ކުޅުދުއްފުށި މަށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި ޕްލެޓްފޯމް ތަރައްގީ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށު ކޮރަލް ދަނޑުގެ އިރުމަތީ އޮންނަ ދަނޑުމަގުގެ އިރުމަތީ ފަރާތު، ކުޅީގެ ސަރަހައްދުގައެވެ.

Ad
rt

މި ޕްލެޓްފޯމުގައި ޖެޓީއަކާއިއެކު ހަޓެއް ތަރައްގީކުރާނެއެވެ. ޖެޓީގެ އަރިމަތީ ފެންސްސުޖެހުމުގެ އިތުރުން ޖެޓީއަށް އަރާފޭބުމަށް ރޭމްޕެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުޅީގައި ކެނޯ ދުއްވުމުގެ އިންތިޒާމް ފަސޭހައިން ހަމަޖެއްސުމަށް އެ ފަދަ އުޅަނދުތަކަށް ފަސޭހައިން އަރާފޭބޭނޭ އިންތިޒާމް ހަމަޖައްސަން ވަނީ ޕްލޭން ކޮށްފައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ކުޅީގެ އެއްބައި ހިއްކައި ވަނީ އެއާޕޯޓް ތަރައްގީ ކޮށްފައެވެ. ހިއްކުމާއިއެކު ކުޅީގައި ފެން ދައުރުވުން ހުއްޓު އެތަނުގެ ދިރުންތައް މަރުވެ، ކުޅީގައި ނުބައި ވަސް ދުވަން ފެށުމުން އެތަނުގެ ބާކީބައި ހިއްކުމުގެ ހިޔާލެއް އެ ރަށު ބައެއް މީހުންގެ މެދުގައި އެ ދުވަސްވަރު އޮތެވެ.

ނަމަވެސް 2021 ވަނަ އަހަރު "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ބުނީ ކުޅި ހިއްކުމުގެ ވިސްނުމަކީ އެއްވެސް ވަރަކަށް ކައުންސިލުން ގެންގުޅޭ ވިސްނުމެއް ނޫންކަމަށާއި، އެ ކައުންސިލުގެ ވިސްނުމަކީ އެތަނުގައި ނޭޗާ ޕާކެއްފަދަ ތަނެއް ތަރައްގީ ކުރުން ކަމަށެވެ. އެ ވިސްނުމާއި އެއްގޮތަށް ކުޅީގެ ރީތިކަން ބަލައިލެވޭނޭ ގޮތް އެތަނުގައި ޕްލެޓްފޯމެއް ތަރައްގީ ކުރަން ސިޓީ ކައުންސިލުން މިވަނީ ނިންމާފައެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓަރީ ވާން ޖެހެއެވެ. މި މަސައްކަތާއި ގުޅޭ އެންމެހާ މައުލޫމާތު ޖުލައި 28 ވަނަ ދުވަހުން ފެށިގެން އެ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.