ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑްގައި ހިމެނޭ މައި ޓްރާންސްފޯމަރުތަކުގެ ތެރެއިން، ޓްރާންސްމިޝަން ޓްރާންސްފޯމަރެއް އެނަރޖައިޒްކުރުމުގެ ތެރެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އިއްޔެ ބުނެފައި ވަނީ ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑް ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު 6:00 އިން 7:00 އަށް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމެއްކަމަށެވެ.

Ad
rt

އެ ކުންފުނިން ފަތިހު 5:55 ހާއިރު ބުނެފައިވާގޮތުގައި ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑްގައި ހިމެނޭ މައި ޓްރާންސްފޯމަރުތަކުގެ ތެރެއިން، ޓްރާންސްމިޝަން ޓްރާންސްފޯމަރެއް އެނަރޖައިޒް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ނިމިފައެވެ. މި ޕްރޮސީޖަރ ކުރިއަށް ގެންދިއުމަށްޓަކައި، މާލޭގެ 10 ސަރަހައްދަކުން 6:00 ގައި ކަރަންޓް ކެނޑޭނެކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

''ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑުން މާލެއާއި ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް މިހާރު ވަނީ އައިސޮލޭޓް ކުރެވިފައި. މީގެ އިތުރުން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑްގައި ހިމެނޭ މައި ޓްރާންސްފޯމަރުތަކުގެ ތެރެއިން، އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ޓްރާންސްމިޝަން ޓްރާންސްފޯމަރ އެނަރޖައިޒް ކުރެވިފައި.'' 6:10 ހާއިރު ސްޓެލްކޯއިން ބުންޏެވެ.

އެއަށްފަހު 6:19 ހާއިރު މާލެ ޕަވަރހައުސް އާއި ހުޅުމާލެ ޕަވަރހައުސް ސިންކްރޮނައިޒް ކުރުމަށްފަހު ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑް މެދުވެރިކޮށް އަލުން ވަނީ ގުޅާލެވިފައިކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކުގެ ތެރެއިން މައްޗަންގޮޅި އަދި މާފަންނުގެ ދެ ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާކަމަށާއި، ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކުގެ ތެރެއިން މައްޗަންގޮޅި ހިމެނޭ ސަރަހައްދަށް ކަރަންޓު ދިނުމަށް ބޭނުންކުރާ މީޑީއަމް ވޯލްޓޭޖް ކޭބަލްގެ ކެޕޭސިޓީ އިތުރު ކުރުމަށް އަލަށް އަޅާފައިވާ ކޭބަލް މެދުވެރިކޮށް އެ ސަރަހައްދަށް ވެސް ކަރަންޓު ދީފައިވާކަމަށް 6:22 ހާއިރު އެ ކުންފުނިން ވަނީ ބުނެފައެވެ.