އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ.

މި އެއްބަސްވުމަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) ގުޅިގެން މި ޕްރޮގްރާމްތައް ހިންގުމަށް ވެފައިވާ އެއްބަސްވުމެކެވެ.

Ad
rt

މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޕަރމަނަންޓް ސެކްރެޓަރީ، އައިޝަތު ހިކްމާއެވެ. އަދި އެމްއޭއެޗްއާރްޕީ ގެ ފަރާތުން އެ އިދާރާގެ ކޯ-ފައުންޑަރ އަދި ޕްރެޒިޑެންޓް، އަޙްމަދު އިބްރާހިމް އެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ، ދަރިވަރުންނަށާއި، މަސައްކަތްތެރިންނަށް ކެރިއަރ ގައިޑަންސް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމާއި، މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމަށް ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދިނުމާއި، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސަސް އެކި ސިނާއަތްތަކާ ޙިއްސާކޮށް، ވަޒީފާގެ މާހައުލުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އެއްބަސްވުމުގެ ދަށުން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ސެއިލްސް ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުޙިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުން ހިމެނެއެވެ.

ސެއިލްސް ޕްރޮޖެކްޓުގެ އިތުރުން ވެސް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އަންނަނީ ދިވެހި ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، ހަރުދަނާކުރުމަށް ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަމުންނެވެ.