މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިން ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ކަންކަމުގައި ކައުންސިލް ރައީސްގެ ބައިވެރިވުމެއްނެތް ކަމަށާއި، އޭނާ އާއި ގުޅުވައި ކައުންސިލް މެމްބަރަކު މީސްމީޑިއާގައި ކޮށްފައިވާ ދޮގު އިލްޒާމަކީ ރޭވުމެއް ކަމަށް އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައި މުސްތަފާ ވިދާޅުވީ، 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި އޭނާ އާއިމެދު ކައުންސިލް މެމްބަރު ނިޝާން ޢަލީ މީސްމީޑިއާގައި ކޮށްފައިވާ ސީރިއަސް ތުހުމަތު ތަކަކީ އެއްވެސް އަސްލެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.
އެ ބަޔާނުގައި މުސްތަފާ ވިދާޅުވެފައިވާ ގޮތުގައި، އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ކުރިނަމަވެސް އެވޯޑްގެ ކަންކަމުގައި އޭނާގެ ސީދާ ބައިވެރިވުމެއް ނެތްކަން ކައުންސިލް މެމްބަރުންނަށާއި، އެމްއެމްސީގެ މުވައްޒަފުންނަށް ވެސް އިނގޭނެއެވެ. އަދި އެކަމަކީ ނޫސްވެރިކަމުގެ އެވޯޑު ދޭން ފެށުނީއްސުރެ ކަން ހިނގަމުންއައި ގޮތްކަމަށް މުސްތަފާ ބުނެފަވެއެވެ.
އެވޯޑަށް ނޮމިނޭޓްވާ ފަރާތްތަކާއި އެވޯޑް ލިބޭ ފަރާތްތަކުގެ މައުލޫމާތަކީ ރައީސަށް ދުރާލާ އެނގޭ މައުލޫމާތެއް ނޫންކަމަށާއި، އެވޯޑުގެ އެންމެހާ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މެމްބަރު ޢަލީ ނިޝާނާއި، އިނާމް ކޮމެޓީގެ ނައިބު މުގައްރިރުގެ ބެލުމުގެ ދަށުންކަމަށް އެ ބަޔާނުގައި މުސްތަފާ ފާހަގަކުރަށްވާފަވެއެވެ.
އެވޯޑު ހަފުލާގައި ދެއްކީ އެ ހަފްލާ ލައިވްކުރި ޕީއެސްއެމްގެ އެޑިޓޯރިއަލްއާއި ކޮންޓެންޓެއް ޚިލާފް އަދި ނޫސްވެރިކަމުގެ އާންމު މިންގަނޑާއި ޚިލާފް ވީޑިއޯއެއް ކަމަށާއި، އެ ވީޑިއޯ އަކީ އެ ކޮންޓެންޓް އާންމު ކުރި ދުވަސްވަރު އެ ކޮންޓެންޓާއި ގުޅިގެން އެމްއެމްސީން ބަޔާންނެރެފައިވާ ކޮންޓެންޓެއްކަން މުސްތަފާގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.
މިހެން މިކަން އޮއްވައި 11 ވަނަ އެވޯޑް ހަފުލާގައި އެ ކޮންޓެންޓް ދައްކާފައި ވަނީ އޭނާ އަށާއި، ހަފްލާ ލައިވްކުރި ޕީއެސްއެމް އަށް ވެސް ނޭނގި ގަސްތުގައި ކަމަށް މުސްތަފާ ވިދާޅުވެފަވެއެވެ. އަދި އެކަމަކީ އެވޯޑްގެ ކަންކަން ކައުންސިލް މެމްބަރުންގެ ޒިންމާ އޮތް ކަމެއް ކަމަށް ވެސް މުސްތަފާ ވިދާޅުވެފަވެއެވެ.
’’އެހެންކަމުން ކައުންސިލް ރައީސްގެ ހައިސިއްޔަތުން، މެމްބަރު އަލީ ނިޝާން އަޅުގަނޑަށްކޮށްފައިވާ ދޮގު އިލްޒާމަކީ ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށާއި، މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.’’ މުސްތަފާގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!