ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ ވާދަކުރަން ޖެހިއްޖެއެވެ.
މިއަދު ފަތިހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރީ ކޮލަމްބިއާ އާއި އުރުގުއޭ އެވެ. މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކޮލަމްބިއާއެވެ.
ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 39 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ޖަހައިދިނީ ލެމާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އުރުގުއޭ އޭރިއާތެރެއިން ހަމޭސް ރޮޑްރިގޭޒް ބޮލުން ހުރަސްކުރި ބޯޅައެއްގައެވެ. މިއީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމޭސް ރޮޑްރިގޭޒް. މި މުބާރާތުގައި ހަވަނަ އެސިސްޓެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ކޮލަމްބިއާގެ މުނޯޒްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑު ދައްކާފައި ވަނީ އުރުގުއޭގެ އުގާޓޭއަށް އުޅަނބޮށިން ހަމަލާ ދިނުމުންނެވެ.
މުޅި ދެވަނަ ހާފު އެއްކޮށް ކޮލަމްބިއާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، އުރުގުއޭއިން ވަނީ ކުރިއަށް ޖެހި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ކޮލަމްބިއާއިން ވަނީ ހުރިހާ ކުޅުންތެރިން ފަހަތަށް ޖެހި ރަނގަޅު ޑިފެންސެއްކޮށްފައެވެ. މެޗުގައި ކޮލަމްބިއާގެ ކީޕަރުގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.
އަންނަ އާދީއްތަ ދުވަހުގެ ރޭ ފަތިހު 05:00 ޖަހާއިރު ފަށާ މުބާރާތުގެ ފައިނަލް މެޗުގައި ކޮލްމަބިއާ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!