ކުރީގެ ބިލެތްދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ހަލީމް، ޓީވީ ޕްރޮގްރާމެއްގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި ގުޅުވައިގެން ހެއްދެވީ ކަނޑައެޅިގެން ދޮގުކަމަށް ޖޭޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، ޖޭޕީގެ ލީޑަރުގެ ސީނިއާ އެޑްވައިޒަރ ޢަބުދުﷲ ނަވާޒް ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނާކަން ވެސް ކުރައްވާފައިވާ ނަވާޒު މިހެން ވިދާޅުވީ، ރޭ ވީޓީވީން ގެނެސްދިން ''ފަސްމަންޒަރު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ބައެއް ސިޔާސީ ބޭފުޅުން ޖޭޕީގެ ލީޑަރަށް ކިޔާ ސިޔާސީ ފާޑުކިޔުންތަކަށް އިޝާރާތް ކުރަށްވައި، އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަވާޒް ވިދާޅުވީ، ޤާސިމަށް ފާޑުކިޔަނީ މަސައްކަތްތަކެއް ކުރާތީ ކަމަށާއި، ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދެވޭތީ ކަމަށެވެ. އަދި އެކަންކަމުން ރަނގަޅު ފައިދާތަކެއް ޤައުމަށް ވެސް ރައްޔިތުންނަށް ވެސް ކުރާތީ ކަމަށެވެ.

އެއަށްފަހު ޓީވީ ޕްރޮގްރާމެއްގައި ކުރީގެ ބިލެތްދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ހަލީމް ޤާސިމް އިބްރާޙީމާއި ގުޅުވައި ދެއްކެވި ވާހަކައަށް އިޝާރާތްކުރަށްވައި ނަވާޒް ވިދާޅުވީ، ފުރަތަމަ ކަމަކަށް ދަންނަންޖެހޭ ހަޤީޤަތަކީ ވާހަކައެއް ދެއްކުމުގެ ކުރިން ކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގެންޖެހޭނެ ކަމެވެ.

''ތެދެއް ކީކިމިންޏަކީ ޤާސިމް އިބްރާޙީމް ނަމުގައި އޮތް ރަށެއް، ނަމަވެސް އެތަނަކީ އަދި މަސްވިއްކާ މަސްކިރާ ހަދާތަނެއްނޫން، އެއީ އެކަމަށް ހޯދާފައި އޮތް ރަށެއް، ނަމަވެސް އަދި ކަންތައްތައް ހުރިގޮތުން އެރަށުގައި އެކަންކަމެއް ނުހިނގާ، މާންދޫ އަކީ ވަރަށް ކުރީއްސުރެ މަސް ބަންދުކޮށް ރާއްޖޭން ބޭރަށް މަސް ފޮނުވާ މި ހުރިހާ މަސައްކަތެއް ކުރެވެމުންދާ ތަނެއް، ކޮންމެ ސަރުކާރެއް އަޔަސް އެ ސަރުކާރަކުން މަސްވިއްކާ އަގަކަށް އެ މަސް ގަނެގެން މިހާތަނަށް މާންދޫ މަސް ފެކްޓްރީގައި އެ މަސައްކަތް ކުރެވެމުން އެ ދިޔައީ'' ނަވާޒް ވިދާޅުވިއެވެ.

''އެބަ ވިދާޅުވޭ ހަ ރުފިޔާއަކަށް ކިލޯ އެކޭ، އެއީ ކޮންތާކުން ހޯދައިގެން އުޅޭ އަދަދެއްތޯ؟ އަޅުގަނޑުމެން ބަލަންވީ ދެއްތޯ އެއީ ކިހިނެތް އައި އަދަދެއްތޯ، ކޮން ސަރުކާރަކުން ކާކުބުނެގެން އައި އަދަދެއްތޯ؟ ވާހަކައެއް ދައްކަންވާނީ ކަންކަން ވަރަށް ރަނގަޅަށް އިނގިގެން، އަޅުގަނޑަށް ވެސް ހަމަ ބުނެވިދާނެ އަހްމަދު ހަލީމް ވިދާޅުވިއޭ މިވެނިވާހަކައެއް މިހެން، އެހެން ކަމަކު ނުދާނެ'' ނަވާޒް އިތުރަށް ވިދާޅުވިއެވެ.

ނަވާޒް ވަނީ އެ ސަރުކާރެއްގެ ވެރިއެއްގެ މަތިން އަމުރު މައުރޫފް ހިންގަވައިގެން މަސް ކިލޯއަކަށް ހަ ރުފިޔާއަށް ތިރިކުރަން ޤާސިމްއަށް އޮތް ބާރަކީ ކޮބައިތޯ ސުވާލު ކުރަށްވާފައެވެ. އަދި ހަލީމް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި، އެއީ ޤާސިމްގެ އަބުރު ކަތިލައި މީހެއްގެ ނައިއްޒަތުއް ނަފްސަށް އަރައިގަތުން ކަމަށް ވެސް ވިދާޅުވިއެވެ.

''ޤާސިމް އިބްރާހިމަކީ ކާކުތޯ އެ ސަރުކާރެއްގެ ވެރިއެއްގެ މަތިން އަމުރު މައުރޫފް ހިންގަވައިގެން މަސް ކިލޯއަކަށް ހަ ރުފިޔާއަށް ތިރިކުރަން، އެއީ ކަނޑައެޅިގެން ދޮގު، އެއީ މީހެއްގެ އަބުރު ކަތިލައި މީހެއްގެ ނައިއްޒަތުއް ނަފްސަށް އަރައިގަތުން'' ނަވާޒް ވިދާޅުވެފަވެއެވެ.