މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް މަގާމުން ވަކިކޮށްފިއެވެ.
ބައްސާމް މަގާމުން ވަކިކުރުމަށް އެމްއެމްޕީއާރްސީގެ ބޯޑުން ނިންމައި އެކަން އޭނާއަށް އެންގީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް، ބައްސާމް ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ.
މިކަމާ ގުޅިގެން އެމްއެމްޕީއާރުސީން ވެސް ވަކި އެއްޗެއް ނުބުނެއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުުގެ މަގާމުގައި ހުރި ފާތިމަތު ތައުފީގު (ކުޑީ) ވެސް މީގެކުރިން ވަނީ ވަކިކޮށްފައެވެ. ކުޑީ ވަކި ކުރުމުން އެ ކުންފުނި ވަގުތީ ގޮތުން ހިންގަން ހަވާލުކޮށްފައި ވަނީ ބައްސާމެވެ. އޭގެ ފަހުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިބްރާހިމް ޝިއުރީ ވަނީ އައްޔަންކޮށްފައެވެ.
ބައްސާމްގެ އިތުރުން ކުންފުނީގައި ގިނަ ދުވަސްވީ މުވައްޒަފެއް ކަމަށްވާ އިބްރާހިމް އާސިމް ވެސް ބޯޑުގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ވަކިކޮށްފައެެވެ. އޭނާ ވަނީ ޓޫރިޒަމް އިންޑަސްޓްރީ ތެރޭގައި ވިއްސަކަށް އަހަރު މަސައްކަތްކޮށްފައެވެ.
އެމްއެމްޕީއާރްސީއިން ބައްސާމްއާ ވަކިކުރިއިރު އޭނާ އެ ކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވިއެވެ. އެ މައްސަލަ ފެންމަތިވެފައިވަނިކޮށް އެމްއެމްޕީއާރުސީގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެކަމަކު، އޭނާ ވެސް އިސްތިއުފާ ދެއްވާފައި ވަނީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށްގެންދާ ސަރުކާރުގެ ކުންފުންޏެވެ. އެ ޒިންމާގެ ދަށުން އެމްއެމްޕީއާރުސީން ގެންދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!