"ވޭޕް އޮއިލް"ގެ ނަމުގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ދާޚިލީ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، "ވޭޕް އޮއިލް"ގެ ނަމުގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެފައެވެ.

Ad
rt

''މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެންގެވި ޑިޒިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު'' ވަޒީރު ވިދާޅުވެފަވެއެވެ.

ވަޒީރުގެ މި ޕޯސްޓް މި ޝިޕްމަންޓުގެ ފޮޓޯ ހިމަނާފައިވާއިރު، އިތުރު ޕޯސްޓެއްގައި ރައީސް ވަނީ އެ ޝިޕްމަންޓްގައި ހުރި ކެނެބިސް އަޅާފައި ހުރި ވޭޕް ސިނގިރޭޓްގެ ފޮޓޯ ވެސް ހިމަނާފައެވެ.

''ސްކޫލްތަކުގެ ކިޔަވާކުދިންނަށް މަސްތުވާތަކެތި އެކުލެވޭ މިފަދަ ވޭޕް ސިނގިރޭޓް އޮޅުވާލައިގެން ދޭކަން ވަނީ ފާހަގަ ކުރެވިފައި'' ވަޒީރު ވިދާޅުވެފައެވެ.

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައިވާއިރު، އެމަނިކުފާނު ނިންމަވާފައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ނިންމަވާފައިވެއެވެ.

ރައީސްގެ މި ނިންމެވުން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާއިރު، އިދާރާތަކުން މިހާރު ވަނީ އެކަމަށް މަސައްކަތް ފަށާފައެވެ.