ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ކައުންސިލާއި، އެ ރަށުގައި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ މުހައްމަދު ނަޒީހުއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ސޯޝަލް މީޑިއާގައި ބޭނުންކުރާ ޕޯސްޓަރ ޑިޒައިން ކުރާނެ ގޮތުގެ އިތުރުން ފޮޓޯ ނެގުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު ކައުންސިލްގެ ރައީސް ސޮއްފަތު މުހައްމަދު ބުނީ ކައުންސިލްގެ މީޑިއާ މަސައްކަތްތަކަކީ މިހާރަށް ބަލާއިރު ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، ނަމަވެސް މި މަސައްކަތަށް އަހުލުވެރި މުވައްޒަފުން މަދުވުމުން ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.

ސޮއްފަތު އިތުރަށް ބުނީ މީޑިއާގެ މަސައްކަތްއް ކުރަން ކައުންސިލުގައި ތިބެނީ ވަރަށް މަދު މުވައްޒަފުންނަށް ވުމުން، އޭގެން މުވައްޒަފަކު ޗުއްޓީއަށް ގޮސްފިނަމަ މީޑިއާގެ މަސައްކަތްތައް ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ފާއިތުވި ތަނުގައި ކުރިމަތި ވަމުން އައިސްފައިވާ ކަމަށެވެ. ނަމަވެސް ގިނަބަޔަކު ތަމްރީން ކުރެވިގެން ދިޔުމުން މި މައްސަލަ ހައްލުވެގެންދާނެ ކަމުގައި އޭނާ ބުންޏެވެ.

މިއީ އެ ކައުންސިލުން އިސްނަގައިގެން ހިންގާ މިފަދަ ދެވަނަ ޕްރޮގްރާމެވެ.

މި ޓްރެއިނިން ޕްރޮގްރާމަކީ ކައުންސިލްގެ ހުށަހެޅުމަކަށް ނަޒީހް ފޮޓޯގްރާފަރ ގެ ފަރާތުން ހިލޭސާބަހަށް ކުރިއަށް ގެންގޮސްދޭ ޕްރޮގްރާމެކެވެ.