ދިވެހި ރެޑް ކްރެސެންޓުގެ ޚިދުމަތްތައް ފަސޭހަކޮށްދީ މައުލޫމާތު ފޯރުކޮށްދިނުމަށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.
މި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރުމަށް ތައްޔާރުވެފައިވާކަން ހާމަކުރެއްވީ، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ މެނޭޖަރ ޕްރޮގްރާމްސް އެންޑް ސަރވިސަސް އިބްރާހިމް ޝަމީލް އެވެ.
ޝަމީލް ވިދާޅުވިގޮތުގައި ދިވެހި ރެޑް ކްރެސެންޓް ޖަމްޢިއްޔާއަށް 15 އަހަރު ފުރުމާއި ގުޅުވައިގެން އިފްތިތާހްކުރާ މި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއިއެކު އެ ޖަމްޢިއްޔާގެ ދަރުމަވެރިއަކަށް އަދި މެންބަރަކަށްވުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި މި އެޕް މެދުވެރިކޮށް އެ ޖަމިއްޔާގެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ހޯދުމަށް ފަސޭހަކަން ލިބިދާނެކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.
''އަޅުގަނޑުމެންގެ ދަރުމަވެރިއަކަށް ވާންވެއްޖިއްޔާމުން މި އެޕްލިކޭޝަން މެދުވެރިކޮށްވެސް ދަރުމަވެރިއަކަށް ވެވޭނެ. މި ކަންތައްތަކުގައި ވަރަށް ފަސޭހަކުރެވޭތޯ އަޅުގަނޑުމެން މިބަލަނީ." ޝަމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން ދަނީ މި މަހުގެ 27 ގައި މި އެޕް ތަޢާރުފް ކުރުމަށެވެ.
ދިވެހި ރެޑް ކްރެސެންޓުން މަސައްކަތް ކުރަމުން ދަނީ، އެ ޖަމިއްޔާއިން ދޭ ޚިދުމަތް ފަސޭހައިން އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްކަމަށް ޝަމީލް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!