

ލިބުނު ހައިރާންކަމާއެކު އޭނާއަށް ރުޅި ވެސް އާދެވުނެވެ.

" ގުރެޖުއޭޝަން އޮންނާތީ މާލެ ދާން އެންގީމަ. " އަރޫޝާ ބުންޏެވެ.

" މަންމަމެން ގާތު ނުވެސް ބުނޭ! ކީއްވެ ދަރިފުޅު ގޮވައިގެން ނުދިޔައީ؟ ކިތައް ދުވަހަށް އެ ދިޔައީ؟" މަދީހާ ސުވާލު ކުރަމުން ދިޔައީ އަވަސް އަވަހަށެވެ.

" ނޭނގެ. އެއްވެސް އެއްޗެއް ނުބުނެ. " އަރޫޝާ އެހެން ބުނުމަށްފަހު ގެއާ ދިމާލަށް ހިނގައިގަތެވެ.

އަރޫޝާގެ މޫނުމަތީގައި ހުރި އާދަޔާހިލާފް ކުލަވަރުތަކުންނާ އޭނާގެ އަޑުގައި ހުރި މާޔޫސީ ރާގުން މަދީހާގެ ހިތަށް އުނދަގޫ ވެއްޖެއެވެ. އެ ދެ މީހުންގެ ގުޅުން ރަނގަޅު ނޫންހެން އޭނާއަށް ހީވިއެވެ.

" ދެން ތި އޮތީ ތި ކައިވެނި ކުރެވިފައި. އިތުރަށް ކުށްހީ ތަކެއް ވެސް، ޝަކުވާތަކެއް ވެސް ކުރާނެ ކަމެއް ނެތް. ކުއްލިއަކަށް ކުރެވުނު ކައިވެންޏެއް ވީމަ އަދި އެ ކުދިންނަށް ވަގުތު ބޭނުންވާނެ. އެއީ ނުވިސްނޭ ކުދިންނެއް ނޫނެއްނު. " ރިޒާ މަދީހާއަށް ވިސްނައިދިނެވެ.

މަދީހާގެ ހިތަށް ވެރިވެފައިވާ ހާސްކަން ފިލުވުމަށްޓަކައި އޭނާ ރިޒާއާ ވާހަކަ ދައްކަމުން ދިޔައެވެ.

" އަހަރެން ވަރަށް ދެރަވެއްޖެ އަރޫޝާ ގޮވައިގެން މާލެ ނުދިޔައީމަ. އޭނަ ކިހާ ދެރަވާނެ." މަދީހާ ބުންޏެވެ.

ރިޒާ ދެ ފަރާތަށް ބޯ ހޫރާލަމުން މަދީހާއަށް ބަލައިލިއެވެ.

" ނަދީމް ވިސްނާނެ ދޯ ލާރިއަށް ވެސް. ދެ މީހުން މާލެ ދާން ވެއްޖެއްޔާ ކިހާ ހަރަދެއް ދާނެ. މަދީހާ ކުޑަކޮށް ހަމަޖެހިލަންވީއޭ! ނަދީމް ރަށަށް އައީމަ ހުރިހާ ކަމެއް ވެސް ހަމަ ޖެހިދާނެ." ރިޒާ ބުންޏެވެ.

އާދައިގެ މަތިން މިއަދު ވެސް ނަދީމް ޒައިނާގެ ފޯނަށް ގުޅިއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު އޭނަ އެ ނަންބަރަށް ގުޅައެވެ. ފަހަރެއްގައި ވެސް ނަދީމްގެ ނަންބަރު އަންބްލޮކް ކޮށްފަަައި އޮވެދާނެ ކަމަށެވެ. އެހެން ދުވަސްތަކޭ އެއްފަދައިން މިއަދު ވެސް އޭނާއަށް ލިބުނީ ނާއުއްމީދެވެ.

ޒައިނާ މިހާރު ރާއްޖޭގައި ނުހުންނާނެކަން ވެސް ނަދީމްއަށް އެނގެއެވެ. ނަމަވެސް އޭނާއަށް އަދިވެސް ޒައިނާގެ ހިޔާލުތަކުން ދުރަށް ދެވޭ ގޮތެއް ނުވެއެވެ. މާލެ އައި ގޮތަށް ވެސް ޒައިނާގެ ގެ ހުންނަ މަގަށް ދެ ފަހަރަކު ދެވުނެވެ. ފަހަރެއްގައި ވެސް ޒައިނާ އުޅެދާނެ ކަމަށެވެ. ފެނޭތޯއެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)