ދިރިއުޅުމުގެ ހަޔާތަކީ އުފަލާއި ހިތާމައިގެ ދަތުރެކެވެ. މި ސާދާ ހަތް ގަވާއިދުގައި ހިފަހައްޓައިގެން ދުނިޔޭގެ ހަޔާތުގައި ކާމިޔާބު އަދި އަމާން ދަތުރެއް ކުރެވިދާނެއެވެ.
މިއީ، ސްޓީވަން އާރު. ކޯވީގެ "ސެވަން ރޫލް އޮފް ލައިފް" ގައިވާ ހަތް އަސާސް އަސްލަކަށް ބަލައިގެ އޭގެ މައްޗަށް ކޮށްލާފައިވާ އުނިއިތުރުކޮށްލުމެކެވެ. އިސްލާމީ ދިވެހި ވެށްޓަށް ބައްޓަންކޮށްލެއްވޭތޯ ބެލީއެވެ.
1.މާޒީ ފަހާ ނުދުވާށެވެ؛
މާޒީއަށް ނުބަލައި ކުރިއަށް ދާށެވެ. މާޒީން ހޯދަން ޖެހޭނީ ޢިބުރަތެވެ.
ނުރަނގަޅު މާޒީއަކުން މިއަދާއި މުސްތަގުބަލު ހަލާކުގެ ތެރެއަށް ވައްޓާނުލާށެވެ. ކުށެއް ކުރެވިފައިވާނަމަ ތައުބާވެ، ހަޔާތައިގެން ކުރިއަށް ދާށެވެ.
2. އަޅާނުލާށެވެ؛
އެހެން މީހުން ތިބާއާ މެދު ކޮންމެ ގޮތަކަށް ދެކުނަސް ތިބާ ކުރާނީ ކީއްހެއްޔެވެ؟
ހެޔޮލަފާ މީހުންގެ ހެޔޮ ނަސޭހަތް އަޑުއަހަންވާނެއެވެ. އެކަމަކު ހިތްމަރާލައި މާޔޫސްކޮށްލާ ފަދަ ބޭކާރު އަޑުތައް ނާހާށެވެ. ތިބާއަށް އޮތީ އެފަދަ އަޑުތައްނާހާ އިޚުލާޞްތެރިކަމާއެކު ގަދައަޅާ މަސައްކަތްކުރުމެވެ.
3. ވަގުތު ދޭށެވެ؛
ވަގުތަކީ ގާތްގަނޑަކަށް ހުރިހާ ކަމެއްގެ ހައްލެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެކަން ދަންނާށެވެ.
ގިނަ ކަންކަމުގައި ހެޔޮ ނަތީޖާ ނެރެވެނީ އެ ކަންކަމަށް ގިނަ ވަގުތު ދީގެންނެވެ.
4. އަޅާނުކިޔާށެވެ؛
އަމިއްލަ ނަފުސާއި އެހެން މީހުންނާ އަޅާ ނުކިޔާށެވެ. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއާ އެހެން މީހުންނާ އަޅާ ނުކިޔާށެވެ. ތިމާގެ ދަރިންނާ އެހެން މީހުންގެ ދަރިންނާ އަޅާނުކިޔާށެވެ.
ތިބާގެ ހަޔާތުގެ ދަތުރުގެ މާލިމީއަކީ ތިޔައީއެވެ. ހަސަދަވެރިކަމުގެ ނިރެއް ހިތުގައި ފެޅިޔަ ނުދޭށެވެ.
5. ހަމަޖެހޭށެވެ؛
ތިބާގެ ހަޔާތް އުފާވެރި ހަޔާތަކަށް ހެދޭނީ ތިބާއަށެވެ. ރުޅިމަޑުކޮށް، ކެތްތެރިކަމާއި އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރާށެވެ. ލިބޭ މިންވަރަށް ރުހޭށެވެ. ލިބޭވަރުން ޚަރަދުކުރާށެވެ.
ތިބާ އެދޭ ކަންކަން ހާސިލުނުވެ ހިނގާ ވަގުތުތަކުގައި އެހެން މީހުން ކުށްވެރި ނުކުރާށެވެ. އަދި އެހެން މީހުންނާމެދު ކުށްހީ ނުކުރާށެވެ. އެހެން މީހުންގެ ކަންކަމާ ބެހި ގޮތްފާޑު ވެސް ނުކިޔާށެވެ.
6. ފިކުރު ބޮޑު ނުވާށެވެ؛
ފިކުރުކުރުމުގައި ވެސް ހައްދެއްވެއެވެ. ބޭކާރު ވިސްނުންތަކުން ނަފުސާނީ ދުޅަހެޔޮކަން ގެއްލިދާނެއެވެ. ނަފުސާނީ ދުޅަހެޔޮކަމާއެކު ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެއެވެ. ދުނިޔެ މަތީގައި ޖަވާބު ނުލިބޭ އެތައް ސުވާލަކާއި އިންސާފު ނުލިބޭ އެތައް މައްސަލައެއް ފެންނާނެއެވެ. ހާސިލުނުވާ އެތައް ލަނޑުދަނޑިއެއް ހުންނާނެއެވެ.
ތިބާއާ އެކަށީގެންނުވާވަރުގެ އުންމީދުތައް ކުރާނަމަ ފިކުރު ބޮޑުވެ ނުތަނަވަސްކަން ބޮޑުވެ އުފާވެރިކަން ގެއްލޭނެއެވެ.
7. ހިނިތުންވެލާށެވެ؛
ހިނިތުންވުމަކީ ވަރަށް ގިނަ ގުޅުންތަކެއްގެ ބަދަހިކޮށްދޭ ބާރެކެވެ. ހުރިހާ މައްސަލަތަކެއް ހައްލުވެގެން ހީލަން ހުންނަ މީހާ ހީލާނެ ދުވަހެއް ނާންނާނެއެވެ.
އެހެން މީހުންނަށް މަޢާފުކޮށް، ކަންކަމުގައި ދޫދީ، ބޭކާރު އަނގަތެޅުމުން ދުރުވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!