ލޭނު މަސްވެރިކަމުން ލިބެންއޮތް މާލީ މަންފާއަށްވުރެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކުރެއްވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ކަމުގައި ފިޝަރީސް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ވަޒީރުންގެ މަޖިލީހުން ނިންމެވީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ނަމަވެސް ލޭނު އަޅައިގެން މަސްވެރިކަން ކުރަން ސަރުކާރުން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވާފައެވެ.
ރައީސްގެ މި ނިންމެވުމާއި ގުޅިގެން މިނިސްޓަރ ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށެވެ.
ސަރުކާރުން މަސްވެރިންގެ އަޑުއަހާ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މަސްވެރިކަމުގެ ސިނާއަތް ބައްޓަންކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އަދި ސިނާއަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށާއި ހައްސަކޮށް މަސްވެރި އާއިލާތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑުކަންނެލި މަސްވެރީންގެ ޔޫނިއަންއާއި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!