މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް އިތުރު 17.3 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.

މި ފައިސާއަކީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވާ މަހަށް މަސްވެރިންނަށް ދޭންޖެހިފައިވާ ފައިސާއެވެ.

Ad
rt

މިފްކޯއިން މިއަދު ބުނެފައިވަނީ މި ފައިސާ ދޫކުރުމާއެކު، މިފްކޯއަށް މަސްކިރުވާފައިވާ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ހަލާސްކުރެވިފައިވާ ކަމަށެވެ.

ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ މީގެކުރިން ދައްކާ ޚަލާސްކޮށްފައެވެ.

މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ބިލިޔަނަކަށްވުރެ އިތުރުވެއެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިދިޔަ ޖުލައި މަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނެ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގެއްގައެވެ.

މިފްކޯއިން އިތުރަށް ބުނެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.