ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި މުއައްސަސާތަކަށް އަމާޒުކޮށްގެން "މޯޓިވޭޝަން އެންޑް ލީޑަޝިޕް ވޯކްޝޮޕް 2024" ގެ ނަމުގައި ކުރިއަށް ގެންދާ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ވޯކްޝޮޕަކީ ދިއްދޫގެ އިޖްތިމާއީ ފޭރާން ހެޔޮކޮށް އެ ރަށުގައި އިޖްތިމާއީ ހަރަކާތް ހިންގުމަށް ރަޖިސްޓަރީ ކޮށްފައިވާ، ދިއްދޫ ދިއްގާ ފައުންޑޭޝަންއާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެއް ދުވަހުގެ މި ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު، ހއ.އަތޮޅު ކައުންސިލްގެ ހޯލުގައެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ބޭނުންވާ ފޯމް މިހާރު އެ ރަށުގެ ހުރިހާ މުއައްސަސާއަކަށް ފޮނުވާފައިވާއިރު، އިތުރަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިއްގާ ފައުންޑޭޝަންގެ އެސިސްޓެންޓް ސެކްރެޓަރީ (9170986) އާޒިމް އާއި ގުޅުމަށް އެ ފައުންޑޭޝަނުން އެދެއެވެ.
މި ވޯކްޝޮޕްގައި ޕަބްލިކް ސްޕީޗުގައި ރާއްޖޭގެ ނަން މަޝްހޫރު ދެ ބޭފުޅުންކަމަށްވާ މަސްއޫދު އަލީއާއި އަފީފް ހުސެއިން ބައިވެރިވެލައްވާނެއެވެ.
މި ވޯކްޝޮޕްގައި ނަތީޖާ ހާސިލްކުރާނެ ގޮތާއި، މުވައްޒަފުންގެ ހިތްހަމަ ޖެހުމުގެ މުހިންމުކަމާއި، މުވައްޒަފުންގެ ހިތްހަމަ ޖެހުމަށް ކުރެވިދާނެ މުހިންމު ކަންކަމުގެ އިތުރުން އަމިއްލަ ކުރިއެރުމަށް ކުރެދވިދާނެ މުހިންމު ކަންކަމާއި ގުޅޭގޮތުން ސެޝަންތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް މުހިންމު އެތައް ސެޝަންތަކެއް މި ވޯކްޝޮޕްގައި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!