އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި މެދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

31 އޮކްޓޯބަރު 2024 ގައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް، 2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.

Ad
rt

ބަޖެޓާއިމެދު ކަންބޮޑުވުން ފާޅުކުރަށްވައި ފައްޔާޟު އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައި ވިދާޅުވީ، ބަޖެޓު 2025 އަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ޚަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ.

އެއަށްފަހު މި ބަޖެޓާ މެދު ރައްޔިތުން މާޔޫސްވާނެ ބައެއް ސަބަބުތައް ގޮތުގައި ފައްޔާޟް ވަނީ ކަންތައްތަކެއް ފާހަގަކުރަށްވާފައެވެ.


ފައްޔާޟް ވަނީ މި ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޓެކްސްތައް ބޮޑު ކުރުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަރަށް ދަތިވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ބަޖެޓު ފޮނުވިއިރު ބަޖެޓްގެ މުހިއްމު ތަފްސީލުތައް ވަނީ ނުހިމަނައި ފޮރުވާފައިކަމަށް ވެސް ފައްޔާޟު ވަނީ ވިދާޅުވެފައެވެ.

މި ބަޖެޓާއިގުޅޭގޮތުން މާލީ ވުޒާރާއިން ބުނެފައި ވަނީ މިއީ ޒިންމާދާރު، ނިސްބަތުން އެންމެ ޑިފެސިޓް ކުޑަ ބަޖެޓް ކަމަށެވެ. އަދި މި ބަޖެޓުން ދެމެހެއްޓެނި މިންވަރަށް ދަރަނި ކުޑަކުރެވޭނެކަމަށް ވެސް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ބަޖެޓަކީ އަލަށް ފަށާ ތަރައްޤީގެ މަޝްރޫޢުތައް އެންމެ ގިނައިން ހިމަނާފައިވާ ބަޖެޓް ކަމަށާއި، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއްގެނެސް، ބޯހިޔާވަހިކަމަށް ބޮޑު އިސްކަމެއް މި ބަޖެޓުން ދީފައިވާކަމަށް މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.