މާލޭގައި ހުރި ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފައިސާ އާއި ތަކެތި ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، މިއަދު ފަތިހު 4:20 އެހާކަންހާއިރު ފުލުހުން މާލޭގައި ޕެޓްރޯލްކުރަމުން ދިޔައިރު، މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ. މިކަން ފާހަގަ ކުރެވިގެން، އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ، ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ 3 މީހުން ހޯދައި އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ad
rt

ފުލުހުން ބުނީ، އެފިހާރައިން އެމީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާއާއި ސިގިރެޓް ކާޓަން ތަކެއް ވަނީ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން

  • އިހުސާން އިބްރާހިމް (26 އަހަރު)، ގދ. ވާދޫ/އަތަމާގެ،
  • މުޙައްމަދު ޞޮބާޙް (46 އަހަރު)، ގދ. ވާދޫ/ލިލީގެ،
  • އިބްރާހިމް މުޙައްމަދު ރަޝީދު (34 އަހަރު) ރ. އިނގުރައިދޫ/ދަނބުރުއްގަސްދޮށުގެ،

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިހުސާން އިބްރާހިމް 30 ދުވަހަށް އަދި އަނެއް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.