"ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ" އުތީމު އާދަމްބޭގެ ޅެމުން ރޮއްވާލައިފި

A0B90802-0C79-4A23-97A2-F4A3B45C8726

މި ނިކަމެތި މެޔާއި ހިތް ބާރަށް ތެޅެނީއެވެ. ދެ ކޯތާފަތް ކަރުނައިން ފޯވެއްޖެއެވެ. ލޭ ކަރުނައިން ދެލޯ ފާރުވެއްޖެއެވެ.

މިއަދުގެ ޤައުމުގެ ހާލަތު އުތީމު އާދަމްބޭގެ ޤަލަމުން ސިފަކޮށްދެއްވީ އަސަރުގަދަ ޅެމަކުންނެވެ.

ދިވެހި އަދަބީ ގުލްޒާރުގައި އެފަދަ ދެވަނައެއް ނުވާފަދަ ހއ. އުތީމު އާދަމްބޭގެ އެ ޅެމުގެ މޮޅުކަމާއި، ހުރި އަސަރުން އެންމެ ފުރިހަމައަށް ޅެމުގައި ބުނާ ވާހަކަތައް ނުގެނެވުނު ނަމަވެސް ޅެމުހައި ހުރި އިބްރަތްތެރި ބަސްތަކުގެ މަށްޗަށް ކޮންމެސް މިންވަރަކަށް ގަލަން ހިންގާލެވޭތޯ ބަލައިލާނަމެވެ.

" ދައުރުވާ އެކި ޚަބަރުތައް ބުނެ ސާފުކޮށް އަންގަނީ،

ޤައުމު އޮތް ނިކަމެތިކަމާ ޖާހިލުކަމާ އަދި ހާލަތާ "

"މިހާރު ދައުރު ވަމުންދާ ޚަބަރުތައް ސާފުކޮށް އަންގައި ދެނީ ޤައުމު އޮތް ނިކަމެތި ޖާހިލު ހާލަތެވެ. " އާދަމްބޭ ލިޔުއްވާފައި ވެއެވެ.

" މަޙުރަމުންގެ ނުބައި ނުރައްކާ ވަކިތަކުން ބޭރަޙުމުގައި،

އަހުރަވެތިވީ މޭގެ އެތިކޮޅުތައް އެ ނޮޅަނީ ހުރުމަތާ "

ކައިވެނި ހަރާމް، އެއް ލޭ ހިނގާ މީހުން  އެއްވެސް ރަޙުމެއްނެތި އެމީހުންގެ މޭގެ އެތިކޮޅެއްފަދަ ލޯބިވާ ދަރިންގެ ހުރުމަތާއި، އަބުރު ނޮޅައި ވީދަމުން ދަނީއެވެ.

ސަހަރޯއެވެ! ކާފައިންނާއި، ބައްޕައިން އެމީހުން މައުސޫމު އެއްވެސް ކުށެއްނެތް ސާފު ނަފްސް ތަކެއްގެ ވެރި، ތާހިރު ދަރިންގެ އިއްފަތާއި، އެކުދިންގެ ކަރާމަތާއި މައުސޫމުކަން ގެއްލުވާލަމުން އެހެރަ ދަނީއެވެ!

" ކާފައިންނާއި ބައްޕައިން ޠާހިރު ދަރީންގެ ކަރާމަތާއި،

ސާފު މައުސޫމިއްޔަތާ އަދި ފޭރެނިއްޔޭ އިއްފަތާ "

މިވާހަކަތައް ދައްކަން ކިތައްމެހާވެސް ލަދުވެތިވަމެވެ! އެހެންނަމަވެސް މިއަދު ދުލާއި ގުޅިފައިވަނީ މިވާހަކަތަކެވެ. ދީނުގައި އަންގަވާފައިވާ ގޮތްތައް ދޫކޮށް، ބޯލަބައި ކިޔަމަން ގަންނަމުންއައި ޤާނޫނުތަކާއި، ޤަވާޢިދުތަކާއި މިތަނުގައި އޮތް ރިވެތި އުސޫލުތައް ދޫކޮށްލުމުން ގެއްލިގެން މިދަނީ ލިބިފައި އޮތް ރިވެތި ނަމާއި، އަބުރާއި ޢިއްޒަތެވެ.

" ގެންދަނީ ނަމަ ޢަމަލުތައް ފާޙިޝް މިފަދަ ތަކުރާރުކޮށް،

ގެންދަވައިފާނޭ ބިމުން ބަރަކާތް އޮހޭ ހެޔޮ ރަޙުމަތާ "

މިފަދަ ފާޙިޝް އަމަލުތައް ތަކުރާރުކުރަމުން ދާނަމަ، މި ދިވެހި ފަސްގަނޑަށް ލިބެމުންދާ ހެޔޮ ރަޙުމަތާއި، ބަރަކާތް ގެންދަވައި ފާނެއެވެ. އަދު އުޅެމުން މިދާ އުފާވެރި ފާގަތިކަން ބީވެދާނެއެވެ. ﷲ އަށް ބިރުވެތި ވާށެވެ!

މިއަދު މި ދިވެހި ބިމުގެ ހާލަތާއި މެދު ބިރުގަނެ މޮޅިވެރިވަމެވެ. ﷲ ހަޟުރަތުގައި މިއެދެނީ މިނުބައި އަމަލުތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް މިފަސްގަނޑު ވުމެވެ. ހިތްތަކުގެ ނިޔަތް ރަނގަޅުވެ، ﷲގެ މަގުގައި ހިފެހެއްޓުމެވެ.

https://www.facebook.com/529034259/posts/10158257032814260/?d=n

އާދަމްބޭ މި ޅެމުން އެތައް ވާހަކަތަކެއް ބުނެދެއެވެ. މިޅެމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ ކުޅުދުއްފުށީގެ މަޝްޙޫރު ލަވަކިއުން ތެރިޔާ އަބްދުލް ރަޝީދު ދޮނޭގެ އަޑުން ރެކޯޑުކޮށް ނެރެފައިވާ ރެކޯޑިންއަކުންނެވެ.

ވީދި ކުދި ކުދި ވެފައި އޮތް މިޤައުމުގެ އަޚްލާޤާއި، މި މުޖުތަމައަށް ވަމުންމިދާ ގޮތާއި މެދު ފުންކޮށް ވިސްނާލި ކޮންމެ މީހަކަށް ލޮލުން ކަރުނަ ހިލިދެއެވެ. އާދަމްބޭގެ މިމެސުޖުތަކުގައި ހިފާނެ ހެޔޮ ޚުލްޤުގެ ވެރީންވެސް މިތާ މަދެއްނޫނެވެ. މާދަމާއަށްޓަކައި މި ޤައުމުގެ ކުރިމަގުގެ ދަންމަރުތައް ކަމުގައިވާ އަޅުގަނޑުމެންގެ ދޮލުގެ ނޫރު ކަމުގައިވ ޅަ ދަރީންނާއިމެދު ރައްކާތެރިވެ، އެކުދީންގެ ހައްޤުތައް ހިމާޔަތްކޮށްދެމާތޯއެވެ؟

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *