އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު، 'އެމް-ފައިސާ'ގެ ޚިދުމަތް ދިނުމަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފިއެވެ.
މި ހުއްދަ ދޫކޮށްފައިވަނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ފައިސާގެ ޚިދުމަތް ދިނުމަށް މަރުކަޒީ ބޭންކުން އިއްޔެއެވެ.
ޤައުމީ ޕޭމެންޓް ނިޒާމުގެ ޤާނޫނުގެ ދަށުން، މާލީ ޚިދުމަތް ދިނުމުގެ ލައިސެންސް ދެވޭނީ އެކަމަށް ޚާއްސަ ކުންފުންޏެއްގެ ދަށުން ރަޖިސްޓްރީކޮށްގެންނެވެ.
މިގޮތުން، އެމް-ފައިސާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައި ރަޖިސްޓްރީ ކޮށްފައިވަނީ މިދިޔަ މެއި މަހުގައެވެ.
MMA issues Payment Service Providers' License to Techfin Maldives Pvt. Ltd. pic.twitter.com/yHhXJMlGf3
— MMA (@MMA_Maldives) September 29, 2024
އުރީދޫން ކުރިން މަޢުލޫމާތު ދީފައިވާ ގޮތުގައި މާދަމާއިން ފެށިގެން އެމް-ފައިސާގެ ޚިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށުން ފޯރުކޮށްދޭން ފަށާނެއެވެ.
މި ޚިދުމަތް މެދުވެރިކޮށް މިހާރުވެސް ބައެއް ކެފޭ އަދި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން ބަނޑޭރިޕޭ މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށްވެސް ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ބަދަލާއެކު، އެމް-ފައިސާގެ ޚިދުމަތް އިތުރަށް ފުޅާވެ، ރާއްޖޭގެ އިލެކްޓްރޯނިކް ފައިސާގެ ޚިދުމަތުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ހަރުދަނާވެ، ފަސޭހަކަމާއެކު މާލީ މުޢާމަލާތްތައް ކުރުމުގެ ފުރުސަތު އާންމުންނަށް ފަހިވެގެންދާނެ ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!