ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ.

Ad
d

އެ މައްސަލާގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލާގެ ޝަރީއަތް ކުރިން ލައިވްކޮށް ދައްކާފައިވާތީ މިފަހަރު ވެސް ޝަރީއަތް ލައިވްކުރަން އެދޭ ކަމަށެވެ.

އެހެންކަމުން ކޯޓުން ނިންމީ ދެން އޮންނަ އަޑުއެހުމުން ފެށިގެން ޝަރީއަތް ލައިވްކުރާނެ ކަމަށެވެ.

އެ މައްސަލާގައި މިއަދު ކުރިއަށް ގެންދިޔައީ އެ މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަށެވެ.

އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ދައުލަތުން މައްސަލައެއް އިސްތިއުނާފް ކޮށްފައިވާތީ ދައުލަތުން ބުނީ ސުޕްރީމް ކޯޓުން މައްސަލަ ނިމޭ ގޮތަކުން ހެކިތަކާ ގުޅޭ ބަޔަށް ބަދަލެއް އަތުވެދާނެ ކަމަށެވެ.

ނަމަވެސް ދެން ހުރި ބައިތައް ކުރިއަށް ގެންދިއުމަށް ދައުލަތުން ދެކޮޅެއް ނަހަދަ އެވެ. އެހެންކަމުން ގާޒީ ނިންމެވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންދިއުމަށެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެ ފަރާތުން ވެސް ލިޔުމުން ޖަވާބު ހުށަހަޅަން ގާޒީ ފުރުސަތު ދެއްވި އެވެ.

އެ މައްސަލާގެ ދެން އޮންނަ އަޑުއެހުމެއް އަންނަ މަހު ބާއްވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.

Ad
df

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ.