ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ މިއަދާއި ހަމައަށް ބޭނުން ކުރަމުން އައީ ޕާޓީގެ އިސް މީހާ ބޭނުންވާހާ ގޮތަކަށް ކަމަށާއި، ސަރުކާރުގެ ފަރާތުން އޭނާ ހުށަހަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން އެކަން ހައްލުވާނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ.
މި ބިލު މިއަދު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅުއްވަމުން ލަތީފް ވިދާޅުވީ، މި ބިލު ހުށަހެޅުއްވީ ފޮނި އުންމީދެއްގައި އިސްލާޙީ ބަދަލުތަކެއް ގެންނައުމުގެ ބޭނުމުގައި ކަމަށެވެ.
ލަތީފް ވިދާޅުވީ، ކުރިން ޕާޓީތައް ހިންގާފައިވަނީ އެ ޕާޓީތަކުގެ ވެރިން ބޭނުންވާ ގޮތަށް، އެ ހުންނަން ބޭނުންވާ ސިފައަކަށް އަދި ބޭނުންވާ ވައްތަރަކަށް ކަމަށެވެ. ނަމަވެސް މި ބިލުން ކުރަން އުޅޭކަމަކީ އެކަންކަމަށް ބަދަލުގެނައުންކަމަށް ލަތީފް ވިދާޅުވިއެވެ.
''އޭރު ޕާޓީތަކުގެ ވެރިން ޖަލުގައި ތިބުމާއި، ވަކީލުންނަށް ފައިސާ ވެސް ދޭންޖެހެނީ ޕާޓީގެ ފައިސާ. އޭރު ޕާޓީގެ އިސް ވެރިމީހާ ބުނާ ގޮތަށް ބުނާ މީހަކަށް ޕާޓީއަށް ލިބޭ ފައިސާކޮޅު ވެސް ބަހަންވީ، ޕާޓީތައް ހިންގަމުން ދިޔައީ ނުވަތަ ހިނގާފައިވަނީ އޭރުގެ ޕާޓީގެ އެންމެ އިސް ވެރިއަކަށް ހުންނަ، އެ ދިދަ ބުނާ ގޮތަށް.'' ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާާޅުވީ، އެހެން އެކަން ކުރަމުން ދިޔަނަމަވެސް ޕާޓީގައި ގުނަވަންތަކެއް އޮންނަކަމަށާއި، ޕާޓީގެ ވެރިން ކަންކުރަމުން ދިޔައީ އެ ގުނަވަންތައް އިޞްލާޙުކޮށްގެން ނުވަތަ އެ ގުނަވަންތަކުން ނިންމާ ނިންމުންތަކަށް އިޙުތިރާމުކޮށްގެން ނޫން ކަމަށެވެ. އަދި މާޒީގައި ކަންތައް ހިނގާފައިވަނީ އެ ބީދައިން ކަމަށް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، މި ބިލުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތައް ގެނެސްދޭނެ ކަމަށާއި، މި ބިލުގެ ސަބަބުން ޕާޓީތަކަށް ލިބޭ ފައިސާ އާއި އާމްދަނީ އިތުރުވެ، ޚަރަދުކޮށް ބޭނުންކުރެވިގެންދާނީ ހަރުދަނާ އުސޫލެއްގެ މަތިން ކަމަށެވެ.
''ޕާޓީ ނިޒާމުގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުން ހެއްވާލާ ކަހަލަ އުސޫލުތަކެއް މި ގާއިމުކޮށްދެނީ، މިކަމުގެ ސަބަބުން ރަނގަޅުވާނެ، ދެނެއް އެއްކަލަ ކުރިން އަޅުގަނޑު މި ދެންނެވި ވަރުގަދަ މީހާ، ބާރުގަދަ މީހާ ގޭގައި ހުރެގެން ބޭނުންގޮތަކަށް، ޖަލުގައި ހުރެގެން ބޭނުންގޮތަކަށް ކަންކުރާ އުސޫލު އެ ދިޔައީ،'' ލަތީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!