ލޯކަލް ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން، ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް އެވެ.
މެންބަރު މުންތަޡިމް އިބްރާހީމް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލުގައި ބުނާގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ މިހާރު ޤާނޫނު އޮންނަގޮތުން ލޯކަލް ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ، އެ މުއްދަތު 183 ގޮތުގައި ކަނޑައެޅުމެވެ.
މިގޮތުން ލޯކަލް ކައުންސިލްގެ ގޮނޑިއެއް ހުސްވުމުން ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު ދެ ފަހަރުކަމަށް މި ބިލުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އަހަރަކު ދެ ފަހަރު ބައި އިލެކްޝަން ބާއްވާއިރު ދެ ބައި-އިލެކްޝަންގެ ދެ މެދުގައި 183 އަށް ވުރެ ދިގު އަދި 120 އަށް ވުރެ ކުރުމުއްދަތެއް ފާއިތުވެގެން ނުވާނެކަމަށް މި ބިލުގައި ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް ބައި-އިލެކްޝަންތައް ފުލުފުލުގައި ބާއްވަން ޖެހުމުން އެކަމަށް ހިނގާ ޚަރަދު އިންތިހާއަށް އިތުރުވެފައިވާތީ، އެކަމަކީ ހައްލު ހޯދަންޖެހިފައިވާކަމެއްކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ތަކުރާރުކޮށް މީގެ ކުރީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!