"ހިރިމަރަދޫ ފޯވާޑް" މިހެން ބުނެފިނަމަ ތިލަދުންމަތީގެ ފުޓްބޯޅަ އާއިލާގައި އޭނާ ނުދަންނަ މީހަކު ނުހުންނާނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ހދ.ހިރިމަރަދޫއަށް އުފަން މުހައްމަދު ނަޝީދު (ފޯވާޑް) އަކީ ފޯވާޑެއްގައިގައި ހުންނަން ކޯޗުން ބޭނުންވާ ވަރަށް ގިނަ ކަންކަން ފުރިހަމަވާ ކުޅުންތެރިއެކެވެ.

ސްޕީޑް ބާރެވެ. ދެފައިނަ ބޯޅަ ޖެހުމުގެ ގާބިލްކަމާއި، ކޮއްޓާ ނެއްޓުމުގެ ހުނަރެވެ. ނަޝީދު ފާހަގަ ވަނީ ގޯލާއި ރައްޓެހިވެފައި ލިބޭ މަދު ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ހިފާ އިތުބާރު ފޯވާޑެއްގެ ގޮތުގައެވެ. ދަނޑުމަތީގައި ބުރަކޮށް މަސައްކަތްކުރާ، އެހާމެ ޑިސިޕްލިން ކުޅުންތެރިއެކެވެ.

Ad
rt

2009 ވަނަ އަހަރު ހދ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި ހިރިމަރަދޫ ތަމްސީލް ކުރަން ނުކުތް ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނިގެން އޭނާ ކުޅުނުއިރު، އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. އެ އަހަރު މުބާރާތުގައި އުންމީދީ ކުޅުމެއް ދެއްކި ހިރިމަރަދޫ ޓީމް، މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ރާއްޖޭގެ މަތީފަންތީގައި ގިނަ އަހަރުތަކެއް ވަންދެން ފުޓްބޯޅަ ކުޅުނު ފަންތޮށި ނާޒިމް އިރުޝާދުގެ ދަށުން އެ މުބާރާތުގައި ހިރިމަރަދޫއިން މޮޅު ކުޅުމެއް ދެއްކިއިރު، ހަގު އުމުރުގައި ކޯޗުގެ އިތުބާރު ހޯދި އެއް ކުޅުންތެރިއަކީ ނަޝީދުއެވެ. ނަޝީދު އަށް "ފޯވާޑް" ގެ ނަމުން ނަންދިނީ ކޯޗް ނާޒިމްއެވެ.

އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމާއިއެކު ތިންވަނަ ޑިވިޝަންގައި ބިސް ބުރު ސްޕޯޓސް ކްލަބަށް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެގޮތުން އެ އަހަރު އޭނާ ވަނީ ތިންވަނަ ޑިވިޝަންގައި ކުޅެފައެވެ. އަދި މި އަހަރު އޮތް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވެސް ބިސް ބުރު ޓީމަށް އޭނާ ކުޅުނެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފޯކައިދޫ ފުޓްބޯޅަ ޓީމްގައި ހިމެނިގެން ކުޅެފައިވެއެވެ.

މިދިޔަ މަހު ނިމިގެންދިޔަ، އަތޮޅުގެ ރަށްތަކުން ޓީމްތައް ވާދަކުރި ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި، ނަޝީދުގެ ކެޕްޓަން ކަމުގައި ހިރިމަރަދޫ ވަނީ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. މުބާރާތުގައި މުހިންމު ލަނޑުތަކެއް އޭނާ ޖެހިއިރު، މިއީ އަތޮޅު ޓީމްތައް ވާދަކުރި މުބާރާތެއްގެ ފައިނަލުގައި ހިރިމަރަދޫ ޓީމް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން ބަލިވީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އަތުންނެވެ.

ރާއްޖެތެރޭގެ ފުޓްބޯޅާގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ބައެއް ބޮޑެތި މުބާރާތްތަކުގައި ވެސް އޭނާ ވަނީ ކުޅެފައެވެ. މިގޮތުން އައްޑޫ ސިޓީ ފޭދޫގައި ބާއްވާ ފޭދޫ ސޮކަ ކަޕް ފުޓްބޯޅަ މުބާރާތުގެ، 2022 ވަނަ އަހަރުގެ މުބާރާތުގައި މައިލޯ ސިޓީއަށް ކުޅުނެވެ. މުބާރާތުގެ ފައިނަލުން ބަލިވި ނަމަވެސް އެ މުބާރާތުގެ ބެސްޓް ފޯވާޑްގެ މަގާމް އޭނާ ހޯދިއެވެ.

މީގެއިތުރުން ޅ.އަތޮޅުގައި ބާއްވާ ފޯރިގަދަ މުބާރާތެއް ކަމަށްވާ ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ނައިފަރު ޗެލްސީ ޓީމަށް ފާއިތުވި ދެ އަހަރު ވެސް ކުޅުނެވެ. މިގޮތުން އެ މުބާރާތުގެ ޗެމްޕިއަންކަމާއި ބެސްޓް ފޯވާޑްގެ މަގާމް އޭނާ ވަނީ ހޯދާފައެވެ. އެއީ ބ.އޭދަފުށި ކަހަލަ ވަރުގަދަ ޓީމްތައް ވާދަކުރާ މުބާރާތެކެވެ.

މީގެއިތުރުން ކެލާ ސްޕަ ލީގާއި، ނެއްލައިދޫ ކައުންސިލް ކަޕާއި، އިހަވަންދޫގައި ބާއްވާ އިމަގު ގާޒީ ކަޕާއި މައި ކަޕްގެ އިތުރުން އެކި މުބާރާތްތަކުގައި ވާދަކުރާ ކުޅުދުއްފުށީ ޓީމްތަކަށް އޭނާ މިހާރު ވެސް އަންނަނީ ކުޅެމުންނެވެ. މީގެއިތުރުން ގިނަ ރަށްތަކެއްގެ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު މިހާރު ވެސް ލިބެމުން އަންނަ ކަން އޭނާ ފާހަގަ ކުރެއެވެ.

މިފަދަ ހުނަރުން ފުރިފައިވާ ކިތަންމެ ކުޅުންތެރިންނެއް ތިލަދުންމަތީގައި ތިބިއިރު، ނެތީ ރާއްޖޭގެ އެންމެ މަތީފަންތީގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތާއި އެ މާހައުލެވެ. އެކަމަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދެވިއްޖެނަމަ "ފޯވާޑް" ކަހަލަ ކިތަންމެ ކުޅުންތެރިންނެއް މި ބޮޑުތިލަދުންމަތިން ފެނިގެންދާނެ ކަމާއިމެދު ޝައްކެއް ނެތެވެ.