އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތައްޔާރީތައް މިހާރު ވަނީ ފަހު މަރުހަލާއަށް ގޮސްފައިކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް މިއަދު ވިދާޅުވެއްޖެއެވެ.
މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕެސްކޮވް ވިދާޅުވީ، މި ދަތުރުފުޅާ ގުޅޭ ރަސްމީ އިޢުލާން ދެ ގައުމުގެ ލީޑަރުންގެ ނޫސް ބަޔާން ޚިދުމަތްތަކުން އެއް ވަގުތެއްގައި ނެރޭނެ ކަމަށެވެ.
"މި ދަތުރުފުޅު ވަރަށް މުހިންމު," ޕެސްކޮވް ވިދާޅުވިއެވެ. "ރައީސް ޕުޓިންއާއި ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވާ ދުނިޔެއާއި ސަރަހައްދީ ސަލާމަތާއި ވިޔަފާރިއާއި އެހެނިހެން މުހިންމު މައުޟޫތަކާ މެދު މަޝްވަރާކުރައްވާނެ."
އިންޑިއާގެ ބޮޑުވަޒީރު ރަޝިއާއަށް ވަޑައިގަންނަވާނީ ޖުލައި 8 އާއި 9 އާ ދެމެދު ކަމަށް ރަޝިއާގެ މީޑިއާތަކުން ކުރިން ރިޕޯޓުކޮށްފައިވެއެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުން ވެސް ބޭނުންވާކަމަށް ޕެސްކޮވް ފާހަގަކުރެއްވިއެވެ. އަދި ރައީސް ޕުޓިންއާއި ބޮޑުވަޒީރު މޯދީއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން، ދެ ލީޑަރުން އެޖެންޑާގައި ހިމެނޭ ހުރިހާ މައުޟޫއަކާ މެދު ޚިޔާލު ބަދަލުކުރައްވާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!