މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ.

މިއީ އެމްއެމްސީން ބޭއްވި 11 ވަނަ ނޫސްވެރިކަމުގެ އެވޯޑެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފެވެ.

Ad
rt

މި އެ ވޯޑުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް ހޮވިފައި ވަނީ ''މިހާރު'' ނޫހުގެ ފާތިމަތު ޝަނާ މުހައްމަދެވެ. 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ އެންމެ ޝަރަފްވެރި ތިން އެވޯޑްގެ ތެރެއިން ދެ އެވޯޑު މިހާރަށް ލިބިފައިވާއިރު، ގިނަ އެވޯޑްތަކެއް މިހާރުގެ ނޫސްވެރިންނަށް ލިބިފަވެއެވެ. އަދި މިހާރަށް ވަނީ އަހަރުގެ އެންމެ މޮޅު ކަވަރޭޖްގެ އެވޯޑް ވެސް ލިބިފައެވެ.

މީގެ އިތުރުން ވިޔަފާރިއާ އިގުތިސޯދުގެ ދާއިރާގެ އެވޯޑު ވެސް ލިބުނީ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ، ފާތިމަތު ޝަނާ މުހައްމަދަށެވެ. ގާނޫނީ ދާއިރާގެ އެވޯޑް ވެސް ލިބުނީ މިހާރުގެ ނޫސްވެރިޔާ މިހާރުގެ ނިއުމަތުﷲ އިދުރީސް އަށެވެ. އަދި ތާރީހާއި ސަގާފަތުގެ ދާއިރާގެ އެވޯޑު އެ ނޫހުގެ މުހައްމަދު ހަމްދޫން އަށް ލިބިފައިވާއިރު، ގްރެފިކްސް އަދި އިލެސްޓްރޭޝަން ދާއިރާގެ އެވޯޑު ވެސް ލިބުނީ މިހާރުގެ މުހައްމަދު ނަބްހާން އިބްރާހިމް ދީދީ އަށެވެ.

އިތުރު އެވޯޑްތަކަށް ބަލާއިރު ''އަދަދު'' ނޫހުގެ ނޫސްވެރިންނަށް ވަނީ ހަތަރު އެވޯޑެއް ލިބިފައެވެ. ދައުރު ނޫހުގެ ނޫސްވެރިންނަށް ތިން އެވޯޑެއް ލިބުނުއިރު، ''ވަގުތު''ގެ ނޫސްވެރިއަކަށް ވެސް ވަނީ އެވޯޑް ލިބިފައެވެ.

11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ލިބުނު އިތުރު ނޫސްވެރިން

  • ސިޔާސީ ދާއިރާ: ހަސަން މުހައްމަދު/ އަދަދު
  • ކުޅިވަރު ދާއިރާ: އައްޒާމް އަލިފުޅު/ އަދަދު
  • ވީޑިއޯ ޑޮކިއުމެންޓްރީ: ކަނދޮޅުދޫގެ ފަނޑުނުވި ހަނދާން/ އަދަދު
  • ތަހުގީގީ ނޫސްވެރިކަން އޯޑިއޯ/ވީޑިއޯ: އަހުމަދު އާއިދް/ އަދަދު
  • ތަހުގީގީ ނޫސްވެރިކަން: އަހުމަދު ނާއިފް/ ދައުރު
  • ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ: ޝަހުދާ މުހައްމަދު/ ދައުރު
  • ފީޗާ ރިޕޯޓު: މުޒައްޔިން ނާޒިމް/ ދައުރު
  • މުނިފޫހިފިލުވުމާއި ފަންނުވެރިކަން: ސައިފުﷲ އަހުމަދު/ ވަގުތު

11 ވަނަ ނޫސްވެރިކަމުގެ އެވޯޑްގެ ލައިފްޓައިމް އެޗީވްމަންޓް އިނާމު ވަނީ ދެ ބޭފުޅަކަށް ދީފައެވެ. އެއީ "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު)އެވެ.