ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަޤްޞާ މިސްކިތަށް އިސްރާއީލުގެ ބައެއް ވަޒީރުންނާއި، ސެނެޓް މެންބަރުންތަކެއް ހިމެނޭހެން ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާޢީލުގެ މި އަމަލަކީ، މުސްލިމް އުއްމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ހުރުމަތް ކަނޑާލައި، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލެއް ކަމަށެވެ.

Ad
rt

އިސްރާއީލުން އަލްއަޤްޞާ މިސްކިތަށް ތަކުރާރުކޮށް ވަންނަމުން ދިއުމަކީ މެދުއިރުމަތީ ސަރަޙައްދުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅިގެންދާ ހުރަހެއްކަމުގައި ދެކޭކަމަށް އެ ބަޔާނުގައި ބަޔާންކޮށް، އެކަމާމެދު ދިވެހިރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

''"ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަމާއި، ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްޙަވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން އަނެއްކާވެސް ގޮވާލަމެވެ." އެ އެބަޔާނުގައި ބުނެފަވެއެވެ.

އިސްރާއީލުން ހުރުމަތް ކަނޑަމުންދާ އަޤްޞާ މިސްކިތަކީ މި އާލަމްތަކުގެ ވެރި މާތްﷲގެ ހަޟުރަތުގައި ވަކިން ހާއްސަކޮށް މާތްކަން ބޮޑު ތިން މިސްކިތްތެރޭ މިސްކިތެކެވެ. އަނެއް ދެ މިސްކިތަކީ މާތްވެގެންވާ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމް އާއި އަލް މަދީނަތުލް މުނައްވަރާގައި ހުންނަ މަސްޖިދުލް ނަބަވީ އެވެ.

އަލްމަސްޖިދުލްއަޤްޞާ، އަލްޤުދްސު، ފަލަސްޠީން

އަޤްސާ މިސްކިތް ހުންނަ ބިމަކީ ޔަހޫދީންގެ ބިމެއްކަމަށް އެމީހުން ދަޢުވާކުރަމުން އާދެއެވެ. އަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމާއި، މާތް ކީރިތި رسول الله صلى الله عليه وسلم އަށް ﷲ تَعَالَى ހިޖުރަ ކުރެއްވުމަށްފަހު ވެސް ސޯޅަ މަސް ވަންދެން (ގެފުޅަށް ގިބުލަ ބަދަލުކުރައްވައިފުމަށް ދަންދެން) އަޤްޞާ އާއި ދިމާއަށް ކުރިމަތިލައި ހުންނަވައި މާތް ރަސޫލާ އާއި އެންމެހާ މުސްލިމުން ނަމާދުކުރައްވާފަވެއެވެ. އަދި އެ މިސްކިތަކީ މާތް ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅާއި ވެސް ގުޅިފައިވާ މާތް ބިނާއެކެވެ.

އެ މިސްކިތް ހުންނަ އަލް ޤުދުސް އަކީ މާތްވެގެންވާ އިބްރާޙީމްގެ ފާނާއި، އެކަލޭފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިޔުންގެ ފަސްގަނޑުކަން ބަޔާންކޮށް، އެއީ ސަލާމްލެއްވި ދާއޫދުގެ ފާނުގެ ވެރިކަމުގައި އެކަލޭފާނު ވެރިކަން ކުރެއްވި ވެރިރަށެވެ. އަދި އެއީ އެކަލޭފާނުންގެ ލޮބުވެތި ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމްގެ ބޮޑު ވެރިކަން ހިނެގެވި ބިމެވެ. ސުލައިމާންގެ ފާނުގެ ވެރިކަމަކީ އިންސާނިއްޔަތުދުއް އެންމެ ބާރުވެރި، އެފަދަ ދެވަނަ ވެރިކަމެއް ދުނިޔެ ނުދެކޭވަރުގެ ވެރިކަމެކެވެ. އެހެންކަމުން އަގްސާ ހުންނަ ބިމަކީ ޔަހޫދީން ނުވަތަ ޒަޔަނިސްޓުންގެ ތަނެއް ގޮތުގައި ތާރީޚީގޮތުން ވެސް އަދި ދީނީގޮތުން ވެސް ކަނޑައެޅެން ނެތްކަމަށް މުސްލުމުން ދެކެއެވެ. އަދި އެއީ މުސްލިމުންގެ ޙައްޤެއްކަމަށް ވެސް ޤަބޫލުކުރެއެވެ.

އަޤްސާ މިސްކިތް ހުރި ބިމުގެ މާތްކަން އަންގައިވައި އަދިވެސް މާތްﷲ ވަހީ ކުރައްވާފަވެއެވެ. وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ ''އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، ލޫޠުގެފާނު ސަލާމަތްކުރައްވައި، ޢާލަމްތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ.'' (އަލް އަންބިޔާއު 71) އަދިވެސް ވަހީކުރަށްވާފަވެއެވެ. وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَيْءٍ عَالِمِينَ ''އަދި ތިމަންރަސްކަލާނގެ، ސުލައިމާނުގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، ބަރަކާތް ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.'' (އަލް އަންބިޔާއު 81)