ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު، ބިންވެރިޔާ ސްކީމްގެދަށުން އިތުރު ފަރާތްތަކަކާއި، އެ ފަރާތްތަކަށް ލިބުނު ގޯތިތައް ހަވާލުކޮށްފިއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ބިންވެރިޔާ ސްކީމްގެދަށުން ގޯތި ލިބުނު އިތުރު ފަރާތްތަކަކާއި އެ ފަރާތްތަކަށް ލިބުނު ގޯތިތައް މިދިޔަ ދެ ދުވަހެއްގެ މަތިން ހަވާލުކޮށްފައިވާ ކަމަށެވެ.
މިގޮތުން 29 އޮގަސްޓު 2024 ވީ ބުރާސްފަތި ދުވަހު ވަނީ 13 ގޯތި އަދި މިއަދު އިތުރު 10 ގޯތި އެ ގޯތިތަކުގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިސްކީމުގެ ދަށުން މިއަހަރުގެ ޖުލައި މަހާއި ހަމައަށް 624 ގޯތި ހަވާލުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހިމެނެނީ 2023 ވަނަ އަހަރު ހަވާލުކުރި 465 ގޯއްޗާއި މިއަހަރުގެ ޖުލަމަހާއި ހަމައަށް ހަވާލުކުރި 159 ގޯއްޗެވެ. މިމަޝްރޫޢުގައި ޖުމްލަ 9001 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ބިންވެރިޔާ ސްކީމްގައި ދޫކުރަން ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. ނަމަވެސް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1096 ގޯތި، ސަރުކާރުން މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްދީފައެވެ.
ބިންވެރިޔާ ސްކީމަށް ހުޅުމާލެއިން ދޫކުރި ބިމުގެ ސަބަބުން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން މިއަހަރުގެ ޖޫން މަހު ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!