މިޔަންމާަގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުން ހިންގާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަށް ވަނުމުގެ ފުރުސަތު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ރާއްޖެއަށް ދީފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ބުނީ، އައިސީޖޭ ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގެންނެވުމަށް އައިސީޖޭ ގެ ފަނޑިޔާރުންގެ އިއްތިފާޤުން 3 ޖުލައި 2024 ގައި ނިންމާފައިވާ ކަމަށެވެ.

Ad
rt

ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓުން ވަނީ، ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ގައި ހުރި ކަންކަމަކީ އެ ކޯޓަށް ބެއްލެވޭނެ ކަންކަން ކަމަށް ނިންމާފައެވެ.

ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު، އައިސީޖޭއިން މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިންޓަރވެންޝަން ބަލައިގެންނެވުމާމެދު މިޔަންމާއިން އިޢުތިރާޟެއް ހުށަހަޅާފައިވަނިކޮށެވެ.

ދިވެހިރާއްޖެއިން ތަދައްޚުލުވުމުގެ ފުރުޞަތު ލިބުނު މި މައްސަލައަކީ، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް 11 ނޮވެމްބަރ 2019 ގައި، ރާއްޖެއިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލައިގައ،ި މިޔަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކ،ީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލުތަކެއް ކަމަށް ވަނީ ހުށަހަޅައިފައެވެ.

މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ރާއްޖެ އިން 2017 ވަނަ އަހަރު ވަނީ އެ ގައުމާއެކު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ. އަދި މި މައްސަލައާ ގުޅޭ ގިނަ ރެޒޮލިއުޝަންތަކެއް ކޯ-ސްޕޮންސާކޮށް އދ.ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެއިން ހުށަހެޅިއެވެ.

މިޔަންމާއާ ދެކޮޅަށް ގެމްބިއާ އިން އައިސީޖޭ އަށް ހުށަހެޅި މައްސަލަ އަށް ރާއްޖެ އިން ތަދައްހުލުވާން ފޮރިން މިނިސްޓްރީން ވަޒީރުންގެ މަޖިލިހަށް ހުށަހެޅުމުން އެ މައްސަލަ އަށް ރާއްޖެ އިން ތަދައްހުލުވުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައި ވަނީ ފެބްރުއަރީ 18، 2020 ގައެވެ.

ދިވެހި ޚާރިޖިއްޔާއިން ބުނީ ރޮހިންޖާގެ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

މި މައްސަލާގައި ރާއްޖެ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނެނ،ީ އިނގިރޭސިވިލާތުގެ ޑައުޓީ ސްޓްރީޓް ޗޭމްބާސްގެ ވަކީލު އަމާލް ކްލޫނީ އާއ،ި އިނގިރޭސިވިލާތުގެ ޓްވެންޓީ އެސެކްސްގެ ވަކީލު ޕްރޮފެސަރު ފިލީޕާ ވެބް ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ކުރިން ވަނީ ބުނެފައެވެ.

ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަކީ ދޭދޭ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދައިފައިވާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ.