އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، މި ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ރާއްޖޭގައި އަލުން ''ކަތީބު ނިޒާމު'' ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައި ވަނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، އެ ފައިސާ އިތުރުކޮށްދިނުމަށް ގޮވާލާކަމަށްބުނެ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

Ad
rt

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކަށް ބަޖެޓް އުނިކުރަން ހިމަނާފައިވާ ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރާއްޖޭގައި މިހާރު އޮތް ކައުންސިލް ނިޒާމް އުވާލައި، އަލުން ''ކަތީބު ނިޒާމް'' ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ޤާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ގެއްލުންވާނެ ކަމަށް ވެސް އެމްޑީޕީން ބުނެފަވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ގްރާންޓް ކުޑަކޮށްފައިވާކަމަށާއި، އެ އަދަދު ބޮޑުކޮށް އަލުން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ގޮވާލާފަވެއެވެ.

އިދިކޮޅު އެމްޑީޕީގެ މި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްވާއިރުގައި ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ބްލޮކް ގްރާންޓްގެ ގޮތުގައި 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ"

ބްލޮކް ގްރާންޓުގެ 5 އިންސައްތައިގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ގާނޫނަށް އިސްލާހުގެންނަވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.