އެމެރިކާގެ 13 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއިން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކާ ދެކޮޅަށް އައު މައްސަލަތަކެއް ހުށަހަޅައިފިއެވެ. މި މައްސަލަތައް ހުށަހަޅާފައިވަނީ ޓިކްޓޮކުން ޒުވާނުންނަށް ގެއްލުން ދިނުމާއި އެފަރާތްތައް ރައްކާތެރިކުރުމަށް ފެއިލްވުމުގެ ދަޢުވާގައެވެ.

އަންގާރަ ދުވަހު ނިއުޔޯކް، ކެލިފޯނިއާ، ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ އަދި އިތުރު 11 ސްޓޭޓަކުން ވަކިވަކިން ހުށަހަޅާފައިވާ މި މައްސަލަތަކުން، ޗައިނާގެ މިލްކިއްޔާތުގައިވާ ޓިކްޓޮކާއި އެމެރިކާގެ ރެގިއުލޭޓަރުންނާ ދެމެދު އޮތް ޤާނޫނީ ހަނގުރާމަ އިތުރަށް ފުޅާވެގެން ދާނެއެވެ. އަދި މި މައްސަލަތަކުން ކުންފުންޏާ ދެކޮޅަށް އައު މާލީ އަދަބުތަކެއް ހޯދުމަށް މަސައްކަތް ކުރެއެވެ.

Ad
rt

ސްޓޭޓްތަކުން ތުހުމަތު ކުރާ ގޮތުގައި ޓިކްޓޮކުން ބޭނުންކުރަނީ ކުޑަކުދިން ވީހާވެސް ގިނަ ވަގުތު އަދި ގިނަފަހަރު ބެލުމަށް ޑިޒައިން ކޮށްފައިވާ ގަސްތުގައި ދެވިހިފާ ސޮފްޓްވެއަރ އެކެވެ. އަދި އޭގެ ކޮންޓެންޓް މޮޑަރޭޝަންގެ ހަރުދަނާކަމާމެދު އޮޅުވާލާ ކަމަށްވެސް ބުނެއެވެ.

"ޓިކްޓޮކުން ކުންފުނީގެ ފައިދާ އިތުރުކުރުމަށްޓަކައި ސޯޝަލް މީޑިއާ އެޑިކްޝަން އާލާކުރޭ، ޓިކްޓޮކުން ގަސްތުގައި ކުޑަކުދިން ޓާގެޓް ކުރަނީ ކުޑަކުދިންނަށް އަދި އެޑިކްޓިވް ކޮންޓެންޓާ ދެކޮޅަށް ދިފާޢުވުމުގެ ނުވަތަ ހަރުދަނާ ބައުންޑަރީތަކެއް ކަނޑައެޅުމުގެ ޤާބިލުކަން ނެތްކަން އެނގޭތީ." ކެލިފޯނިއާގެ އެޓަރނީ ޖެނެރަލް ރޮބް ބޮންޓާ ވިދާޅުވިއެވެ.

ސްޓޭޓްތަކުން ބުނާ ގޮތުގައި ޓިކްޓޮކުން މަސައްކަތް ކުރަނީ ޔޫޒަރުން އެޕްގައި ހޭދަކުރާ ވަގުތު އިތުރުކޮށް، އެފަރާތްތަކަށް އިޝްތިހާރުތައް އަމާޒުކުރުމަށެވެ.

"ޓިކްޓޮކް ފަދަ ދެވިހިފާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ޒުވާނުން ނަފްސާނީ ދުޅަހެޔޮކަމުގެ ދަތިތަކާ ކުރިމަތިލަމުންދޭ،" ނިއުޔޯކް އެޓަރނީ ޖެނެރަލް ލެޓިޝާ ޖޭމްސް ވިދާޅުވިއެވެ.