އިންޑިއާގެ ކެރަލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ އެ ސްޓޭޓުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އަންގައިފިއެވެ.

ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު ބަޔާނެއްގައި ވަނީ ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން"އަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

Ad
rt

ބްރެއިން އީޓިން އެމީބާ ބައްޔަކީ ކަންފަތް ނުވަތަ ނޭފަތުން ހަށިގަނޑުގެ އެތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސްވިމިން ޕޫލަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް އިޔާ ބަޑް ފަދަ ތަކެތި ބޭނުން ކުރަން ވެސް އެދިފައިވެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފިޓް ޖެހުމާއި ބޮލުގައި ރިއްސުމާއި ހުން އައުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން ހިމެނެއެވެ. މިފަދަ އަލާމަތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވަނީ އަންގައިފައެވެ.