ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ގަނޑުވަރު ކައިރިއަށް ޖަމާވެފައި ވަނިކޮށް، ބޮޑު ވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވާފައިވާ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ބުނެފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސީނާ ދިރިއުޅުއްވާ ގަނޑުވަރުކައިރިއަށް އޭނާ އާއި ދެކޮޅަށް އަޑުއުފާ އެ ޤައުމުގެ އެތައްހާސް ރައްޔިތުންނެއް ޖަމާވުމުން ހަސީނާ ވަނީ އަސްކަރީ ހެލިކޮޕްޓަރެއްގައި ފިއްލަވާފައެވެ.
ސެއިޚް ހަސީނާއަށް ވާގިދޭ ސަރުކާރުން ހުއްޓުވަން މަސައްކަތްކުރި މުޒާހަރާތައް ހުއްޓުވިފައިނުވާއިރު، މުޒާހަރާތަކުގައި 300 އެއްހާ މީހުން މަރުވެފައިވާކަމަށާއި، ހުކުރު ދުވަހު އެކަނި ވެސް 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެ ނޫހުން ބުނެއެވެ.
މުޒާހަރާގެ ބައިވެރިން ހަސީނާ އުޅުއްވި ގަނޑުވަރު ދޮށަށް އެއްވެފައި، ފޮޓޯ: އަލްޖަޒީރާ
ރޮއިޓާސްގައި ރިޕޯޓުކޮށްފައިވާގޮތުގައި ހަސީނާ ވަނީ އިސްތިއުފާދެއްވުމަށްފަހު ފިއްލަވާފައެވެ. ހަސީނާ އިސްތިއުފާދެއްވާފައިވާކަމަށާއި، އެ ޤައުމުގައި ވަގުތީ ސަރުކާރެއް އެކުލަވާލެވޭނެކަމަށް އެ ޤައުމުގެ އާމީ ޗީފު ޖެނެރަލް ވޭކަރ އުޒް ޒަމާން ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ބުނެފައިވާކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފަވެއެވެ.
ދަ ޓައިމްސް އޮފް އިންޑިއާއިން ވެސް ވަނީ ބަންގްލަދޭޝްގެ އާރމީ ޗީފާއި ހަވާލާދީ ހަސީނާ އިސްތިއުފާދެއްވުމަށްފަހު ޤައުމު ދޫކުރަށްވާފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
އިތުރު ނޫސްތަކުގައި ވެސް މިގޮތަށް ރިޕޯޓުކޮށްފައިވާއިރު، ހަސީނާ ޤައުމުން ފިއްލަވަން ދަތުރުކުރަށްވާ އަސްކަރީ ހެލިކޮޕްޓަރުކަމަށް ބުނާ ހެލިކޮޕްޓަރެއްގެ ވީޑިއޯ ވެސް އަންނަނީ ދައުރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!