އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ފިކުރުން އިލްހާމު ލިބިގެން އެމެރިކާގެ އިންތިޚާބު ދުވަހު ގިނަ ބަޔަކަށް އަމާޒުކޮށްގެން ހަމަލާއެއް ދޭން ރާވަމުންދިޔަ އަފްޣާނިސްތާނުގެ މީހަކު އެފްބީއައިން ހައްޔަރުކޮށްފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މި މަޢުލޫމާތު ހާމަކުރީ އަންގާރަ ދުވަހުއެވެ.

އޮކްލަހޯމާ ސިޓީގައި ދިރިއުޅޭ 27 އަހަރުގެ ނަސީރު އަހްމަދު ތައުހީދީ ހޯމަ ދުވަހު ހައްޔަރުކުރުމަށްފަހު ތަޙްޤީޤުގައި ބުނެފައިވަނީ އޭނާ ރާވާފައިވަނީ މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ދުވަހާ ދިމާކޮށް ހަމަލާ ދޭށެވެ. އަދި އޭނާއާއި އޭނާގެ އެކުވެރިއަކު އުންމީދުކޮށްފައިވަނީ ޝަހީދުންގެ ގޮތުގައި މަރުވާށެވެ.

Ad
rt

2021 ވަނަ އަހަރު އެމެރިކާއަށް އައި ތައުހީދީ ވަނީ އޭނާގެ ޕްލޭން ތަންފީޒުކުރުމަށް ފާއިތުވި ހަފްތާތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި އޭކޭ-47 ބަޑިތައް އޯޑަރުކުރުމާއި، އޭނާގެ އާއިލާގެ މުދާތައް ވިއްކާލުމާއި، އޭނާގެ އަނބިމީހާއާއި ދަރިފުޅު އަފްޣާނިސްތާނަށް ފޮނުވުމަށް އެއްކޮޅަށް ދަތުރުކުރެވޭ ޓިކެޓް ގަތުން ހިމެނެއެވެ.

އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޯފަރ ރޭ ވަނީ އެމެރިކާގައި ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކުން ހަމަލާ ދީފާނެކަމުގެ ބިރު އޮތްކަމަށް ހާމަކޮށްފައެވެ. އަދި "ޓެރަރިޒް ހުއްޓުވުމަކީ އެފްބީއައިގެ އެންމެ އިސް އަމާޒު" ކަމުގައި ބުނެފައިވެއެވެ.

ތަޙްޤީޤުގައި ފާހަގަކޮށްފައިވާ ގޮތުގައި ތައުހީދީ ވަނީ ޖުލައި މަހު އޭނާގެ ދަރިފުޅާއި އެހެން ކުޑަކުއްޖަކަށް "ޝަހީދުންނަށް އާޚިރަތުގައި ލިބޭ ސަވާބު" ބަޔާންކުރާ ލިޔުމެއް ކިޔައިދީފައެވެ.

މި މައްސަލައިގައި ތަޙްޤީޤު ދަނީ ކުރިއަށެވެ.