ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ "ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024" ގެ ފުރަތަމަ މެޗު ހިތްވަރު ޓީމުން ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު މި މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހިތްވަރާއި ޓީމް ކަމަނައެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ ހިތްވަރު ޓީމުންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/23، 18/25، 25/20، 25/19) އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހިތްވަރު ޓީމްގެ ޖޯޒީ ނަމްބަރު 5، މަރިޔަމް ލީޒާއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޓްރައިކާސްއާއި ޓީމް ވިނާސްއެވެ. މެޗު ފަށާނީ ހަވީރު 16:00 ގައެވެ.
މި މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ހިތްވަރު، ޓީމް ކަމަނަ، ޓީމް ސްޓްރައިކްސްގެ އިތުރުން ޓީމް ވިނާސްއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 18 ވަނަ ދުވަހުއެވެ.
މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމާއި ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
ރޮލިގަންސްއަކީ ފީވަކުގައި އިޖުތިމާއީ ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތަރައްގީއަށް މަސައްކަތް ކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހު ރަޖިސްޓަރީ ކޮށްފައިވާ ކްލަބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!