މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 10 ދާއިރާއަކުން 20 ޕަސެންޓާ ހަމައަށް ޚަރަދުތައް ކުޑަކުރަން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ. އޭނާ މި މަޢުލޫމާތު ދެއްވީ މިއަދު ވީއައިޕީ އިމާރާތުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad
rt

އެމްއޭސީއެލްއިން ޚަރަދު ކުޑަކުރާނެ ދާއިރާތަކުގެ ތެރޭގައި ތެލަށް ކުރާ ޚަރަދު 20 ޕަސެންޓަށް ކުޑަކުރުމާއި، ކޮންސިއުމަބަލްސްއަށް ކުރާ ޚަރަދު 10-15 ޕަސެންޓަށް ކުޑަކުރުން ހިމެނެއެވެ. މީގެ އިތުރުން ފެނާއި ކަރަންޓަށް ކުރާ ޚަރަދުވެސް ކުޑަކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ދަތުރުފަތުރު ކުރުމަށް ކުރާ ޚަރަދާއި، ކުންފުނީގެ އެތެރޭގެ ހިންގުމުގެ ޚަރަދުވެސް ކުޑަކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި ބޭންކު ޗާޖުތައް ކުޑަކުރުމަށް ނެގޯޝިއޭޓް ކުރާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ކުންފުނީގެ އެތެރޭގެ ކޮމިއުނިކޭޝަނަށް ކުރާ ޚަރަދު 60 ޕަސެންޓަށް ކުޑަކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މީގެ އިތުރުން އެތެރޭގެ އިންވެންޓްރީއަށް ކުރާ ޚަރަދާއި އިވެންޓްތައް ބޭއްވުމަށް ކުރާ ޚަރަދުވެސް ކުޑަކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މި ފިޔަވަޅުތައް އަޅަނީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ހިންގުން ހަރުދަނާކުރުމުގެ މަޤްޞަދުގައި ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މި ބަދަލުތަކާއެކު ކުންފުނީގެ ޚިދުމަތްތަކަށް އަސަރެއް ނުކުރާނެ ކަމަށްވެސް ވަނީ ޔަޤީންކޮށްދީފައެވެ.