އިންޑިއާގެ ސިޔާސީ ޕާޓީއެއްކަމަށްވާ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެން.ސީ.ޕީ)ގެ ލީޑަރު ބާބާ ސިއްދީޤީ ގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތުގައި މުމްބާއީ ޚަރުވާޑީ ޖަންކްޝަންގައި ތިން މީހަކު ބަޑިން ހަމަލާދީ އެން.ސީ.ޕީގެ ލީޑަރު ބާބާ ސިއްދީޤީ ވަނީ ޒަޚަމްކޮށްލާފައެވެ.

Ad
rt

އޭނާ މަރުވީ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފަވެއެވެ.

އިންޑިއާގެ ނިރްމަލް ނަގަރު ފުލުހުންގެ މަސްދަރުތަކުން ބުނެފައިވަނީ ބަޑި ޖެހި ތިން މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް ރޭގަނޑު 10 ޖަހާކަށްހާއިރު، ބާބާ ސިއްދީޤީގެ ދަރިފުޅު ޒީޝާން ސިއްދީޤީގެ އޮފީހުގެ ބޭރުގައި، ބަންދްރާ އީސްޓްގައި ހުންނަ ކެރްވާޑީ ޖަންކްޝަނާ ކައިރީގައި ކަމަށެވެ.

ދިއްސީޤީ އެވަގުތު ހުރީ އޭނާގެ ޕާޓީގެ އެހެން މެމްބަރުންނާ އެކުގައެވެ. ހަމަލާދިން މީހުން އޭނާއާ ކައިރިވެފައިވަނީ މޮޓޯ ސައިކަލެއްގައި ގޮހެވެ. އެމީހުން ވަނީ އޭނާގަޔަށް ބަޑި ޖެހުމަށްފަހު ތަނުން ފިލައިގެން ގޮސްފައެވެ. މި ހާދިސާ ހިނގުމުން ސިއްދީޤީގެ ޕާޓީގެ މެމްބަރުން ވަނީ އޭނާ ލީލާވަތީ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ނިރްމަލް ނަގަރު ފުލުހުން ވަނީ އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލަންފަށާފައެވެ. ފުލުހުންގެ މަޞްދަރުތަކުން ބުނެފައިވަނީ، "އަޅުގަނޑުމެން ވާނީ ދެ މީހަކު ހައްޔަރުކޮށްފައި، މި ދަނީ އެމީހުންނާ ސުވާލުކުރަމުން" ކަމަށެވެ.

ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީގެ ލީޑަރު ސިއްދީޤީ މަރާލާފައި މި ވަނީ މަހާރާޝްޓްރާ އެސެމްބްލީގެ އިންތިޚާބު ކައިރިވަމުން އަންނަ ދަނޑިވަޅެއްގައެވެ. ތިން ދައުރު މަހާރާޝްޓްރާގެ ލެޖެސްޓިވް އެސެމްބްލީގެ މެންބަރުކަން ކޮށްފައިވާ ސިއްދީޤީ މަރާލުމުގެ ހާދިސާއިން ސްޓޭޓުގައި ސިޔާސީ ހަލަބޮލިކަމެއް އުފެދިފައިވާއިރު، މި ހާދިސާއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ހޯމް މިނިސްޓަރު ދެވެންދްރާ ފަޑްނަވިސް އިސްތިއުފާ ދިނުމަށް ގޮވާލައިފައިވެއެވެ. އޭނާ މަހާރާޝްޓްރާގެ ލެޖެސްޓިވް އެސެމްބްލީގެ މެންބަރުކަމަށް އިންތިޚާބުވެފައި ވަނީ 1999، 2004 އަދި 2009 ވަނަ އަހަރުއެވެ.

ސިއްދީގީ ވަނީ 2004 އިން 2008 އަށް މަހާރާޝްޓްރާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފުޑް އެންސް ސިވިލް ސަޕްލައިގެ މަގާމް ވެސް ފުރުއްވާފައެވެ.

ސިއްދީޤީ ވަނީ ކުރިން 1992 އާއި 1997 އާ ދެމެދު ވިދިވިދިގެން ދެ ދައުރު މުނިސިޕަލް ކޯޕަރޭޓަރެއްގެ ގޮތުގައިވެސް ޚިދުމަތްކޮށްފައެވެ. އޭނާ ނިޔާވުމުގެ ކުރިން، މުންބާއީ ރީޖަނަލް ކޮންގްރެސް ކޮމިޓީ އަދި މަހާރާޝްޓްރާ ޕްރަދޭޝް ކޮންގްރެސް ކޮމިޓީގެ ޕާލިމެންޓަރީ ބޯޑުގެ ޗެއަރޕާސަން އަދި ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަޤާމު ފުރާފައިވާއިރު، 8 ފެބްރުއަރީ 2024 ގައި، އޭނާ ވަނީ އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ އަސާސީ މެންބަރުކަމުން އިސްތިއުފާ ދީފައެވެ. އެއަށްފަހު، 12 ފެބްރުއަރީ 2024 ގައި އޭނާ ވަނީ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީއާާ ގުޅިފައެވެ.