ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ ކަމަށް ވިދާޅުވެ ރައީސް އުރުދުޣާން ވަރުގަދަ އިންޒާރެއް އިސްރާއީލަށް ދެއްވައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ލިބިޔާ އަދި ނަގޯރްނޯ-ކަރަބާޚްއަށް މީގެ ކުރިން ވެސް ތުރުކީން ވަދެފައިވާ ފަދައިން އިސްރާއީލަށް ވެސް ވަދެދާނެ ކަމަށެވެ. ނަމަވެސް އެ ވަނުމަކީ ކޮން ބާވަތެއްގެ ވަނުމެއްކަން އެމަނިކުފާނު ސާފުކޮށް ވިދާޅެއް ނުވިއެވެ.

Ad
rt

"އަހަރުމެން ވަރަށް ވަރުގަދަ ވާން ޖެހޭ. އެއީ އިސްރާއީލުން ފަލަސްޠީނަށް މިކުރާ ބޭއަދަބީ ކަންތައްތައް ނުކުރެވޭ ވަރަށް. ކަރަބާޚަށް އަހަރުމެން ވަތް ފަދައިން، ލިބިޔާއަށް ވަތް ފަދައިން، އެމީހުންނާ ދިމާލަށް ވެސް އެފަދަ ކަމެއް ކޮށްފާނެ." އާދީއްތަ ދުވަހު ޓަރކީގެ ރިޒެ ސިޓީގައި ބޭއްވި އޭކޭ ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަރދޮއާން ވިދާޅުވިއެވެ.

ރައީސް އުރުދުޣާން އިތުރަށް ވިދާޅުވީ މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ތުރުކީއަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެކަން ކުރުމަށް ޓަރކީ ވަރުގަދަ ވާންޖެހޭ ކަމަށެވެ.

2020 ވަނަ އަހަރު ތުރުކީން ވަނީ ލިބިޔާގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އެ ޤައުމަށް އަސްކަރީ މީހުން ފޮނުވާފައެވެ. އަދި ނަގޯރްނޯ-ކަރަބާޚްގެ މައްސަލައިގައި އަޒަރުބައިޖާނަށް އަސްކަރީ ތަމްރީނާއި މޮޑަނައިޒޭޝަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ޓަރކީން ވަނީ ބުނެފައެވެ.

ރައީސް އުރުދުޣާންގެ ވާހަކަފުޅާ ގުޅޭ ގޮތުން އޭކޭ ޕާޓީގެ ފަރާތުން އިތުރު މަޢުލޫމާތެއް ދޭން އިންކާރުކުރިއެވެ. އަދި އިސްރާއީލުން ވެސް މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.