ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި ރީޓެއިލް ފިހާރަތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ބިދޭސީންގެ ބޮޑެއް ރޭ އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ބިދޭސީއަކު ހޯދާފައިވާ ކަމަށެވެ.
އެމީހާ އަތުލައިގަތީ ރޭގައި 11:30 އާއި ދަންވަރު 12:30 އާ ދެމެދު ހިންގި އޮޕަރޭޝަނެއްގައި ކަމަށް އެ ޕޯސްޓުގައިވެއެވެ.
މި ބިދޭސީ މީހާއާ އެކު، އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ތިން ފިރިހެނަކާ އެކު، އަންހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ތަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިން ވެސް ޖޫރިމަނާކޮށް، އެހެނިހެން ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދީފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެތެރޭގައި ހިންގާ މާރުކޭޓުތަކާއި ލޯކަލް މާރުކޭޓު ރެއިޑްކޮށް އެ ތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރޭ އަތުލައިގަތް މީހުންނާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު 64 ބިދޭސީން އެބަތިއްބެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން މި ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބެންދެން ހުއްޓާނުލާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!