ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު، މި މަގާމަށް އެދޭ ފޯމާއިއެކު ހުށަހަޅަން ޖެހެއެވެ. ފޯމް ހުށަހެޅޭނީ އަންނަ ސެޕްޓެމްބަރ މަހުގެ 10 އަދި 11 ވަނަ ދުވަހުގެ ހެނދުނު 8:30 މެންދުރު 12 ޖެހުމުގެ ނިޔަލަށެވެ. ފޯމާއި އިގްރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޕީޖީ މަގާމު ހުސްވެފައިވަނީ އެ މަގާމު ހުންނެވި ހުސެއިން ޝަމީމް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޝަމީމް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ އެ މަގާމުން ވަކިކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ ފުރަތަމަ މި މަހު 13 ވަނަ ދުވަހު ހުށަހެޅީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަކަށެވެ. އެ ކޮމިޓީން އެ މައްސަލަ ފޮނުވީ މަޖިލީހުގެ ރިޔާސަތަށެވެ. މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހެޅީ މި މަހު 14 ވަނަ ދުވަހުއެވެ. އެ ދުވަހު މަޖިލީހުގެ ތަޅުމުގައި އަމީންއާމް ޝަމީމް އަށް ކުރެވޭ ގިނަ ތުހުމަތުތައް މަޖިލީހުގައި ވަނީ އިއްވާފައެވެ.

ޝަމީމް ޕީޖީކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ ޖައްލާއެއް ތާވަލު ކޮށްފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެ ޖަލްސާގެ ކުރިން ޝަމީމް އިސްތިއުފާ ދެއްވާފައިވާކަން ޕީޖީ އޮފީހުން ހާމަކުރި ނަމަވެސް އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ ލިބިލައްވާފައި ނުވާތީ އެރޭ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސް މަޖިލީހުން ވެސް ވަނީ ޝަމީމް ޕީޖީ މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.

ޕީޖީ މަގާމުގެ ޝަރުތުތައް:

  • މުސްލިމަކު ކަމުގައިވާއި ދިވެއްސަކަށްވުން. އަދި އުމުރުން 25 އަހަރުވެފައިވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް, ހިޔާނާތުގެ ކުށެއް, ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ އެ ފަދަ ހަރަކާތެއްގައި އުޅޭ މީހަކަށް ނުވުން.
  • ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުން.
  • އެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ޕީޖީގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  • ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް, ޕާޓްނާޝިޕެއް ނުވަތަ އެ ނޫންވެސް އެފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކަށް ނުވުން.
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.