އެމެރިކާގެ ރިޔާސީ އިންތިޚާބު 2024 އިން ބަލިވެއްޖެނަމަ އަލުން ވާދަނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ ތިން ރިޔާސީ އިންތިޚާބުގައި ވެސް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާފައިވާ 78 އަހަރުގެ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބަލިވެއްޖެނަމަ، 2028 ގެ އިންތިޚާބުގައި އަލުން ވާދަކުރައްވަން ގަސްތު ނުކުރައްވާ ކަމުގައެވެ.

Ad
rt

ސިންކްލެއަރ މީޑިއާ ގްރޫޕަށް ދެއްވި އިންޓަވިއުއެއްގައި، ނޮވެމްބަރު މަހުގެ އިންތިޚާބުގައި ކަމާލާ ހެރިސްއާ ވާދަކޮށް ބަލިވެއްޖެނަމަ 2028 ގައި އަނެއްކާވެސް ވާދަކުރުމާމެދު ދެކޭގޮތް އެއްސެވުމުން، ޓްރަމްޕް ވިދާޅުވީ "ނޫނެކެވެ. އަހަރެން އެގޮތަކަށް ނުދެކެމެވެ. އެއީ އޭގެ ނިމުމަކަށް ވާނެއެވެ." މިފަދައިންނެވެ.

އެމެރިކާގެ ޤާނޫނުގައިވާ ގޮތުން ރައީސްކަން ދެ ދައުރަށްވުރެ ގިނަ ދުވަހު ނުކުރެވޭނެތީ، ޓްރަމްޕް މިފަހަރު ކާމިޔާބުކުރެއްވިޔަސް 2028 ގައި ވާދަކުރެއްވޭނެކަމަށް ނުބެލެވެއެވެ.

މީގެ ކުރިން ޓްރަމްޕް މި އިންތިޚާބުގައި ބަލިވުމުގެ ފުރުސަތު އޮތްކަމަށް އެއްވެސް ފަހަރަކު ފާހަގަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިއީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އެމަނިކުފާނު ބަލިވުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެއްވި ދެވަނަ ފަހަރެވެ.

ހެރިސްގެ ކެމްޕޭނުން އޮގަސްޓް މަހު 190 މިލިއަން ޑޮލަރު ހޯދާފައިވާއިރު، ޓްރަމްޕްގެ ކެމްޕޭނުން ހޯދިފައިވަނީ 130 މިލިއަން ޑޮލަރެވެ. ބީބީސީން ޓްރެކްކުރާ ނޭޝަނަލް ޕޯލިންގ އެވަރެޖްގައި ހެރިސް ވަނީ ކުރީގައެވެ. އަދި ސީބީއެސްއިން އާދީއްތަ ދުވަހު ނެރުނު ޕޯލެއްގައި ވެސް ހެރިސް ވަނީ 52% އާއެކު ޓްރަމްޕަށްވުރެ ކުރީގައެވެ. އެޕޯލްގައި ޓްރަމް އުޅެނީ 48% ގައެވެ.

އެހެންނަމަވެސް، ޓްރަމްޕް ވަނީ މިފަދަ ޕޯލްތަކާމެދު ގިނަފަހަރަށް ޝައްކު އުފައްދަވާފައެވެ. އަދި އެމަނިކުފާނު ގިނަފަހަރު ފާހަގަކުރައްވަނީ އެހެން ތަފާސްހިސާބުތަކުން އެމަނިކުފާނު ބޮޑު ތަފާތަކުން ކުރީގައި ހުންނަ ކަމަށެވެ.